އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވިޔަދީގެން ނުވާނެ: މެމްބަރު ޝަރީފް

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިޔަނުދިނުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.
އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެމްބަރު ކުރެއްވި ޓްވިޓެއްގައި ވަނީ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފަވާއިރު ރައީސް ސާލިހް ވެރިކަމަށް ގެންނަން ބޭނުންވަނީ އެ ޕްރޮޖެކްޓް ހުއްޓުވިޔަނުދީ ކުރިއަށްގެންދަން ބޭނުންވާތީ ކަމަށެވެ.
އައްޑޫ ބިން ހިއްކުން ހުއްޓުވާކަށް އައްޑޫ ރައްޔިތުން އޯކޭ ނޫންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މި ސަރުކާރުން ފަންޑު ހޯދައިގެން ފަށަން ތައްޔާރުވެފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ހުއްޓާލަން އޯކޭ ނޫން ކަމަށެވެ.
ބިން ހިއްކުނަސް އެތަނުގެ ބޭނުން ހެޔޮގޮތުގައި ކުރެވޭނެ ގޮތްވާން ޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މިމަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދު އާއި މަރަދޫ އަދި މަރަދޫ ފޭދޫން ބިން ހިއްކާނެއެވެ. މަޝްރޫއު ނިންމަންޖެހެނީ 18 މަސް ދުވަހުންނެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ކުރިންވަނީ ހާމަކޮށްފައެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ