ޓްރީ ޓޮޕްއިން ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން 2026 ވަނަ އަހަރަށް ރޭވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް، ލ. ގަމުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސްޕެޝަލިސްޓް ސިއްހީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހައްދުންމަތީ ގަމު ކައުންސިލްގެ އިތުރުން ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން 2026 ޖޫން 19 އާއި 20 ގައި ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 924 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ދެވިފައިވެއެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން މާހިރުންގެ ސިއްހީ ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދިޔައެވެ.
މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވައި، ޞިއްޙީ ސްކްރީނިންގް އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ސިއްހީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ހާއްސަ ސެޝަނެއް ވެސް ކުރިއަށްގެންދެވުނެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށް ޓަކައި ހާއްސަ ތަމްރީނު ސެޝަނެއް ވެސް ވަނީ ބާއްވާފައެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ކައުންސިލާއި، ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، ކަމާބެހޭ އިދާރާތަކުންނާއި، ވޮލަންޓިއަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ ބާއްވާފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ