މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އުފެދިފައިވާކަން ހާމަކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފިއެވެ.
މެޓް އޮފީހުން ނެރުނު މޫސުމީ ސަމާލުގައި ބުނެފައިވަނީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ވައި ގަދަވަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރު ޓްރަޕެއްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
މޫސުމީ މި ބަދަލުތަކާއެކު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ”އެހެން ކަމުން ކުރިއަށް އޮތް 5 ދުވަސް [9 މޭއި އިން 13 މޭއަށް] ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ،“ މެޓް އޮފީހުން ވިދާޅުވިއެވެ.
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ދަނީ އެކި ސަރަހައްދުތަކަށް މޫސުމީ އިންޒާރުތައް ނެރެމުންނެވެ. އެގޮތުން، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ދަންވަރު 01:00 އާ ހަމައަށް މިހާރު ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. ރާއްޖޭގެ ސަރަހައްދުގައި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ދަތުރުވެރިން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގެ އިރުދެކުނުގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ