ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި އޭނާގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަ ކުރުމަށް ފުލުހުގައި އެދިފައިވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަމްއާންގެ މައްޗަށް މަނީ ލޯންޑަރިން ހިމެނޭހެން ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިއްވި އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ޝަމްއާން ވަނީ މިނިސްޓަރު އިހުސާންއަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން:
އޭނާ ފްރޭމް ކުރުމުގައި އިސްކޮށް އުޅުއްވީ އިހުސާން
މިނިސްޓްރީގެ ތެރެއިން ބިދޭސީންގެ ކޯޓާގެ ކަންތަކުގައި އިހުސާން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެއްވި؛ އެ ވާހަކަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރި ކަމަށް ވިދާޅުވި
އެ ތުހުމަތުތައް ދޮގު ކުރައްވައި އިހުސާން މިއަދު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައި
ތަފްސީލު - މިނިސްޓަރުގެ ޕޯސްޓުގައި އޭނާ ފުރަތަމަ ވެސް ވިދާޅުވީ، "ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް" ކަމަށެވެ.
"ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިން ވެސް މީޑިއާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު އިހުސާން ވިދާޅުވީ، ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް އޭނާ ދައްކާ ވާހަކައަކީ ވެސް "އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން" ކަމަށެވެ. އަދި އެކަން ތަހުގީގަށް ފުލުހުން ހޯދި ހެކިތަކުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑު ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ޝަމްއާން އިއްޔެ ދެއްކެވި ވާހަކަތައް އެ މަނިކުފާނުގެ ފަރާތުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ، އޭގެ މާ ގިނަ އިރުތަކެއް ނުވެ ދޮގު ކުރައްވާފަ އެވެ.
ޝަމްއާން ފްރޭމް ކުރުމުގައި އިސްކޮށް އުޅުނު މީހުންގެ ތެރޭގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވެސް ހިމެނޭ ކަމަށް އިއްޔެ އޭނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އުޝާމް ވެސް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފަ އެެވެ.
ޝަމްއާން ހަދަނީ ދޮގު؛ ތަފްސީލުތައް ކިޔައިދޭން ފުލުހުގައި އެދެފިން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ