ފައިނޭންޝަލް އެކްސްޕޯގައި މިއަދު ކުޑަކުދިންގެ ހަވީރަކާއި ހަވާ އެރުވުން

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް
އެކްސްޕޯގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރަކާއި ހަވާއެރުވުމުގެ ހަރަކާތްތަކެއް ބާއްވަން ރާވައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ، ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި
މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް
ލިބިގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 4-6 އަށް ހުޅުމާލެ ސެންޓްރަލް
ޕާކުގަ އެވެ.
ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ކުރިއަށް
ދާއިރު އެކްސްޕޯގެ މައި ހަރަކާތްތައް އެކީގައި ކުރިއަށް ދާނެ އެވެ. އަދި ހުކުރު
ދުވަހާއި ހޮނިހިރު ދުވަހު ރޭގަނޑު 10 ޖަހާއިރު ސެންޓްރަލް ޕާކުގައި ހަވާ އެރުވުން އޮންނާނެ އެވެ.
އިއްޔެ ފެށި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25000
ރުފިޔާގެ ފައިސާގެ އިނާމެއް ދޫކުރާނެ އެވެ. އަދި
ކޮންމެ ދުވަހަކު ފަސް އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ދޭން އެކްސްޕޯއަށް އަންނަ މީހުންގެ މެދުގައި ގުރުއަތުން ހޮވާނެ އެވެ.
 ފައިނޭންޝަލް އެކްސްޕޯގައި މާލީ ދާއިރާގެ 38 ފަރާތަކުން ބައިވެރިވެ އެވެ. އެ އެކްސްޕޯގެ ބޭނުމަކީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އާންމުން ގުޅުވައިދީ، މާލީ ހޭލުންތެރިކަމާއި އާ އީޖާދުތައް ދައްކާލުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ