ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް ރައީސް ޝުކުރު ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް، އިންޑިއާގެ ޑޭލް ވިއު ގްރޫޕުން ދިން ޑރ.އަބްދުލްކަލާމް ޕުރަސްކަރ ފޯރ އެކްސެލެންސް އިން ގަވަނަންސް އެވޯޑާ ހަވާލުވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމުން، ދިވެހި ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރޭ ދިވެހި ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާގެ ސަބަބުން އެމަނިކުފާނުގެ ހިތްޕުޅަށް ވަރަށް ބޮޑު އުފާވެރިކަމެއް އައި ކަމަށެވެ. ރައީސް ޔާމީން މާލެ ވަޑައިގަތުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން "އެކި އުމުރުގެ، އަންހެން އަދި ފިރިހެން ރައްޔިތުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ފަރާތުން އަޅުގަނޑަށް ދެންނެވި މަރުހަބާއާއި، އަޅުގަނޑާއި ސަރުކާރަށް ލިބޭ މިފަދަ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމަކީ، އަޅުގަނޑުގެ ހިތްވަރާއި އަޒުމު ވަރުގަދަ ކުރުވާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މިފަދަ މަންޒަރުތައް މުޖުތަމަޢުން ފެނުމަކީ، ސަރުކާރާއި އެމަނިކުފާނު ގައުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަވާ ކަންކަން ކަމަށެވެ. ރައީސް ޔާމީން މާލެ ވަޑައިގަތުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށާއި، އަންހެނުންނާއި، ކުޑަކުދިންނާއި، ޒުވާނުންނާއި ހުރިހާ ރައްޔިތުންނަށް އުންމީދު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި ރައްޔިތުންނަށް ތަރައްގީއާއި އިގްތިސާދީ ކުރިއެރުން ގެނައުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ޑރ ކަލާމް ޕުރަސްކާރ ފޯ އެކްސެލެންސް އިން ގަވަނެންސްގެ ފުރަތަމަ އެވޯޑު ރައީސް ޔާމީނަށް އެރުއްވީތީ، އެމަނިކުފާނު ވަނީ، އެ އެވޯޑު ތައާރަފު ކުރި ޑޭލް ވިއު ގްރޫޕަށާއި، ޓްރިވެންޑްރަމްގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ރައީސް ޔާމީން މާލެ ވަޑައިގަތުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން "އަޅުގަނޑާއި ސަރުކާރުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް އިގްތިސާދީ ކުރިއެރުން ގެނައުން. އަޅުގަނޑުމެންނަށް ވުރެ މާ ބޮޑު މުޖުތަމައަކުން މި މަސައްކަތް ބަލައިގަތުމަކީ ވަރަށް އުފާވެރިކަން ގެނުވާ ކަމެއް،" ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީނަށް ޑޭލް ވިއު ގްރޫޕުން އިއްޔެ ޑރ ކަލާމް އެވޯޑް ފޯރ އެކްސެލެންސް އިން ގަވަނެންސް ދެއްވާފައިވާ އިރު، އެވޯޑާ އެކު ރޭ ރާއްޖެ ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އެގޮތުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކެބިނެޓުގެ ވަޒީރުންނާޢި މަޖިލީހުގެ މެމްބަރުންގެ އިތުރުން، އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރައީސަށް މަރުހަބާ ކީ އިރު، މާލޭ ޖުމްހޫރީ މައިދާނުގައި ވެސް އާންމުންގެ ގިނަ ރައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށް ޖަމާވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ