ތިން ގަޑިއިރު ފަހުން ހިޔާ ޓަވަރުތަކަށް ކަރަންޓު ދީފި

ދިމާވި މައްސަލައަކާއި ގުޅިގެން ތިން ގަޑިއިރަށް ކަރަންޓު ކެނޑިފައި އޮތުމަށްފަހު ހިޔާ ޓަވަރުތަކަށް އަލުން ކަރަންޓު ދީފި އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން އަޅާފައިވާ މައި ކޭބަލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުގެ ހުރިހާ ފްލެޓަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 11:25 ހާއިރު އެވެ. އަދި ޓަވަރުތަކަށް ކަރަންޓު އަނބުރާ ލިބިފައިވަނީ މެންދުރުފަހު 3:02 ހާއިރު އެވެ.
ސްޓެލްކޯއިން ބުނީ މައި ކޭބަލަށް ގެއްލުންވީ އެ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ބިން ކޮނުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ކުންފުނިން ވަނީ އެހެން ކޭބަލެއް މެދުވެރިކޮށް ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
ފަންސަވީސް ބުރިއަށް ހުންނަ ހިޔާ ޓަވަރުތަކުން އެއް ފަހަރާ ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެތަނުގައި އުޅޭ ބައެއް އާންމުން ވަނީ އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ކަނޑައިގެންދާ ހާލަތުގައި ހިޔާ ފްލެޓްތައް ފަދަ އުސް އިމާރާތްތަކަށް ކަރަންޓް ދޭނެ ބެކަޕް ސިސްޓަމެއް ގާއިމުކޮށްފައި ނެތުމެވެ.
މިއީ ހިޔާ ޓަވަރުތަކުގެ ހުރިހާ ޓަވަރަކުން އެއްފަހަރާ ކަރަންޓު ދިޔަ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ