ގިނަ ދުވަސްތަކެއް ވަންދެން ގެއްލިގެން ހޯދަމުންދިޔަ މީހާ ސިނަމާލެ ބުރިޖުން ފުއްމާލައިފައިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި ހަބަރެއް ނެތި ގެއްލިގެން ހޯދަމުންދިޔަ މާލެ، ގ. ގާރނެޓް، ހަސަން ޔާމިން (30 އަހަރު) ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވަނީ 2025 ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 03:24 ހާއިރުއެވެ.
ޔާމިންގެ އާއިލާއިން އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އާއިލާއިން ދީފައިވާ މަޢުލޫމާތުގައި، އޭނާ ގެއިން ނިކުމެފައިވަނީ ޖުލައި 11 ވަނަ ދުވަހުގެ ރޭގަނޑު 9:25 ހާއިރުކަމަށާއި، އޭގެ ފަހުން އެއްވެސް ހަބަރެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ ތެރެއިން އޭނާ އެއްވެސް ޝައްކުކުރެވޭ ހަރަކާތެއް ނުވަތަ ޖިނާއީ ކުށެއް ކުރުމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައެއް ނުވެއެވެ. އަދި އޭނާ ގައުމުން ބޭރަށް ގޮސްފައިވޭތޯ ބެލުމަށްފަހު، އެފަދަ ކަމެއްވެސް ހިނގާފައިނުވާކަން ކަށަވަރުވެފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ލިބުނު ކުރިއެރުންތަކުގެ މަޢުލޫމާތު ވަނީ އާއިލާއާ ހިއްސާކޮށްފައެވެ. އަދި މިހާރު ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމެންޓާއި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަގުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް އޮތް ފަރާތެއްވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން 9400053 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި މައްސަލައާ ގުޅޭގޮތުން ސައްހަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނާއި މީޑިއާތަކަށް އިލްތިމާސްކޮށްފައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ގެއްލިގެން ހޯދާ މީހާ ސިނަމާލެ ބުރިޖުން ފުންމާލާ މަންޒަރު ފެނިފައިވޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ