ޖުންޖުލައި: ފެށޭ މަހު، ވާރޭ ވެހޭ މިންވަރު މަދުވިޔަސް، ޖުލައިގައި އިތުރުވާނެ!
މާދަމާ ފެށޭ ޖޫން މަހު, ރާއްޖެއަށް ވާރޭ ވެހޭ މިންވަރު ނިމިގެން މިދާ މެއި މަހަށް ވުރެ މަދުވި ނަމަވެސް، އަންނަ ޖުލައި މަހުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ. ރާއްޖެއަށް އާންމުކޮށް ވިއްސާރަ ކުރާ ހުޅަނގު މޫސުން މިހާރު ފެށިފައިވާއިރު، "ޖުންޖުލައި" ނުވަތަ ޖޫން މަހާއި ޖުލައި މަހަކީ އަބަދުވެސް ވަރަށް ވިއްސާރަ ކުރާ ދުވަސްވަރެކެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މާދަމާ މި އަހަރުގެ ޖޫން މަސް ފެށޭއިރު، މެޓުން 'ސަން'އަށް ބުނީ، މި ނިމޭ މަހަށް ވުރެ ޖޫން މަހު ވާރޭ ވެހޭ މިންވަރު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް، ޖެހިގެން އަންނަ ޖުލައި މަހުގައި، ޕީކް ސީޒަން ފެށުމާ އެއްކޮށް ވާރޭ ވެހުން އިތުރުވާނެ ކަމަށް އެ އިދާރާއިން އަންދާޒާކުރެއެވެ. "މެއި މަހަށް ވުރެ ޖޫން މަހު ވާރޭ ވެހޭ ވަރު ނިސްްބަތުން މަދުވާނެ. އަނެއްކާ ވެސް ޕީކް އަންނާނެ ޖުލައި މަހު. އެ މަހުގައި ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭ މިންވަރު އިތުރުވާނެ," މެޓުން ބުންޏެވެ. ވިއްސާރަ ދުވަހެއްގައި މީހަކު ކުޑައެއް ނަގައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ ހަވާލާދީ، އަންނަ މަހަށް ލަފާކޮށް، އެ އިދާރާއިން ނެރުނު ރިޕޯޓުގައި ބުނީ، މުޅި ރާއްޖެއަށް ވިއްސާރަ ކުރާ މިންވަރު ކުޑަކޮށް ދަށްވާނެ ކަމަށެވެ. ނަމަވެސް، އިހުސާސް ކުރެވޭ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރިއެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ އެކަކުން 2020އާ ހަމައަށް ޖޫންގައި ވާރޭ ވެހުނު މިންވަރާއި މިދިޔަ އަހަރުގެ އެ މުއްދަތުގައި ވާރޭ މިންވަރު ވެސް އެ ރިޕޯޓުގައި ކިޔައިދީފައިވެއެވެ. މިގޮތުން، ހދ. ހަނިމާދުއަށް އެ އަހަރުތަކުގެ ޖޫން މަހު އެވްރެޖުކޮށް 299 މިލިމީޓަރުގެ ވާރޭ ވެހުނު ނަމަވެސް މިދިޔަ ޖޫންގައި ވެހުނީ 176 މިލިމީޓަރުގެ ވާރެއެވެ. އޭގެއިތުރަށް، މާލެއާ އެންމެ ކައިރިން ހުޅުލެއަށް މިދިޔަ ޖޫންގައި ވަނީ، 96 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މެޓުން އެ ފަދައިން ލަފާކުރިއިރު، މޫސުން ގޯސް ދުވަސްވަރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން އިދާރާތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ