މިއަދު މޫސުން ގޯހީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް

ރާއްޖޭގެ އުތުރު ފިޔަވައި އެހެން ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން "ވީނިއުސް" އާއި ވާހަކަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، މިއަދު ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުަތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުރިއަށް އޮތީ އެ ސަރަހައްދުތަކަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު ދެ ސަރަހައްދަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ވައިޓް އެލާޓްވެސް ނެރެފައެވެ. އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަށެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެއްވި، މީޓްރޮލިޖިސްޓް ވިދާޅުވީ، ކުރިއަށްއޮތް 3 ދުވަހުވެސް ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ. އަދި މި ފެށޭ ހަފްތާގެ ކުރީކޮޅު އުތުރާ މެދުރާއްޖެތެރެއަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވި ނަމަވެސް، ހަފްތާގެ ފަހުކޮޅު މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރުމަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަހަރެމެން ގުނަމުން މިދަނީ ހޭނަކަތުގެ ދުވަސްތަކެވެ. މިއީ ހުޅަނގުން 15 ވަނަ ނަކަތަށް ވާއިރު، ހޭނަކަތަކީ ވައިގެ ނަކަތެކެވެ.
އެހެންކަމުން މިހިނގާ މަހުގެ 31ގެ ނިއަލަށް ކުރިއަށް މިއޮތް ދުވަސްވަރު މޫސުން ގޯސްވުމަކީ ލަފާކުރެވޭ ކަމެކެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ