ސީސީޓީވީ ފުޓޭޖުން ފެންނަނީ ބޮން ގޮއްވި މީހާ ހަމަޖެހިލައިގެން ހުރެ ފައްޅި އަށް ވަންނަ މަންޒަރު

ކޮލަމްބޯ (އެޕްރީލް 24) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގެ ނިގަމްބޯގެ ސެއިންޓް ސެބަސްޓިއަންސް ފައްޅި ފުރިބާރުވެފައި ވަނިކޮށް އެ ފައްޅީގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދިން މީހާ ފައްޅި އަށް ވަންނަން ދިޔައީ ވަރަށް ހަމަޖެހިލައިގެންކަން ސީސީޓީވީގެ މަންޒަރުތަކުން ފެނެ އެވެ.
ފައްޅި އަށް ވަންނަން ދަނިކޮށް ދިމާވި ކުޑަ ކުއްޖެއްގެ ބޮލުގައި އޭނާ ފިރުމާލަ އެވެ. އެ ވަގުތު އެ ކުއްޖާ ވެސް އޭނާއާ ދިމާލަށް ބަލާލަ އެވެ. އެ ކުއްޖާ އަކީ ސެބަސްޓިއަންސް ފައްޅި އަށް އެ ދުވަހު ގޮސް މީހުން ގިނަވުމުން ނުކުމެގެން ދިޔަ 66 އަހަރުގެ ދިލިޕް ފެނާންޑޯ ކިޔާ މީހެއްގެ ކާފަ ދަރިއެކެވެ. ފެނާންޑޯގެ އެ ނިންމުމުގެ ސަބަބުން އޭނާ ސަލާމަތްވި އެވެ. އޭނާގެ އާއިލާގެ މެންބަރުން ތިބީ ފައްޅީގެ ބޭރުގަ އެވެ. ފައްޅީގެ ބޭރުގައި ތިބީ އެތެރޭން ޖާގަ ނުލިބުނު މީހުންނެވެ.
ބޮން ގޮއްވި މީހާ ފައްޅި އަށް ވަންނަން ދަަނީ.
ސެބަސްޓިއަންސް ފައްޅީގެ ބޭރުގައި ހުރި ސެކިއުރިޓީ ކެމެރާ އިން ފެންނަ ގޮތުގައި ހަމަލާ ދިން މީހާ ދަބަހެއް އަޅުވައިގެން ދިޔަ އިރު އޭނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ގަމީހަކާއި ނޭވީ ފަޓުލޫނެކެވެ. އޭނާ ހިނގައިފައި ދިޔަ ގޮތުން އެއީ ބަރު ދަބަހެއްކަން އެނގެ އެވެ. ފައްޅީގެ ދޮރުތައް ހުރަސްކޮށް އޭނާ ދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އޭނާ ފައްޅި ތެރެއަށް ވަނީ ތިން ވަނަ ދޮރުންނެވެ. ފައްޅި އަށް ވަދެ ހިނގަން އޮންނަ މަގަކާ ހަމައަށް ދާތަނުން ފުޓޭޖް ހުއްޓެވެ.
ބޮން ގޮއްވި މީހާ ދިޔަ އިރު ފައްޅީގެ އަޅުކަން ނިންމާފައި ބައެއް މީހުން ނުކުންނަން ތައްޔާރު ވަނީ އެވެ.
ފައްޅީގައި ގޮއްވާލި ބޮމުގެ ބާރުގަދަވުމުގެ ސަބަބުން ބޮޑު ގެއްލުމެއް އެ އިމާރާތަށް ލިބުނެވެ. ބެލެވޭ ގޮތުގައި އާދިއްތަ ދުވަހު އެންމެ ބާރުގަދަ ބޮމެއް ގޮއްވާލީ ވެސް ސެބަސްޓިއަންސް ފައްޅީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ