ރައްޔިތުންގެ ވޯޓުން ރާއްޖޭގައި ވެރިން އިންތިހާބު ކުރަން ފެށިފަހުން މި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އޮތީ ދެ ފިކުރެއްގެ ނުފޫޒެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެ ނުފޫޒެވެ. އެމްޑީޕީން ދެ ފަހަރު ވެރިކަން ކުރިއިރު ޑީއާރުޕީގެ ފިކުރުން އުފަންވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރާއްޖޭގެ ވެރިކަމާ ހަވާލުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށްވީ ނަމަވެސް 2023 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކީ ސިޔާސީ ޕާޓީތަކުގެ އިއްތިހާދެއްގެ ތެރެއިން އުފެދިގެން އައި ސަރުކާރުތަކެކެވެ. އެއީ އާންމު ގޮތެއްގައި ބަރުލަމާނީ ނިޒާމެއްގެ ސިފައެކެވެ. ކޯލިޝަނެއްގެ އުމުރަކީ ބައެއް ފަހަރު ދެ ހަފްތާ އެވެ. އަނެއް ބައި ފަހަރު އަހަރުތަކެކެވެ.
ކޯލިޝަން އެކުލަވާލުމަށް އޭރު ބައިއަތު ހިފި ޕާޓީތަކުގެ ނުފޫޒު ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ވަރަށް ކުޑަވެއްޖެ އެވެ. ކޮންމެ ގައުމީ އިންތިހާބަކަށް ފަހު ރާއްޖެ ޓޫ ޕާޓީ ސިސްޓަމަކަށް ބަދަލުވަމުން އަންނަކަން ދަނީ ހާމަވަމުންނެވެ. ރައްޔިތުންގެ ތެރެއިން ސިޔާސީ ކަންކަމުގައި ޝާމިލުވެ އުޅޭ މީހުން ތަމްސީލުކުރަނީ މި ދެ ފިކުރެވެ. އެ ދެ ފިކުރުގެ ބޭރުން ޕާޓީތަކެއް ހަރަކާތްތެރިވި ނަމަވެސް އެފަދަ ޕާޓީތަކުގެ ދައުރު 2008 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުޑަވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ތާއިދު ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. އެޕްރީލް މަހު ނެގި ރެފެރެންޑަމްގެ ނަތީޖާއަށް ބަލައި އަދުގެ ސިޔާސީ ހަގީގަތަކީ އިދިކޮޅު މައި ޕާޓީއަކަށް އޮތް އެމްޑީޕީއަށް 2028 ގެއްލޭނީ އެ ޕާޓީގެ އަމިއްލަ މައްސަލައަކުން ކަމެވެ. ކަން މިހެންއޮތްއިރު އެ ޕާޓީގެ އެތެރޭގައި އޮތް ބަހުސަކީ 2028 ކާމިޔާބުކުރަން ކޯލިޝަނެއް އެކުލަވާލުމާ މެދު އޮތް ސުވާލެވެ. އެ ބަހުސްގެ ދެ ފަރާތުގައި ތިއްބެވީ އެ ޕާޓީގެ ޓިކެޓުގައި ވެރިކަން ކުރެއްވި ދެ ރައީސުންނެވެ.
2008: މިއީ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބެވެ. ފުރަތަމަ ބުރުގައި ކުރި ހޯއްދެވީ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއްގެ ފަހު ވަގުތުތައް ގުނުއްވަމުން ގެންދެވި ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫނަށް 40 ޕަސެންޓު ލިބިވަޑައިގެންނެވިއިރު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ލިބުނީ 25 ޕަސެންޓު ވޯޓެވެ. ދެވަނަ ބުރުގައި 54 ޕަސެންޓު ނަޝީދަށް ލިބިވަޑައިގަތީ ހަސަން ސައީދާއި ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ) އަދި އިބްރާހިމް އިސްމާއީލް (ސޯޝަލް ލިބަރަލް ޕާޓީ) ގެ ވޯޓުގެ އިތުރުން އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް (އެމްއެންސީ) އަދި ގައުމީ އިއްތިހާދު ޕާޓީ އާއެކު އެވެ.
2013: މި އިންތިހާބު ފުރަތަމަ ބުރުގެ ވޯޓު ސުޕްރީމް ކޯޓުން ބާތިލުކުރިއިރު ދެވަނަ ފަހަރަށް ވޯޓުލުން ބޭއްވިއިރު އެމްޑީޕީގެ ނަޝީދަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ. ދެވަނަ ބުރުގައި ނަޝީދާ ވާދަކުރެއްވި އަބްދުالله ޔާމީނަށް ލިބިވަޑައިގަތީ 29 ޕަސެންޓެވެ. އެ އިންތިހާބު ޔާމީނުގެ ކޮޅަށް އެނބުރުނީ ދެވަނަ ބުރުގައި އެމަނިކުފާނަށް ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ) އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އާއެކު އެކުލަވާލި ކޯލިޝަނުންނެވެ. ޔާމީން މޮޅުވީ 51 ޕަސެންޓު ވޯޓުންނެވެ.
2018: މި އިންތިހާބާ ރާއްޖެ ކުރިމަތިލިއިރު އިދިކޮޅު ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ނުވަތަ ރާއްޖޭން ބޭރަށް އަރުވާލެވިގެންނެވެ. އިދިކޮޅު އިއްތިހާދަށް މަޖުބޫރުވީ އޭރު ވެރިކަމުގައި ހުންނެވި ޔާމީނާ ދެކޮޅަށް އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބު ކާމިޔާބުކުރެއްވީ 58 ޕަސެންޓު ވޯޓުންނެވެ. އެއީ ކޯލިޝަނަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އެ ކޯލިޝަނުގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް) ހިމެނެ އެވެ.
2023: މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އަހަރެވެ. ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ މުހައްމަދު މުއިއްޒު 46 ޕަސެންޓު ހޯއްދެވިއިރު ދެވަނަ ބުރުގައި މުއިއްޒުއާ ވާދަކުރެއްވި ސޯލިހަށް ލިބުނީ 39 ޕަސެންޓު ވޯޓެވެ. ދެން ތިއްބެވި ހަ ކެންޑިޑޭޓުންނަށް ބާކީ 15 ޕަސެންޓު ލިބުނުއިރު ދެވަނަ ބުރުގައި އޭގެ ތެރެއިން މުއިއްޒުއަށް ރަސްމީ އެންޑޯޒްމަންޓު ދިނީ 0.8 ޕަސެންޓު ވޯޓު ލިބުނު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. ހަތް ޕަސެންޓު ލިބުނު ދަ ޑިމޮކްރެޓްސް އާއި ދެ ޕަސެންޓު ލިބުނު ޖުމްހޫރީ ޕާޓީ، އުމަރު ނަސީރު އަދި ފާރިސް މައުމޫނާއި ހަސަން ޒަމީލް ވަކި ކެންޑިޑޭޓެއް ރަސްމީކޮށް އެންޑޯޒް ނުކުރައްވަ އެވެ. ދެވަނަ ބުރު މުއިއްޒު ކާމިޔާބުކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ.
ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ މިގޮތަށް ނުކުތަސް މަޖިލިސް އިންތިހާބުތަކުގެ ނަތީޖާ ދައްކަނީ އޭރު އޮންނަ ސަރުކާރަކަށް ފަހިވާ ގޮތަށެވެ. ދެހާސް ތޭރައިގެ އިންތިހާބުގައި އޭރު ވެރިކަމުގައި އޮތް ކޯލިޝަނަށް 53 ގޮނޑި ލިބުނުއިރު 2019 އާއި 2024 ގައި މަޖިލީހުގެ ސުޕަމެޖޯރިޓީ ނެގީ އެންމެ ޕާޓީއަކުންނެވެ. ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީއަށް 65 ގޮނޑި ލިބުނުއިރު ވިހިވަނަ މަޖިލިސް ޕީއެންސީން ކޮންޓްރޯލް ކުރީ 75 ގޮނޑި އާއެކު އެވެ. މިހާރު އެ އަދަދު 74 އަށް ވަނީ ވެއްޓިފަ އެވެ.
މައި ދެ ފިކުރުގެ ހަވާސާގައި ހަރަކާތްތެރިވާ ގިނަ ޕާޓީތަކެއް 2008 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ހަރަކާތްތެރިކޮށް ފެނުނު ނަމަވެސް މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެ ޕާޓީތަކުން ވިދުން ވަރަށް ކުޑަވެއްޖެ އެވެ. ކުޑަ ޕާޓީއަކުން ބޮޑު ނުފޫޒެއް ހިންގަނީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށްދޭން އެހީވެގެންނާއި، ސަރުކާރުގެ ބޮޑެތި މަގާމުތައް ހޯދައިގެން، އަދި އެ މީހުން ބޭނުންވާ ގޮތަށް ގާނޫނުތަކާއި ސިޔާސަތުތައް ބައްޓަންކުރުވައިގެންނެވެ.
އެ ގޮތަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ގިނައިން "ކިންގްމޭކަރ" ގެ ރޯލު އަދާކުރީ ގާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީ އެވެ. ޖޭޕީއަށް 2008 ގައި 15.32 ޕަސެންޓު، 2013 ގައި 23.34 ޕަސެންޓު 2018 ލިބުނުއިރު އެ ޕާޓީން 2018 އަށް ކެންޑިޑޭޓަކު ނެރެފައެއް ނުވެ އެވެ. އޭގެ ތެރެއިން ކޮންމެ އަހަރަކު ވެސް އިންތިހާބުން މޮޅުވީ ޖޭޕީން ތާއިދުކުރި ކެންޑިޑޭޓެވެ. ވަކިން ހާއްސަކޮށް 2008 އަދި 2013 ގެ ނަތީޖާ އަނބުރާލީ ޖޭޕީ އިންނެވެ.
އެހެން ނަމަވެސް 23 ޕަސެންޓުގައި އޮތް ޖޭޕީގެ ތާއިދު 10 އަހަރު ފަހުން 2023 ގައި ދެ ޕަސެންޓަށް ކުޑަވި އެވެ. 2024 ގެ މަޖިލިސް އިންތިހާބުގައި އެއް ގޮނޑި އަދި އޭގެ ފަހުން ބޭއްވި 2026 ގެ ކައުންސިލުގައި އެ ޕާޓީއަށް ޕަސެންޓެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ. މިއީ ޖޭޕީގެ ސިޔާސީ ނުފޫޒު ސިޔާސީ މައިދާނުގައި ކުޑަކަން ހާމަކޮށްދޭ ނަތީޖާތަކެކެވެ.
ދެން އޮތީ އަދާލަތު ޕާޓީ އެވެ. އެ ޕާޓީއަށް ގައުމީ އިންތިހާބެއްގައި ތިން ޕަސެންޓު ވޯޓު ހުރަސް ކުރެވިފައެއް ނުވެ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެއް ގޮނޑި ކާމިޔާބުކުރުން ފިޔަވައި އިތުރު ގޮނޑިއެއް އަދާލަތަށް ކާމިޔާބެއް ނުކުރެވެ އެވެ. އެހެން ނަމަވެސް ނަޝީދާއި ޔާމީން އަދި ސޯލިހުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީ ހިންގީ އެ ޕާޓީންނެވެ. އަދި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހޯމް މިނިސްޓަރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް ލިބުނީ އަދާލަތު ޕާޓީއަށެވެ.
އެ ޕާޓީގެ ނުފޫޒު ގުޅިފައިވަނީ ލިބޭ ވޯޓުގެ އަދަދަކާ ނޫނެވެ. އޭގެ ބަދަލުގައި އެ ނުފޫޒު ގުޅެނީ، ރާއްޖޭގެ ބޮޑު ދެ ސިޔާސީ ބާރަށްވެސް ދީނީ ލެޖިޓިމެސީއެއް ބޭނުންވާތީ އެވެ. ދީނީ އިލްމުވެރިންނާއި ޕާޓީތައް ގުޅުވައިދޭން އޮތް އެންމެ ސާފު މަގަކީ އަދާލަތު ޕާޓީ ކަމަށް ވާތީ އެވެ. ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން ބޭނުންވާ ވޯޓުގެ ހިސާބުތައް ހަމަކުރަން އެ ޕާޓީއެއް ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ޕާޓީ ބޭނުންވަނީ ސަރުކާރު ހިންގުމުގެ ޝަރުއީ އަދި ގާނޫނީ ސައްހަކަން ދެއްކުމަށެވެ.
ސަން ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އަށް ވެސް ގައުމީ އިންތިހާބެއްގައި ހަ ޕަސެންޓަށްވުރެ އިތުރަށް ވޯޓު ހޯދިފައެއް ނުވެ އެވެ. ދ. އަތޮޅާއި ނ. އަތޮޅުގައި އެ ޕާޓީގެ ބޮޑު ވޯޓިން ބްލޮކެއް އޮންނާތީ އަބަދުވެސް މަޖިލީހުން ދެ ގޮނޑި އާއި ފަސް ގޮނޑީގެ އަދަދެއް އެ ޕާޓީން ހޯދަ އެވެ. އެންމެފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީއޭއަށް ލިބުނީ 1.8 ޕަސެންޓު ވޯޓެވެ.
އެންމެފަހުން މިފަދަ ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީން ވަކިވެ ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އެވެ. އެ ޕާޓީއަށް 2023 ގެ ރިޔާސީ ރޭހުގައި ހަތް ޕަސެންޓު ލިބުނުއިރު ދެވަނަ ބުރުގައި އެ ޕާޓީން ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަކީ އެމްޑީޕީއަށް އިންތިހާބު ގެއްލުނު ސަބަބު ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ދަ ޑިމޮކްރެޓްސް މިހާރަކު ސިޔާސީ މައިދާނަކު ނެތެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލައިފި އެވެ. ނަޝީދު އެ ހުންނެވީ އެނބުރި އެމްޑީޕީގަ އެވެ. އެމްޑީޕީ ދެކަފިވެގެން އުފެދުނު ސިޔާސީ ޕާޓީއެއް މިވަގުތު ރާއްޖެއަކު ނެތެވެ. ކުޑަ ޕާޓީތަކުގެ ނުފޫޒަށް ވުރެ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ނުފޫޒު ވެސް މާ ގަދަކަން 2026 ގެ ކައުންސިލް އިންތިހާބުން ދައްކުވައިދެ އެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބާއި ރެފަރެންޑަމްގެ ވޯޓަށް ބަލާއިރު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެހެން ޕާޓީއަކާ ނުގުޅި، އެކަނި ނުކުމެ އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ހަތަރު ކަމެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ކަމަކަށް އެމްޑީޕީއަށް ވޯޓުލާނެ މީހުންގެ ނިސްބަތް 43 ޕަސެންޓަށް ވަނީ ކައުންސިލް އިންތިހާބާއެކު ޖެހިލާފަ އެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު ފަސް ސިޓީގެ ވޯޓުގެ ބޮޑު ނިސްބަތެއް އޮތީ އެ ޕާޓީއަށެވެ. ރެފަރެންޑަމްގެ ނަތީޖާއަށް ނުބަލަނީ އެއީ ހުސް އެމްޑީޕީއަށް ލިބުނު ވޯޓަށް ނުވާތީ އެވެ.
ދެވަނަ ކަމަކަށް ޕީއެންސީއަށް 2023 ވަނަ އަހަރުގެ އިންތިހާބުގައި ލިބުނު 54 ޕަސެންޓު ވޯޓާ ގާތްކުރާ އަދަދަކަށް ވެސް ރެފަރެންޑަމްގައި އެ ޕާޓީއަށް ނުހޯދެ އެވެ. އޭޕްރީލް 2026 ގެ ފެންނަ ނުފެންނަ ވޯޓުން ސާބިތުވީ ޕީއެންސީގެ ވޯޓާ ބޭސް 31 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމެވެ. އެއީ ދައުރުގެ މެދުން ނެގި އިތުބާރުގެ ވޯޓެވެ.
ތިންވަނަ ކަމަކީ ވެރިކަންކުރާ ޕާޓީއާ ދެކޮޅަށް ހުރި ވޯޓުގެ އެންމެ މަތީ މިންވަރު (އެންޓި އިންކަމްބަންޓު ސީލިން)، ފެންނަ ނުފެންނަ ވޯޓުގެ 'ނޫނެކޭ' ބުނި 69 ޕަސެންޓުން ސާފުވުމެވެ. މިއީ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން ބޭނުންވާ 50 ޕަސެންޓަށްވުރެ މާ މަތީ އަދަދެކެވެ. ސަރުކާރަށް އޮތީ ރައްޔިތުންގެ 31 ޕަސެންޓު އިތުބާރެވެ. ބާކީ 69 ޕަސެންޓު ރައްޔިތުން އެ ޕާޓީއަށް އަލުން ވޯޓު ދޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.
ހަތަރުވަނަ ކަމަކީ ކުދި ޕާޓީތަކުގެ ބާރު ކެނޑި، ސިޔާސީ މައިދާނުން ފޭދިފައިވުމެވެ. އެންމެ ފަހުން ބޭއްވުނު ގައުމީ ވޯޓުގައި ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއަށްވެސް ލިބުނީ ތިން ޕަސެންޓަށްވުރެ ދަށުންނެވެ. މީގެ ކުރިން ކޯލިޝަން ހަދަން މަޖުބޫރުކުރުވި "ކިންގްމޭކަރ" ގެ ނުފޫޒު ސިޔާސީ ކުޅިބައިން ނެތިގޮސްފައިވާކަން ސާފެވެ.
ހަމައެކަނި މި ހަތަރު ކަމަށް ބެލިޔަސް، 2028 ގެ އިންތިހާބަށް އެމްޑީޕީ ނުކުންނަނީ ހިސާބުތަކުން އެންމެ ކުރީގައި އޮވެގެންނެވެ. މި ހިސާބުތައް ދައްކާގޮތުން ފުރަތަމަ ބުރެއްގައި ކޯލިޝަން ހަދާކަށް ނުޖެހެ އެވެ. އޭގެ ބަލަދުގައި އެއް ބުރުން އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުމާ ގުޅިފައި އޮތީ ވާދަކުރާ ކެންޑިޑޭޓުންނާ އެވެ.
ޑީއާރުޕީ ފިކުރުގެ ދެ ކެންޑިޑޭޓުން ވާދަކުރާނަމަ އެ ފުރުސަތު އެމްޑީޕީއަށް ބޮޑުވާނެ އެވެ. ޔާމީންގެ ފަޅިން ކެންޑިޑޭޓަކު ނެރެގެން މުއިއްޒުގެ ވޯޓުތައް ފަޅިކޮށްލާ ހާލަތެއްގައި ކޯލިޝަނަކާ ނުލައި ރިޔާސީ ރޭސް އެމްޑީޕީއަށް ކާމިޔާބު ކުރެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރެފަރެންޑަމާއި ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ޕީއެންސީއަށް ދެވަނަ ދައުރެއް ލިބުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ވަރުގަދަ ކެމްޕޭނަކުން އެމްޑީޕީއަށް 50 ޕަސެންޓު ހުރަސް ކުރެވޭނެ އެވެ.
ދެވަނަ ބުރަކަށް ދާ ހާލަތެއްގައި ފުރަތަމަ ބުރުގައި 42 ޕަސެންޓާއި 45 ޕަސެންޓުގެ ވޯޓު އެމްޑީޕީއަށް ލިބޭ ހާލަތެއްގައި އެ ޕާޓިއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ވަރަށް ރަނގަޅު ނުކުރާ ހާލަތެއްގައި ޕީއެންސީއަށް 40 ޕަސެންޓު ވޯޓު ހުރަސް ކުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ޕީއެންސީން ބަދަލުތަކެއް ގެނައި ނަމަވެސް އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ހަރަކާތްތެރިވާނަމަ ރިޔާސީ ރޭހުން އެއްވަނަ އެ ޕާޓީއަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
ދެން އޮތީ 2013 ގެ ނަތީޖާ ތަކުރާރުވުމެވެ. ފުރަތަމަ ބުރުގައި 40-45 ޕަސެންޓު ވޯޓު ހޯދުމަށް ފަހު އެމްޑީޕީއަށް ދެވަނަ ބުރު ކާމިޔާބު ނުކުރެވުމެވެ. މި ހާލަތު ކުރިމަތިވުން 2013 އާ އަޅާބަލާއިރު މިހާރު މާ ދުރެވެ. އޭގެ ސަބަބަކީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ޕާޓީތަކުގެ ބާރު ވަރަށް ބޮޑަށް ކެނޑިފައިވުމެވެ. އެމްޑީޕީ ދެފަޅިވެ އުފެދުނު ޕާޓީ ވެސް މިހާރު ނެތެވެ. އަދި ޕީއެންސީއަށް ރެފަރެންޑަމްގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައި އޮތުމެވެ.
---
ދެހާސް އަށް ވަނަ އަހަރާއި 2018 ގައި އެމްޑީޕީން ކޯލިޝަން ހަދަން ޖެހުނު ފަދަ ހާލަތެއް މިވަގުތު ރާއްޖެއަކު ނެތެވެ. އެމްޑީޕީގެ ތާއިދު އޮތީ 25 ޕަސެންޓަކު ނޫނެވެ. ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލަކުއެއް ނޫނެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އާއި މުޅި ދައުލަތާ ދެކޮޅަށް ނުކުމެ އެމްޑީޕީއަށް ގައުމީ އިންތިހާބެއްގައި ކުރި ހޯދޭނެކަން 2026 ގެ އިންތިހާބުތަކުން ސާބިތުވެ އެވެ. މިހާރު އެ ޕާޓީއަކީ އެކަނި ނުކުމެވޭނެ ފަދަ ވަރުގަދަ ބްރޭންޑެކެވެ.
ރެފަރެންޑަމްގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ސިޔާސީ ޕާޓީއަކަށް އޮތީ އެމްޑީޕީ އެކަންޏެވެ. ޕީއެންސީން ބޭނުންވާ ގޮތަށް ދެ އިންތިހާބު އެއްކޮށްލުމަށް ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީން ތާއިދުކުރި އެވެ. އެ ވޯޓުގެ ނަތީޖާއިން ދައްކުވައިދެނީ ޕީއެންސީއިން 2023 ގައި ހެދި ގޮތަށް އަމިއްލަ ސަރުކާރެއް ގާއިމުކުރުމުގެ ފުރުސަތު އެމްޑީޕީއަށް މާ ބޮޑު ކަމެވެ.
އެމްޑީޕީއިން ކާމިޔާބު ހޯދުން ބިނާވަނީ ނެރޭ ކެންޑިޑޭޓަށާއި، ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯއަށާއި، ވަރުގަދަ ތިންވަނަ ކެންޑިޑޭޓެއް ރިޔާސީ ރޭހަށް ނުކުތުމާއި، މި ސަރުކާރު ހުދުމުހުތާރުވާނެ މިންވަރަކަށެވެ. ޕާޓީގެ ތެރެއިން ތިންވަނަ ކެންޑިޑޭޓަކު ނުކުތުމުގެ ފުރުސަތު ނުދިނުމަށެވެ. ހައްގުތަކަށް ވަކާލާތު ކުރުމުގައި ދެމިއޮތުމަށެވެ. ހިސާބުތައް އޮތީ އެމްޑީޕީއަށް ފަހިކޮށް ނަމަވެސް، ކާމިޔާބީއަށް ބޭނުންވަނީ ތަރުތީބުވެފައިވާ ކެމްޕޭނެކެވެ.
ރިޔާސީ ރޭސް ކާމިޔާބުކުރަން އެމްޑީޕީއިން ކޯލިޝަނެއް އެކުލަވާލުމުގެ ބަހުސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ