ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ރަޝިޔާގެ ޕްރީމިއަމް ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ލޯޓީ ގުޅިގެން، ރަޝިޔާގެ މުއްސަނދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މިއީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބޭއްވި ހަރަކާތެކެވެ.
ވީއެމްސީން ބުނި ގޮތުގައި، މިއީ ލޯޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރަޝިޔާގެ ލަގްޒަރީ އަދި "ސްލޯ ޓްރެވަލް" މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ.
މި ހަރަކާތުގެ ތެރެއިން، ރަޝިޔާގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ 'އަސުންޓާ މާޑްރޭ' ގެ ޓީމުން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކެއުންތަކަށް ބިނާކޮށް ޚާއްސަ ފަރިއްކޮޅެއް ތައްޔާރުކޮށްފައެވެ. މި ފަރިއްކޮޅުގައި ތާޒާ ކަނޑުމަހުގެ ބާވަތްތަކާއި ޒަމާނީ ކެއުންތައް ހިމެނުނުއިރު، ކޮންމެ ބާވަތެއް ތައްޔާރުކުރުމުގައި ގެންގުޅުނު ފަލްސަފާއާއި ބޭނުންކުރި ތަކެތީގެ އަސްލާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ވޭތުވެދިޔަ 25 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ބޮޑު ބަދަލާ ގުޅޭގޮތުން ލޯޓީން ބުނީ، "މީގެ 25 އަހަރު ކުރިން ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެއް ނަމަވެސް، މިއަދު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލް،" ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދުރުވިސްނޭ ސިޔާސަތުތަކާއި ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ލޯޓީގެ 2025-2026 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާ މާކެޓުން ރާއްޖެއަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެ ކުންފުނީގެ 'ލޫޖޯ ބްލެކްޖެޓް' ބިޒްނަސް ލައިންގެ ދަށުން ރާއްޖެ އަންނަ މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާއިރު، މިހާރުވެސް ފްލައިޓްތަކުގެ 98 އިންސައްތަ ސީޓް ވަނީ ބުކްކޮށްފައެވެ.
މި ހިނގާ ސީޒަނުގައި 6،400 އަށްވުރެ ގިނަ ސީޓް ބުކްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 80 އިންސައްތައިގެ ކުރިއެރުމެކެވެ. ވީއެމްސީން ބުނީ މި ހިސާބުތަކުން ހާމަވަނީ ރަޝިޔާގެ ލަގްޒަރީ މާކެޓުގައި ރާއްޖެއަށް އޮތް އިތުބާރާއި، ކުރިއަށް އޮތް ތަނުގައި މި މާކެޓުން ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުން ކަމަށެވެ.
ރަޝިޔާގެ ލަގްޒަރީ މާކެޓުގައި ރާއްޖެ އިޝްތިހާރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ