މަތީދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާ މާދަމާ ރޭ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމް މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ 8:30 ގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ.މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެއެވެ.ރައީސް އޮފީހުން ބުނި ގޮތުގައި މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީން ނެވެ.ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ