މެމްބަރު މުއިއްޒު ވެސް ރައީސްގެ ފެކްޝަނާ ގުޅިވަޑައިގެންފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި އެމަނިކުފާނު ފަޅީގައި ހުންނެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ރައީސް އާއި ނަޝީދުގެ ފެކްޝަންގެ ތެރެއިން މުއިއްޒު ފެށުނީއްސުރެ ހުންނެވީ ނަޝީދު ފަޅީގަ އެވެ.
އެހެން ނަމަވެސް އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. މުއިއްޒު ވެސް ރައީސް ފަޅީގައި މަސައްކަތް ކުރައްވަން ފެއްޓެވިއިރު، ނަޝީދާ އެކު ތިއްބެވި އެހެން ގިނަ މެމްބަރުންތަކެއް ވެސް ވަނީ ރައީސަށް ތާއީދުކުރައްވައި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވައިފަ އެވެ.
އޭގެތެރޭގައި، ނަޝީދާ އަރިސް މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ.
ނަޝީދު ފެކްޝަންގައި ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް މިހާރު ތިއްބެވި އިރު ނިމިދިޔަ ރިޔާސީ ޕްރައިމަރީގައި ރައީސް ހޯއްދެވި ކާމިޔާބީ ގަބޫލުކުރައްވަން އަދިވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ރައީސަށް ރިޔާސީ ޕްރައިމަރީ ކާމިޔާބުވީ އޮޅުވާލުމުގެ ތެރެއިން ކަމަށާއި އެމަނިކުފާނާ އެކު އެމްޑީޕީއަށް ދެ ވަނަ ދައުރެއް ނުލިބޭނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވެ އެވެ.
ނަޝީދު ފެކްޝަންގެ ވިސްނުން ހާމަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ "ފިކުރެއްގެ ދިރުން" ގޮފިތަކެއް ހަދައި 50،000 މެންބަރުން އެ ގޮފިތަކަށް ހަމަ ކުރުމެވެ. އަދި ރިޔާސީ ކެނޑިޑޭޓަކީ ކާކުތޯ ފަހުން ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ކާމިޔާބު ކުރެއްވީ ޕްރައިމަރީ އިންތިހާބުން 61 ޕަސެންޓު ކާމިޔާބު ކުރައްވައިގެންނެވެ. އަދި ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ