އިންތިހާބުތަކުން ބަލިވީ ރައްޔިތުން ވޯޓު ނުދީގެނެއް ނޫން: އަދުރޭ

ފާއިތުވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޕްރޮގްރެސިވް ކޯލިޝަނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައްޔިތުން ވޯޓު ނުދީގެން ނޫން ކަމަށް ޕީޕަލްސް ނޭޝަނަލްސް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އިންތިހާބުތަކުން ބަލިވުމަކީ ސިޔާސީ މައިދާނުން ދުރަށްދާންޖެހޭ އަދި ޕާޓީއެއްގެ ލީޑަޝިޕް އިސްތިއުފާ ދޭންޖެހޭ ކަމެއް ނޫން ކަމަށާއި އެގޮތުން މިއަދު އިންތިހާބުތަކުން އިދިކޮޅު ފަރާތްތައް ބަލިވީ ރައްޔިތުން ވޯޓު ނުދީގެން ނޫން ކަމަށެވެ.
"ރިޔާސީ އިންތިހާބު ވަގަށް ނެގީ. މަޖިލިސް އިންތިހާބު ވަގަށް ނެގީ. ލީޑަޝިޕްގެ އެއްވެސް އިހުމާލެއް އޮވެގެނެއް ނޫން. ރައްޔިތުންގެ ވެސް މައްސަލައެއް އޮވެގެނެއް ނޫން މި އުޅެނީ" ފޮނަދޫ ދާއިރާގެ މިފަހަރުގެ މަޖިލިސް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އަދުރޭ ވިދާޅުވިއެވެ.
މިދިޔަ މަޖިލިސް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެގޮތުން ކޮމަންވެލްތުން ނެރުނު ރިޕޯޓުގައި އެކަމުގެ ހެކިތައް ބަޔާންކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެގޮތުން މިދިޔަ މަޖިލިސް އިންތިހާބަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި އަދި ފައިސާގެ ނުފޫޒު އިންތިހާ އަށް ފޯރާފައިވާ އިންތިހާބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"މީގެ އަލީގައި އަޅުގަނޑު މި ދަންނަވަނީ މިދިޔަ އިންތިހާބުތަކަކީ ދެފުށް ފެންނަ ހާމަކަން ބޮޑު އިންތިހާބުތަކެއް ނޫނޭ" އަދުރޭ ވިދާޅުވިއެވެ.
އިންތިހާބުތަކުން އެމްޑީޕީ ވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރައްވަމުން އަދުރޭ ވަނީ ބަލިވާ ކޮންމެ ފަހަރަކު ލީޑަޝިޕް ދުރަށްދާން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ބަލިވާ ކޮންމެ ފަހަރަކު އާ ހިތްވަރަކާ އެކީ ސަފުތައް ރުކުރުވާލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ