މީގެ 13 އަހަރު ކުރީގެ މަރުގެ މައްސަލައެއް ސުޕްރީމް ކޯޓަށް
މީގެ 13 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި މަރަން ހުކުމްކޮށްފައި ހުރި، ކުޑަކުއްޖެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން ދީފިއެވެ. އެނގިފައިވާ ގޮތުގައި މިއީ، މއ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހިމެނޭ، އޭރު 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްސަލައެވެ. އެ މައްސަލައިގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މީހަކަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ކުރިން ބާތިލުކޮށްފައިވެސް ވެއެވެ. ކުޑަކުދިންގެ މައްސަލަތަކަކީ އާއްމުކޮށް ހުޅުވައި ނުލާ ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވާ މައްސަލައިގެ ވެސް މާބޮޑު ތަފުސީލެއް ލިބިފައެއް ނުވެއެވެ. ހުސައިން ވަހީދު، މަރާލީ ޑިސެމްބަރު 24، 2013ގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓައި އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހަރައި ޒަޚަމްކޮށްލުމުން އެކަމަށް ފަރުވާ ހޯދަމުންދަނިކޮށް ކަމަށް އޭރުގެ ރިޕޯޓުތަކުގައިވެއެވެ. އޭނާއަށް ހަމަލާ ދިނީ އޭރު 18 އަހަރު ނުފެރޭ ދެ ކުދިންނެވެ. ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު އެ ދެ ކުދިންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވިއެވެ. އެއީ ހުސައިން ވަހީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ ނުވަ ވާރިސުންވެސް މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ. ނަމަވެސް ޖުވެނައިލް ކޯޓުގެ އެ ނިންމުން އެ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު އޭޕްރީލް 30، 2019 ގައި ހައިކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ޖުވެނައިލް ކޯޓުން ކޮށްފައިވާ މަރުގެ ހުކުމަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް ހައިކޯޓުން ޖުވެނައިލް ކޯޓުގެ ހުކުމަށް ތާއީދު ކުރި ފަހުން، ސެޕްޓެމްބަރު 22، 2022 ގައި ހުސެއިން ވަހީދުގެ މަންމަ އެ މައްސަލައާ ގުޅޭ ސިޓީއެއް އުއްތަމަ ފަނޑިޔާރަށް ވަނީ ފޮނުވައިފައެވެ. އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހުސެއިން ވަހީދުގެ މަރުގެ ޖަޒާއެއްގެ ގޮތުން ކުށް ސާބިތުވި ދެ ކުދިން މެރުމަށް އޭނާ ހިމެނޭ ގޮތުން ހުރިހާ ވާރިސުން ކުރިން ބޭނުންވި ނަމަވެސް، އެ އޭގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ވަރަކަށް ބޭނުންނުވާ ކަމަށެވެ. ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައި ވަނީ، އޭނާގެ ފަރާތުން އެ ކުއްޖާ މައާފަށް އެދިފައިވާތީ، މައާފުކޮށްދީފައިވާތީ ކަމަށެވެ. އަދި ސިޓީއާ ގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ސާފުކުރަންޖެހޭ ކަމެއް އޮތްނަމަ، ޝަރީއަތަށް ހާޒިރުކޮށްދެއްވައި އޭނާގެ ބަސް ހޯއްދެވިޔަސް ރަނގަޅު ކަމަށްވެސް އެ ސިޓީގައި ހުސެއިން ވަހީދުގެ މަންމަ ބުނެފައިވެއެވެ. ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައަކީ އެ ސިޓީއަށްފަހު، މަރަން ހުކުމް ކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެކެވެ. މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ދެވަނަ ކުއްޖާގެ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ