މި ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން އުނިކޮށް، އެ ބޭފުޅުންގެ މައުލޫމާތު ހިމެނުން ހުއްޓާލައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓަށް މި ބަދަލު ގެނެސްފައި މިވަނީ، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެފަހުން އައްޔަނުކުރާނީ ތައުލީމީ ގޮތުން ގާބިލު ބޭފުޅުން ކަމަށް ރައީސް މުހައްމަދު މުއިއްޒު އޭޕްރީލް 20، 2026 ގައި އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
މި ނިންމުމުގެ ކުރިން ރައީސް އޮފީހުގެ ވެބްސައިޓުގައި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ފޮޓޯ އާއި ނަން ހިމަނާފައި ހުއްޓެވެ.
ނަމަވެސް، އޭރުވެސް އެ ފެންވަރުގެ ހުރިހާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެބްސައިޓުގައި ފުރިހަމައަށް ހިމަނާފައެއް ނުވެ އެވެ. މިހާރު ގެނައި ބަދަލާއެކު، އެ ފަންތީގެ އެއްވެސް ބޭފުޅެއްގެ މައުލޫމާތު ވެބްސައިޓުން ފެންނާކަށް ނެތެވެ.
ރައީސް މުއިއްޒު އޭޕްރީލް 20، 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކުރުމުގައި މީގެފަހުން ވަކި މިންގަނޑުތަކަކަށް ބައްލަވާނެ ކަމަށެވެ. އެގޮތުން، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޔަނުކުރާ ބޭފުޅުންނަކީ މާސްޓާސް ޑިގްރީއެއް އޮތް ބޭފުޅެއްތޯ އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ފުރަތަމަ ޑިގްރީއެއް އޮތް ބޭފުޅެއްތޯ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި މީހަކު މަގާމަކަށް ލާންޖެހިއްޖެ ހާލަތެއްގައި ވެސް، އެ މީހަކީ އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ހުރި މީހެއްތޯ ބަލާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު އެމަނިކުފާނަށް އޮތް ނަމަވެސް، މީގެފަހުން ބައްލަވާނީ "މެރިޓް ބޭސް" ނުވަތަ ގާބިލުކަމުގެ މައްޗަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެގޮތުން މަސައްކަތުގެ ފެންވަރަށް ބަލައި މުވައްޒަފުން މަދުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު އޭރު ހާމަކުރެއްވި އެވެ.
ނިމިދިޔައިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރުން ބައެއް ފަރާތްތަކަށް ވަޒީފާ ދީފައިވާކަމަށް މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، ސިޔާސީ ބޭނުމަކަށް ނުވަތަ ކެމްޕެއިނަކާ ދިމާކޮށް ދެން އެއްވެސް މީހަކަށް ވަޒީފާ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ސިޔާސީ މަންފާއެއް ހޯދުމަށް ނުވަތަ އިންތިހާބެއްގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަޒީފާ ދިނުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަގާމުތައް އުފެއްދުމުގެ ބާރު ލިބިދީފައިވަނީ، ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގަ އެވެ.
ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ