ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށަން ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ (ފުރަތަމަ ފިޔަވަހި) ތާރު އެޅުމުގެ މަސައްކަތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ދަނީ ކުރިއަށް ކަމަށެވެ.
އެމްޓީސީސީން ބުނީ ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތައް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މަޝްރޫޢުގެ 4 ވަނަ އަދި 5 ވަނަ ސެގްމަންޓްގެ ސަބް-ބޭސްގެ މަސައްކަތްތައް 2 ޖުލައި 2026 ގައި ފެށާފައިވާއިރު، އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފްތާގައި ފެށޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ބާކީ ހުރި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތްތައް ވެސް ބާރަށް ކުރިއަށްދާއިރު، އަންނަ ހަފުތާގެ ކުރީކޮޅު އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޕޭވްމަންޓް ހެދުމާއި، ޕާކިންގ ޒޯންތަކުގައި ކާބްސްޓޯން ޖެހުމުގެ އިތުރުން، އެއްގަމު ތޮށީގެ ކެޕިންގް ކޮންކްރީޓްގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ކެޕިންގް މަސައްކަތް މި ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ މި މަޝްރޫޢަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިން ވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާ ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގުގެ މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ނޯތު ހާބަރު ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް މިހާރު ތަރައްޤީނުކުރެވި އޮތް ދަރުމަވަންތަ ހޮސްޕިޓަލް ސަރަޙައްދުގެ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް މި ހަފްތާގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ