އިވުމުން މަހުރޫމްވުމުން ބަދަލުދިނުމަށް ކުރި އަމުރުން ސިއްހީ ދާއިރާގެ ގާނޫނީ ކަންކަމަށް ބޮޑު ބަދަލެއް އަންނާނެ: ސުއޫދު

ކުޑަކުއްޖަކަށް ޑޮކްޓަރު ދިން ބޭހުގެ ސަބަބުން އިވުމުގެ ހިއްސުން މަހުރޫމްވުމުން އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި ގާނޫނީ ކަންކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލުން ތިން އަހަރުގެ ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ޖުލައި މަހުގެ 25 ވަނަ ދުވަހު ކުރި އަމުރާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފާހަގަކޮށްލެވޭ އެ ހުކުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި ގާނޫނީ ކަންކަމަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ނިންމުމެއް ކަމަށެވެ. ހުކުމުން ފާހަގަކޮށްލެވޭ ކަންކަމަށް އަލިއަޅުވާލައްވައި ސުއޫދު ވިދާޅުވީ މުވައްޒަފުންގެ ފަރާތުން ހިނގާ އިހުމާލުގެ އަމަލުތަކުގެ ޒިންމާ މުއައްސަސާއިން ވެސް ގާނޫނީގޮތުން ނަގަންޖެހޭ އުސޫލު ކޯޓުން ބަލައިގަތް މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ބަދަލުގެ ގޮތުން ނަގައިދެވޭ މިންވަރަކީ އެކަށީގެންވާ މިންވަރަކަށް ވާންޖެހޭކަމާއި އެއަށްވުރެ ބޮޑުވެގެންނުވާނެކަން ވެސް ކޯޓު ހުކުމުން ކަނޑައަޅާފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މިގޮތުން އެ މައްސަލާގައި ބަދަލުގެ ގޮތުގައި ދޭން އެންގި ފައިސާގެ ތެރެއިން 2 މިލިއަން ރުފިޔާއަކީ ނަފުސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލުކަން ފާހަގަކުރެއްވިއެވެ. އަދި 3 މިލިއަން ރުފިޔާއަކީ ކުއްޖާއަށް ދިމާވި ހާލަތާ ގުޅިގެން މުސްތަގުބަލުގައި އާމްދަނީ ހޯދުމުގެ މަގު ކުއްޖާއަށް ބަންދުވެގެންދާތީ އެކަމަށް ކަނޑައަޅާފައިވާ ފައިސާ ކަމާއި، އަދި 719،600 ރުފިޔާއަކީ ކަންފަތުގެ އޮޕަރޭޝަން ކުރުމަށް ހިނގި ޚަރަދުކަމާއި، އަދި 899،500 ރުފިޔާއަކީ ހިއަރިން އެއިޑަށް 35 އަހަރަށް ޚަރަދުކުރަންޖެހޭ މިންވަރުކަން ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލަ ދަށު ކޯޓުގައި ހިނގި ދުވަސްވަރު ކުއްޖާގެ ހައްގުގައި ހިލޭ ވަކާލާތުކޮށްދެއްވި ބޭފުޅެކެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް އޭރު މައްސަލަ ނިންމާފައިވަނީ ބަދަލުނަގައިދޭނެ ތަނެއް ނެތް ކަމަށެވެ.
ހާދިސާ ހިނގިތާ 12 އަހަރު ފަހުން ކުއްޖާގެ ބައްޕައާ އެއްކޮޅަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާފައިވާއިރު، ހުކުމުގައި ވަނީ ކުއްޖާއަށް ޖެންޓަމައިސިން ކިޔާ ބޭހެއް ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވާ ކަމަށެވެ. މި ބޭހަކީ ވަރަށް ފަރުވާތެރިކަމާއެކު ދޭންޖެހޭ ބޭހަކަށް ވީނަމަވެސް، ބޭސް ދިނުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެންމެ ރަގަޅަށް ބަލާފައި ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ