ގާސިމް އިބްރާހީމް އަބަދުވެސް އިސްކުރައްވަނީ ގައުމުގެ މަސްލަހަތު: ޝަހުދީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަބަދުވެސް އިސްކުރައްވަނީ ގައުމުގެ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެއެވެ.
ޝަހުދީ މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ގާސިމް ގެންނަވަން ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަހުދީ ވަނީ މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު ކަނޑައެޅިގެން ގާނޫނުގަ ބަޔާންކޮށްފަ އޮންނަންޖެހޭ ގޮތަށް ގާސިމް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދުކުރައްވާފައެވެ.
މި އިސްލާހަށް ތާއީދުކުރައްވާ ޝަހުދީ ވިދާޅުވީ ގާސިމް އިބްރާހީމަކީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އަދި ގައުމު އިސްކުރައްވާ ބޭފުޅެއް ކަމަށެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަލީ ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވާ އިތުރުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މި އިސްލާހަކީ އަސާސީ އިސްލާހެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ މަޖިލީހަކަށް 87 މެމްބަރުން ގިނަ ކަމަށް ވިދާޅުވެފައެވެ.
މެމްބަރު ހަމީދު ވިދާޅުވީ ގާސިމް އިބްރާހީމަކީ ގައުމުގެ މުސްތަގުބަލާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަވާ ބޭފުޅެއް ކަމަށާއި ފެހި ގާނޫނުއަސާސީ ވުޖޫދުވެގެންދިޔައީ އެމަނިކުފާނަށް ވަރަށް ގިނަ ފިއްތުންތަކެއް ކުރިމަތިވި އިރެއްގައި ކަމަށެވެ.
ގާނޫނު އަސާސީއަށް ގާސިމް ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކުކަމަށް ވަނީ ބަޔާންކޮށްފައެވެ.
ގާސިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެ ކަމަށެވެ.
އެގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިގްތިސާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ