ގާޒީ ނިހާންގެ ސަސްޕެންޝަން އުވާލުމަށް ޖޭއެސްސީން ނިންމައިފި

އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ ސަސްޕެންޝަން އުވާލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީއިން ގާޒީ އަހްމަދު ނިހާނު ސަސްޕެންޑްކޮށްފައިވަނީ އެމައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެކޮމިޝަނަށް ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ނިހާނު ސަސްޕެންޑްކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ނިހާނުގެ މައްޗަށް އެމައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅި ކަމަށްވެސް ޒަހީން ވިދާޅުވި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ އެ މައްސަލަ ގާޒީ ނިހާނުގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާތީ ގާޒީ ނިހާންގެ ސަސްޕެންޝަން މިވަގުތަށް އުވާލުމަށް ޖޭއެސްސީން މިއަދު ނިންމާފައިވާ ކަމަށްވެސް ޒަހީން ވަނީ ވިދާޅުވެފަ އެވެ.
ޒަހީން ވިދާޅުވީ ގާޒީ ނިހާނުގެ ސަސްޕެންޝަން އުވާލި ނަމަވެސް ނިހާނުގެ މައްޗަށް އެކޮމިޝަނުން ތަހްގީގުކުރަމުންދާ މައްސަލަ އަދިވެސް ނުނިމޭ ކަމަށެވެ. ގާޒީ ނިހާންގެ މައްސަލަ ކޮމިޝަނުން ބަލަމުންދަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަންވެސް ޒަހީން ވަނީ ފާހަގަކުރައްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ ނިހާން 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
މިމައްސަލަ ނިހާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް ނިހާން މިނިވަންކުރަން ހައިކޯޓުން އަމުރުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ