އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން، މަސްވެރިން މަދުވީ ވަޒީފާތައް ދީފައިވުމުން: ރައީސް

އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށާއި އެ ސިނާއަތުގައި އުޅޭ މީހުން މަދުވީ އެތައް ބަޔަކަށް ވަޒީފާތައް ދީފައި ހުރުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ވިހި ރުފިޔާއަށް މަސް ކިލޯއެއް ގަންނަ އަގު ހެދުމުގެ ވައުދު ނުފުއްދާ ކަމަށް ބުނެ މަސްވެރިން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. މީގެ ކުރިން ވެސް ރައީސް ވަނީ އެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދެއްވައިފައެވެ. https://sun.mv/211663 މިއަދު އާންމުކުރި 'ދަ ޕްލަސް' ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި އެ މަނިކުފާނު ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން، ސަރުކާރުގެ ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ އަމާޒެއް ކަމަށާއި އުންމީދަކީ އެއަށް ވުރެ މައްޗަށް ގެންދެވޭނެ ގޮތްވުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް: ރައީސް ވަނީ، މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެން ގޮސް ދާއިމީ ވުމަކީ އެ މަނިކުފާނު ކުރައްވާ އުންމީދެއް ކަމަށާއި އެ ރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. އަދި، އެންމެ ރަނގަޅު އަގެއް ދެވޭނީ މި ކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން މަދުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ބަޔަކަށް ވަޒީފާތައް ދީފައި އޮތުމުންނެވެ. އެކަން ބަދަލުކޮށް، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން އިތުރުކުރައްވާނެކަން ދޭހަވާ މޭރުމަކުން އެ މަނިކުފާނު ވާހަކަދެއްކެވިއެވެ. މަސްމާރުކޭޓު ސަރަހައްދުގައި މީހަކު މަސްތަކެއް ހިފައިގެން: ރައީސް ވިދާޅުވީ، އަމާޒަކީ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ފާހަގަކުރެވޭ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރީއެވެ. ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހެވެ. މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ. ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ