ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބު ކުރެވޭނެ ފޯމިއުލާ ދެ ރައީސުން ގަބޫލު ކުރޭ، އެއީ ވާދަ ނުކުރުން: ޔައުގޫބް

2028 ގެ ރިޔާސީ އިންތިހާބުގެ ބޭނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޕާޓީއަށް ބޮޑު ގެއްލުމެއް ދީފާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އެކި މައްސަލަތައް ގޯސްވެފައިވާއިރު، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ ރައީސުން ވެސް އިންތިހާބުގެ ޝައުގު ދޫކޮށްލުމެވެ. 2023 ގެ އިންތިހާބު ވެސް ގެއްލުނީ، ދެ ރައީސުންގެ ދެމެދުގައި ޖެހުނު މައްސަލަތަކުގެ ސަބަބުންކަމަށްވުމާއި އެކު 2028 ގައި އެ ހާލަތު ތަކުރާރުވެގެން ނުވާނެކަމަށް ގިނަ ބަޔަކު ދެކެ އެވެ. އޭރު އޮތީ ޕާޓީގެ ތެރޭގައި ދެ ރައީސުންގެ ދެމެދުގެ ފެކްޝަނެއް ނަމަވެސް މިހާރު ރިޔާސީ އިންތިހާބުގެ ވާދަ ވަނީ އެއަށް ވުރެ ބޮޑުވެފަ އެވެ.
އެގޮތުން ދެ ރައީސުންނާއި ދެކޮޅުވެ، އިތުރު އެހެން ބޭފުޅުންތައް ވެސް ގުރޫޕުތަކާއި އެކު އިންތިހާބަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލައާއި އެކު ޕާޓީގެ އެތެރޭގެ ކޯޅުން ވަނީ ވަރަށް ބޮޑުވެފަ އެވެ.
މައްސަލައިގައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގު ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ، އޭނާ ގަބޫލު ކުރައްވާ ގޮތުން ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ފައްޔާޒްގެ ފަރާތުން ވެސް ޕާޓީއަށް ގެއްލުންވާނެ ފިޔަވަޅެއް ނާޅުއްވާނެ އެވެ.
އެމްޑީޕީއަކީ އަބަދުވެސް ހިޔާލުތަފާތުވުންތަކާއި، ދެބަސްވުންތަކަށް ޖާގަ އޮތް ޕާޓީއެއްކަމަށް ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ ޕާޓީގެ 20 އަހަރުގެ ތާރީހުގެ ތެރޭގައި ވަރަށް ގިނަ ހަމަނުޖެހުންތައް ވެސް ހިނގާފައިވާކަމަށެވެ. ނަމަވެސް އެއީ ޑިމޮކްރަސީއާއި، ޕާޓީގެ ތަޖުރިބާއެއްގެ ގޮތުގައި ޔައުގޫބް ސިފަކުރެއްވި އެވެ.
ޔައުގޫބް ވިދާޅުވީ އެ ކޯޅުންތަކާއި އެކު ވެސް ކުރިޔަށްދާން އެނގޭ، އަދި ކުރިޔަށް ދާނެ ވެސް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
ޔައުގޫބް ވިދާޅުވީ ޕާޓީއަށް ކުރިޔަށް އޮތީ މުހިންމު ދުވަސްތަކެއްކަމަށާއި، 2028 ގެ އިންތިހާބު ކާމިޔާބު ކުރުމުގެ ވާހަކަ ދައްކާއިރު ކުރީގެ ހާލަތު ތަކުރާރުވެދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލަތަކަށް އިތުރު ޖާގައެއް ދެއްވައި، ނުވަތަ އެކަންކަން ދިމާވެދާނެ ގޮތަށް ޕާޓީ ހިންގެވުމުގައި ތިބި އެއްވެސް ބޭފުޅަކު މަސައްކަތް ކުރައްވަފާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރައީސް ސޯލިހާއި، ރައީސް ނަޝީދު އިސްކުރައްވާނީ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ހޯދުމަށްކަމަށްވާއިރު، އެއީ ކޮން ފޯމިއުލާއެއްކަން އެނމެނަށް ވެސް އެނގޭ ކަމަށެވެ. ޔައުގޫބް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ 2028 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ހޯދުމަށް އެ ދެބޭފުޅުން ވެސް މަސައްކަތް ނުކުރެއްވުމެވެ. އަދި ދެ ރައީސުން ވެސް މަސައްކަތް ކުރައްވާނީ އެގޮތަށްކަމަށް ގަބޫލު ކުރައްވާކަމަށް ޔައުގޫބް ވަނީ ވިދަޅުވެފަ އެވެ.
އެ ފޯމިއުލާ ހަމަ އަޅުގަނޑުމެން އެންމެންނަށްވެސް އެބަ ފެނޭ. އޭރުގަވި ކަންތައްތައް އަޅުގަނޑުމެން ދޫކޮށްލާފަ އޭގެ ނެޓިގެން އޭގެން އަރައިގެން އަޅުގަނޑުމެން ކުރިއަށް ދެވިދާނެ. މިސާލަކަށް އޭގެ ތަޖުރިބާގެ އަލީގައި،، ރައީސް ނަޝީދު ވިދާޅުވީ ދެން އެންމެ ރަނގަޅުވާނީ ކުރިއަށް އޮތް އިންތިހާބެއްގައި ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދުވެސް އަދި ރައީސް އިބޫވެސް ކުރިމަތިނުލެއްވުމޭ. އެއީ ވަރަށް ރަނގަޅު ވާހަކައެއް. އަޅުގަނޑުވެސް ވަރަށް ތާއީދު ކުރާ ވާހަކައެއް.. އެއީ ހަމަ އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގަވެސް ހަމަ ދެ ރައީސުން ވެސް އެކަން ކުރައްވާނެއޭވެސް އެގޮތަށް..
ޔައުގޫބް ވިދާޅުވީ އުންމީދަކީ ދެ ރައީސުން ވެސް ލިބިވަޑައިގެންފައިވާ ސިޔާސީ ތަޖުރިބާއާއި، އިލްމުގެ ބޭނުން ރަނގަޅަށް ހިފުން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ އާ ލީޑަރަކު ނެރެގެން އެ ފަރާތަށް ތާއީދުކޮށްގެން ރިޔާސީ އިންތިހާބަށް ގޮސް މި ސަރުކާރު ބަލިކުރުންކަމަށެވެ.
މީގެއިތުރުން ޔައުގޫބް ވިދާޅުވީ، މީގެ އަހަރެއް ކުރިން ރައީސް ސޯލިހާއި އެކު 2028 ގެ އިންތިހާބުގެ ވާހަކަ ދެކެވުނުކަމަށާއި ނަމަވެސް އެމަނިކުފާނުގެ ހިޔަލަކީ ރިޔާސީ އިންތިހާބަށް ނުނިކުތުންކަމަށް ޔައުގޫބް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ