ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު އެމަނިކުފާނު ވެސް ޗުއްޓީއަށް އަވައްޓެރި ސްރީލަންކާ އަށް ވަޑައިގެންފިއެވެ.
މައުމޫން ޗުއްޓީ އަށް ވަޑައިގެންނެވި އިރު އިންތިޚާބު ކާމިޔާބު ކުރަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޗުއްޓީ އަށް މިހަފްތާގައި އިނގިރޭސިވިލާތައް ފުރައިވަޑައިގެންފައެވެ.
މައުމޫން ޗުއްޓީއަށް ލަންކާ އަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އާއި އެކުގައެވެ.
މަޖިލިސް އިންތިޚާބުގައި މައުމޫންގެ ތާއީދާއި އެކު 20 ބޭފުޅުން ވާދަކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވުނީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށް އެކަންޏެވެ.
މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމާއި، މައުމޫންގެ އަރިސް ބޭކަނބަލެއް ކަމަށްވާ ފާތިމަތު ނާދިރާ އަށް ވެސް އިންތިޚާބު ކާމިޔާބެއް ނުކުރެއްވުނެވެ.
އިންތިޚާބަށް ފަހު މައުމޫން ވިދާޅުވީ މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރަން ކަމަށާއި ނަމަވެސް ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވޭނީ އިންތިޚާބުގެ މާހައުލަކީ ނަޒާހަތްތެރި މަޖިލީހަކަށް ވެގެން ކަމަށެވެ.
"އެއާއި ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބޭއްވޭ އިންތިޚާބެއްގެ ނަތީޖާ އަކީ ޙަޤީޤަތުގައި ތެދު ނަތީޖާ އަކަށް ނުވާނެ." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވެސް ބައްދަލު ކުރައްވާފައެވެ. މައުމޫން ރައީސް ޞާލިހާއި ބައްދަލު މިކުރެއްވީ ޕީޕީއެމް އަނބުރާ ހޯއްދަވައި ދެއްވަން ރައީސް ޞާލިހް ވެވަޑައިގެންނެވި ވައުދު އަދިވެސް ނުފުއްދަވާ ކަމަށާއި އެވައުދު ވަރަށް އަވަހަށް ފުއްދަވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިތާ ދެހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.
އިއްޔެގެ ބައްދަލުވުމަށް ފަހު މައުމޫން ވިދާޅުވީ މަޝްވަރާކުރެއްވި ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް އެއްބަސްވެވޭ ކަމަށާއި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ.
އިންތިޚާބުގެ ނާކާމިޔާބަށް ފަހު މައުމޫން ވެސް ޗުއްޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ