އީރާން ފުނޑުފުނޑުކޮށްލަން ނަތަންޔާހޫ ކުރި އުންމީދުތައް ނިމުނީ ނާކާމިޔާބީއަކުން!

އަންގާރަ ދުވަހު އިސްރާއީލުގެ ނޫސް ސައިޓެއް ކަމަށްވާ 'ހާރެޓްޒް' ގެ ފަލަ ސުރުޚީގައި ލިޔެފައިވާ އިބާރާތުން ގިނަ ޒައިނިސްޓުންގެ އިހުސާސްތައް ވަނީ ހާމަވެފައެވެ. "އީރާނުގައި ލިބުނު ނާކާމިޔާބީއަކީ އޮކްޓޫބަރު 7 ގެ ފަހުން ނަތަންޔާހޫއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ."
އީރާނާއެކު ކުރަމުންދިޔަ ތިން މަސްދުވަހުގެ ދިގު ހަނގުރާމައަށްފަހު، އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާއިން މިވަނީ، އިސްރާއީލުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބެލެވޭ ގޮތަށް، ވަގުތީ އެއްބަސްވުމެއްގައި ސޮއި ކުރުމާއި ހަމައަށް އައިސްފައެވެ.
އޭގެ ބަދަލުގައި، އިސްރާއީލުގެ ސިޔާސީވެރިން އެތައް އަހަރެއް ވަންދެން އެ ގައުމެއްގެ ސަބަބުން އިސްރާއީލުގެ ދެމިއޮތުމަށް ނުރައްކާ އޮތް ކަމަށް ސިފަކުރަމުން އައި އީރާނު އަދިވެސް އޮތީ ސާބިތުކަމާއެކުގައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުގެ ސަބަބުން، ކުރިއަށްވުރެ ވެސް އެ ގައުމުގެ ބާރުގަދަވެފައިވާ ކަމަށް ބުނެވިދާނެއެވެ.
މި އެއްބަސްވުމާ ދެކޮޅަށް އިސްރާއީލުގެ މެދުމިނުގެ ސިޔާސީ ފިކުރުގެ މީހުންނާއި ހަރުކަށި ކަނާތު ފިޔައިގެ މީހުން ވެސް ވަނީ ތެދުވެފައެވެ.
މި އަހަރު ފަހުކޮޅު ބާއްވާ އިންތިޚާބުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަލިކޮށްލާނެ ކަމަށް ބެލެވޭ މެދުމިނުގެ ސިޔާސީ ލީޑަރު ގާޑީ އައިޒެންކޮޓް ވަނީ ނަތަންޔާހޫއަށާއި އެމެރިކާ-އީރާނު އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އައިޒެންކޮޓް ވަނީ މިއީ "ނާކާމިޔާބު ސަރުކާރެއްގެ ހިތާމަވެރި ނަތީޖާ" ކަމަށް ސިފަކޮށް، ނަތަންޔާހޫގެ "ފުރިހަމަ ކާމިޔާބީގެ ހުސް ވައުދުތަކާއި" އެމެރިކާއާއި އީރާނާ ދެމެދު ވެވޭ އެއްބަސްވުމުގެ އޮނިގަނޑާ ދެމެދު އޮތް "ބޮޑު ފަރަގަށް" އިޝާރާތް ކޮށްފައެވެ.
ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ހަރުކަށި ކަނާތު ފިޔައިގެ މެންބަރުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރް އަދި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ، ކުރިއަށް އޮތް އިންތިޚާބަށް ލޯ އަމާޒުކޮށްގެން ތިބެ، އާދައިގެ މަތިން ދޫނުދޭނެ ކަމަށް ބުނެފައެވެ. އެމެރިކާއާއި އީރާނުގެ ލީޑަރުންނަށް އިޝާރާތްކޮށް ބެން-ގްވީރް ބުނީ "ޓްރަމްޕާއި [މުޖްތަބާ] ޚާމަނާއީއާ ދެމެދު ވެވޭ އެއްބަސްވުންތަކަށް އަހަރެމެން އަމަލުކޮށްގެން ނުވާނެ" ކަމަށެވެ. އަދި ސްމޮޓްރިޗް ވަނީ މިއީ "ގޯސް އެއްބަސްވުމެއް" ކަމަށް ބުނެފައެވެ.
އީރާނާއެކު ހަނގުރާމައަކަށް ދިއުމަށް އެތައް އަހަރެއް ވަންދެން ބާރުއަޅައި، އިސްރާއީލުގެ ތެރޭގައި އެކަން މަގުބޫލުކުރަން މަސައްކަތް ކުރި ނަތަންޔާހޫއަށް އެނގޭ ގޮތުގައި، މި ހަނގުރާމަ ހުއްޓާލުމަކީ ގައުމުގެ އެތެރޭގައި މަގުބޫލު ކަމެއް ނޫނެވެ. ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމަށް ނިންމި "ޓްރަމްޕްގެ ނިންމުމާ" އޭނާއާ ދެމެދު ވީހާވެސް ބޮޑު ދުރުމިނެއް ބެހެއްޓުމަށް މަސައްކަތް ކޮށްފައެވެ. ހަމައެއާއެކު، އެ ހަނގުރާމަ ކުރިއަށް ގެންދިއުމުގައި އެމެރިކާއާ އެއްވަރުގެ ބައިވެރިއެއްގެ ގޮތުގައި އޭނާ ހުރި ކަމަށް ވެސް ދައުވާ ކޮށްފައިވެއެވެ.
މި ހަފުތާގެ ފަހުކޮޅު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިސްރާއީލު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ބުނުންތަކަށް ފަރުވާލެއް ނުބަހައްޓައި، ނަތަންޔާހޫ ވަނީ މިއީ ކާމިޔާބީއެއް ކަމަށް ދައުވާ ކޮށްފައެވެ. ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނީ "އިސްރާއީލުގެ ރައްޔިތުން ނައްތާލުމަށް އަހަރެމެންގެ ބޯމަތީގައި އެތައް އަހަރެއް ވަންދެން އެލުވިފައި އޮތް ނުރައްކާ އަހަރެމެން މިވަނީ ދުރުކޮށްފައި،" ކަމަށެވެ.
"އަހަރެމެން ކުރި ކަމަކީ އެއީ. އަހަރެމެން އިސްރާއީލު ދައުލަތް ފަނާވެދިއުމުން ސަލާމަތްކޮށްފިން،" އޭނާ ބުންޏެވެ. މިއީ ޖޫން 2025 ގައި އީރާނާއެކު ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު، އޭނާ އިސްރާއީލަށް އީރާނުގެ މައްޗަށް "ތާރީޚީ ކާމިޔާބީއެއް" ހޯދައިދީފި ކަމަށާއި އެކަން "ޖީލުތަކަށް ދެމިއޮންނާނެ" ކަމަށް ބުނި ވާހަކަތަކާ ދާދި އެއްގޮތް ވާހަކަތަކެކެވެ. "މީގެ ނަތީޖާ އެހާ ރަނގަޅެއް ނޫން، އަދި މި ދައުވާތަކަކީ ގަބޫލުކުރެވޭ ފަދަ ދައުވާތަކެއް ނޫން،" އިސްރާއީލް ސަރުކާރުގެ ކުރީގެ އެޑްވައިޒަރު ޑެނިއަލް ލެވީ އަލްޖަޒީރާއަށް ވިދާޅުވިއެވެ. "ކުރިން ހީކުރެވިފައި އޮތީ އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވައްދައިފިނަމަ، އީރާން ފުނޑުފުނޑުވެގެންދާނެ ކަމަށާއި، ވެރިކަން ވައްޓާލުމާއި އީރާން ކުޑަކަކުލަށް ތިރިކުރުމުގައި އިސްރާއީލަށް ހާސިލުނުކުރެވުނު ކަންކަން އެމެރިކާ މެދުވެރިކޮށް ހާސިލުކުރެވޭނެ ކަމަށް،" ނަމަވެސް ކަންތައްވީ އެހެން ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ތެރޭގައި ދެކެވޭ ގިނަ ވާހަކަތައް ބިނާވެފައިވަނީ ހަނގުރާމަ ނިމުމަށްފަހު ސަރަހައްދީ ބާރެއްގެ ގޮތުގައި، އަދި ނިއުކްލިއާ ބާރަކަށް ވުމުގެ ފުރުސަތު އޮތް ގައުމެއްގެ ގޮތުގައި އީރާން އޮތް ހާލަތުގެ މައްޗަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ނަމަވެސް، ހަނގުރާމައަކަށް ފަހު އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ދޫކޮށްލުމަށް އެމެރިކާއިން އީރާނަށް ބާރުއަޅާނީ ކިހިނެއްކަމެއް އަދިވެސް ސާފެއް ނުވެއެވެ. ގިނަ އީރާން މީހުން ގަބޫލުކުރާ ގޮތުގައި މި ހަނގުރާމައިން މޮޅުވީ އެމީހުންނެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގެއްލުންތަކަށް ބަލާއިރު މިއީ ބޮޑު ގޮންޖެހުމެކެވެ.
"ނަތަންޔާހޫ ވަނީ އިސްރާއީލަށް އިސްތިރާތީޖީ ބޮޑު ކާރިސާއެއް ކުރިމަތިކުރުވާފައި،" ކިންގްސް ކޮލެޖް ލަންޑަންގެ ޑިޕާޓްމަންޓް ފޯ ވޯ ސްޓަޑީޒްގެ ސީނިއާ ޓީޗިން ފެލޯ އަހްރޮން ބްރެގްމަން ވިދާޅުވިއެވެ. "އޭނާ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އެ ގައުމުގެ ވެރިކަން ވައްޓާލުމުގެ މަގްސަދުގައި، ނަމަވެސް ވެރިކަން އަދިވެސް އެބައޮތް، އަދި ކުރިއަށްވުރެ ހަރުކަށި. އީރާނުން އެ ގައުމުގެ މިސައިލް އާސެނަލް އަލުން ބިނާކުރާނެ." އޭނާ ވިދާޅުވިއެވެ.
ލުބުނާނަށް އަރައިގަނެގެން އުޅޭ އުޅުމުގައި އެމެރިކާގެ އެހީތެރިކަމަށް އިސްރާއީލަށް ބަރޯސާވެވޭނީ ކިހާ ދުވަހަކަށް ކަމެއްވެސް ނޭނގެއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ޝަރުތެއްގެ ގޮތުގައި ލުބުނާނަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލުމަށް އީރާނުން ވަނީ އަބަދުވެސް ބާރުއަޅާފައެވެ. ނަމަވެސް ނަތަންޔާހޫ ދައުވާކުރާ ގޮތުގައި އެމެރިކާއާއި އީރާނާ ދެމެދު ވެވޭ އެއްބަސްވުމަކުން ލުބުނާނުގައި އިސްރާއީލުން ހަރަކާތްތެރިވުމުގެ މިނިވަންކަމަކަށް ހުރަހެއް ނޭޅޭނެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމަށް އޮތް ހުރަހަކަށް ވެދާނެ ކަމަށާއި، އިސްރާއީލާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވަނީ މި ހިޔާލުތަފާތުވުންތަކަށް ބާރުދެއްވައި، ލުބުނާނުގައި އިސްރާއީލުން އަމަލުކުރާ ގޮތާ މެދު "ހިތްހަމަނުޖެހޭ" ކަމަށް ބުނެފައެވެ. އަވަށްޓެރި ގައުމާ މެދު ނަތަންޔާހޫ މިއަށްވުރެ "ޒިންމާދާރު" ވާންޖެހޭނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
"ލުބުނާނަކީ އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް އޮތް ހަމަލާ ބަދަލުކުރުންތަކުގެ ފެށުމަކަށް ވާނެ،" ބްރެގްމަން ލަފާދެއްވިއެވެ. "އަލުން އީރާނާ ހަނގުރާމަކުރަން އެމެރިކާ އިސްރާއީލާ ގުޅޭނެތަ؟ އަޅުގަނޑު ޝައްކުކުރަން ބުއްދި ސަލާމަތުން ހުރި އެއްވެސް އެމެރިކާ ރައީސަކު އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން އުޅޭނެ ކަމާ މެދު."
"ޖިއޮގްރަފީ އޮތީ އީރާނާ އެއްކޮޅަށް، އަދި އެއީ އިގްތިސާދީ ނިއުކްލިއާ ބޮމެއް، އީރާނުން އެއްވެސް ޖެހިލުމެއް ނެތި އޭގެ ބޭނުން އަލުން ހިފާނެ،" ހޮރްމޫޒް ކަނޑުއޮޅިއާއި އޭގެ ތެރެއިން ތެޔޮ އުފުލުން ހުއްޓުވުމުގެ ގާބިލުކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫ އަކީ އަދިވެސް އިސްރާއީލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރި މީހާއެވެ. އަދި މި އަހަރު ބާއްވާ އިންތިހާބުގެ ކުރިން އޭނާ ބަލިވެދާނެ ކަމަށް ގަބޫލުކުރަނީ މަދު ބަޔެކެވެ. ނަމަވެސް، އޭނާ އެންމެ ފަހުން ސަރަހައްދީ ފެންވަރުގައި ހިންގި ހަރަކާތްތަކާ މެދު ތާރީޚީ ނިންމުންތައް މިހާރު އެއްގަލަކަށް އަރަން ފަށާފައިވާ ކަމަށް، އިސްރާއީލުން ނިއުޔޯކަށް ކަނޑައަޅާފައި ހުރި ކުރީގެ ސަފީރު އަދި ކޮންސުލް ޖެނެރަލް އެލޮން ޕިންކަސް އަލްޖަޒީރާއަށް ވިދާޅުވިއެވެ.
"އޮކްޓޫބަރު 7 [2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ] ގެ ކާރިސާއާއި، ލުބުނާނުގައި ކުރިމަތިވި ނާކާމިޔާބީއާއި، އަދި އީރާނާ ދެކޮޅަށް ކުރި ބޮޑު ހަނގުރާމައިގެ ބުރަ ކޮނޑުގައި އަޅައިގެން އޭނާ މިހާރު އިންތިޚާބަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާއަށް އިހުސާސް ކުރެވޭ،" އޭނާ ވިދާޅުވިއެވެ.
"ނަތީޖާއެއްގެ ގޮތުން، ނަތަންޔާހޫ ފެންނަނީ އުމުރުގައި އެއްފަހަރު ލިބޭނެ ފަދަ ރަނގަޅު ފުރުސަތެއް ލިބި، އެ ފުރުސަތު ބޭކާރުކޮށްލި މީހެއްގެ ގޮތުގައި. އޭނާއަށް ހުރިހާ ކަމެއް އޮތީ އޭނާ ބޭނުންވި ގޮތަށް ފަހިވެފައި. އެމެރިކާގެ ރައީސެއްގެ ތާއީދު އޮތް، އީރާން އޮތީ އެކަހެރިވެ އެކުވެރިންނެއް ނެތި، އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން އޮތީ އޭނާގެ އަތުގައި. އެކަމަކު އޭނާ އެކަން ބޭކާރުކޮށްލީ،" ޕިންކަސް ވިދާޅުވިއެވެ. "ވޭތުވެދިޔަ 30 އަހަރު އޭނާ ދައްކަމުން އައީ މި ވާހަކަ، އެކަމަކު އެ ވަގުތު ޖެހުމުން އޭނާ އެކަން ބޭކާރުކޮށްލީ."
"މެދުއިރުމަތީގެ ސިޔާސީ މަޝްރަހު އޭނާ ބަދަލުކޮށްލައިފި ކަމަށް އޭނާ ބުނާ ބުނުމަކީ ތެދެއް. އޭނާ އެކަން އެކުރީ އީރާނަށް ފައިދާވާ ގޮތަށް." އެލޮން ވިދާޅުވިއެވެ.
އެހެންކަމުން ތަޖުރިބާކާރުންނާއި، ދިރާސާކުރާ މީހުންނަށް ބުރަވެވެނީ އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިން އެންމެ ބޮޑު ނާކާމިޔާބެއް ލިބުނީ ނަތަންޔާހޫއަށެވެ. ހަނގުރާމައިގައި އެންމެ ބޮޑު ބައްޔަކުން ބަލިވީ ނަތަންޔާހޫއެވެ.
ނޯޓް: މިއީ އަލްޖަޒީރާގައި ނޫސްވެރިޔާ ސައިމަން ސްޕީކްމަން ކޯޑޯލް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ދިވެހި ތަރުޖަމާއެކެވެ. އޭނާއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ޚަބަރުތަކާއި، ފީޗާ އަދި ތަޙުލީލީ ރިޕޯޓުތައް ލިޔުއްވާ ނޫސްވެރިއެކެވެ. އޭނާ ބޮޑަށް ބަލާލަނީ އުތުރު އެފްރިކާއާއި އިސްރާއީލުގެ މަޝްރަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ