ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހެޅީ ސިނގިރޭޓު އަގުބޮޑުކޮށްގެން ބޭނުންވާ ވަރަށް ވައްކަން ކުރެވިފައިވާތީ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ މިއަދުގެ މަޖިލިސް ބަހުސްގައި ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ސިނގިރޭޓުން ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އަށް ފުރިޔާއިން ހަތަރު ރުފިޔާއަށް ކުޑަ ކުޑަ ކުރުމަށެވެ. ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ގެންދަވަނީ ސިނގިރޭޓުގެ އަގުބޮޑުކުރީ ދިރާސާ ކުރުމެއް ނެތި ސަރުކާރުން ވައްކަން ކުރުމަށް މަގުފަހިކުރުމަށް ކަމަށް ތުހުމަތު ކުރަމުންނެވެ. އެއީ ދުންފަތުގެ ކަޅު ބާޒާރެއް އުފެއްދުމަށް ސަރުކާރު އަޑީގައި އޮވެ ގެނައި ބަދަލެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވި އެވެ.
"އަގުބޮޑުކޮށްފައި ވައްކަމުގެ މާކެޓެއް އުފެއްދީ. 40 ފޫޓުުގެ 50 ކޮންޓެއިނަރު ވަގަށް އެތެރެވެއްޖެ މި ގައުމަށް. އެއީ ސިނގިރޭޓު އަގުބޮޑުކުރުމުގެ ބޭނުމަކީ. ކަސްޓަމްސްގެ އާމްދަނީން ދެ ބިލިއަން ރުފިޔާ، މި ސަރުކާރު ބައިވެރިވެގެން ވައްކަން ކޮށްފި،" ގަޕޯ ވިދާޅުވި އެވެ.
ސިނގިރޭޓުގެ އަގުބޮޑުކުރުމަށް ސަރުކާރުން މަސައްކަތް ކުރިއިރުވެސް އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ގެއްލުން ލިބޭނެކަން މަޖިލީހުގައި ބަހުސްގައި ފާހަގަކޮށްފައިވާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. މިފަދަ ނިންމުންތައް ބަދަލުކުރަން ޖެހިފައިވަނީ މަޖިލީހުގެ މެންބަރުން ޒިންމާ އަދާނުކުރައްވާތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
"ހަމަ އެއް ދުވަހެއްގެ މެންދުރު ނިންމެވީ މިއަދު ދުންފަތުގެ އަގުބޮޑުކޮށްލަންވީއޭ. ސިއްހަތަށް އަންނަ މިފަދަ ބޮޑު އިންގިލާބެއް، ގައުމަކަށް ގެންނަ އިންގިލާބެއް، އެންމެ ރެޔެއްގެ ކާ މޭޒު ދޮށުގައި ހިނގާ ބަހުސެއްގެ ތެރެއިން [ގޮތް] ނިންމީމާ، ސިޔާސަތު އެކުލަވާލަންވީމައި ވާގޮތް މިއޮތީ ފެންނަން،" މީކާއިލް ވިދާޅުވި އެވެ.
ސަރުކާރުން މިކަމުގައި އަމަލުކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރެއްވި އެވެ. މާކެޓުގައި ވަގު ސިނގިރޭޓު ވަރަށް ބޮޑަށް އިތުރުވެ ޒުވާނުން ބިޑި އޮޅަން މަޖުބޫރުވީ މި ސަރުކާރުގެ ސަބަބުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވި އެވެ.
"ބޭނުމަކަށްވީ ސިނގިރޭޓުގެ އަގުބޮޑުކޮށްގެން އިންތިހާއަށް ދިވެހި ރައްޔިތުން ފެލާލައިގެން ރައްޔިތުންގެ މާލިއްޔަތު ހުސްކޮށްލުން. ނަތީޖާއަކަށްވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މަޖުބޫރުވީ ރައްކާތެރި ނޫން އެހެން ބާވަތްތަކަށް ދާން، މަޖުބޫރުވީ ބިޑި އޮޅަން ދާން، އޭގެ ގެއްލުން ދިރާސާކުރީމާ އެނގޭނެ،" މަޓޭ ވިދާޅުވި އެވެ.
އެ ބިލު ފާސްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ. އެހެންކަމުން ބިލު ފާސްވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނގިރޭޓު އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ. މިއީ 2028 ހޯދުމަށް ސަރުކާރުން ގެންނަ ބަދަލެއްގެ ގޮތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސިފަކުރެއްވި އެވެ.
"މިއަދު އަމާޒު ހިފާފައި ހުރީ 2028 ހޯދަން ކަމަށްވަނީނަމަ ސިނގިރޭޓު އަގުހެޔޮކޮށްގެން އަދި [އެކަމެއް] ނުވޭ. ޑޮލަރުގެ މައްސަލައަށް ހައްލެއް ގެންނަން ޖެހޭ. އަދި ވެރިޔެއްގެ ހުންނަން ޖެހޭ އެންމެ އަސާސީ ދެ ސިފަ، އަމާނާތްތެރިކަމާއި އަދުލުވެރިކަން ވެރިޔެއްގެ ކިބައިގައި ނެތިއްޔާ އެހެން ދައުރަކާ މެދު ވިސްނުމެއް ނެތް،" ފިއްޓޭ ވިދާޅުވި އެވެ.
ސިނގިރޭޭޓު އަގުބޮޑުކުރުމާއެކު އުުފެދުނު ކަޅު ބާޒާރުގެ ސަބަބުން ކަސްޓަމްސްގެ އާމްދަނީން ވަރަށް ބޮޑު އަދަދެއް ގެއްލުނު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވި އެވެ. މިދިޔަ 2025 ގައި އެކަނި ވެސް ކަސްޓަމްސްގެ ޑިއުޓީ އާމްދަނީން ދޮޅު ބިލިއަން ރުފިޔާ ގެއްލުނު ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަ ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ.
ދުންފަތުން ނަގާ ޑިއުޓީ ކުޑަ ކުރުމުގެ ވާހަކަ ސަރުކާރުން ހާމަކުރީ ޖޫން 6، ގައި ބޭއްވި ބައި-އިލެކްޝަންއާ ދިމާކޮށެވެ. އެ ވާހަކަ އިއުލާނު ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެކަމަކު ސަރުކާރުން ބުނަނީ ދުންފަތުގެ އަގު ހެޔޮ ކުރަނީ ޑަބްލިއުއެޗްއޯއިން ލަފައެއް ލިބިގެން ކަމަށެވެ.
ސަރުކާރުން ސިނގިރޭޓުގެ ޓެކްސް ބޮޑު ކުރުމުން ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ.
"ސިނގިރޭޓުގެ އަގުހެޔޮ ކުރަނީ ކަޅު ބާޒާރެއް އުފައްދައި ބޭނުންވާ ވަރަށް ވައްކަން ކުރެވުމުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ