މެތިއު ޕެރީގެ މަރުގެ މައްސަލައިގައި އޭނާގެ އެސިސްޓެންޓް 41 މަހަށް ޖަލަށް!

މަޝްހޫރު ކޮމެޑީ ސިލްސިލާ ފްރެންޑްސްގެ ތަރި މެތިއު ޕެރީގެ މަރާ ގުޅިގެން އޭނާގެ އަމިއްލަ އެސިސްޓެންޓް ކެނެތު އިވަމާސާ 41 މަސް ދުވަހަށް (ތިން އަހަރަށް ފަސް މަސް ދުވަހަށް) ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މި ހުކުމަކީ ޕެރީގެ މަރާ ގުޅިގެން ކުރިއަށްދާ ގާނޫނީ މަރުހަލާތަކުގެ ތެރެއިން އިއްވުނު އެންމެ ފަހު ހުކުމެވެ.
އުމުރުން 60 އަހަރުގެ އިވަމާސާ ވަނީ ޕެރީ މަރުވުމުގެ ކުރިން އޭނާގެ ހަށިގަނޑަށް ކެޓަމިން އިންޖެކްޓްކޮށްފައިވާ ކަމަށް އިއުތިރާފުވެފަ އެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އެއްވެސް ސިއްހީ ތަމްރީނެއް ލިބިފައިނުވާ އިވަމާސާ ވަނީ ދެ ޑޮކްޓަރަކާ ގުޅިގެން 50,000 ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ކެޓަމިން ޕެރީއަށް ހޯދައިދީފަ އެވެ.
ޕެރީ މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޭގެ ހޮޓް ޓަބެއްގެ ތެރެއިންނެވެ.
ކޯޓުގައި ހުކުމް އިއްވަމުން ފަނޑިޔާރު ޝެރިލިން ޕީސް ގާނެޓް ވިދާޅުވީ އިވަމާސާއަށް ޕެރީގެ މަސްތުވާތަކެތީގެ ވަބާގެ ހާލަތު ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ޕެރީ މަރުވުމަށްފަހު ހެކި ނައްތާލުމަށް އޭނާ މަސައްކަތްކޮށްފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
ޖަލު ހުކުމުގެ އިތުރުން ދެ އަހަރު ދުވަހުގެ ސުޕަވައިޒްޑް ރިލީޒްއަކާއި 10،000 ޑޮލަރުގެ ޖޫރިމަނާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކަނޑައަޅާފައެވެ. އިވަމާސާ ޖަލަށް ދާންޖެހެނީ މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.
ކޯޓުގައި ވާހަކަދައްކަމުން އިވަމާސާ ވަނީ ޕެރީގެ އާއިލާގެ ކިބައިން މާފަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި ކުރެވުނު ގާނޫނާ ހިލާފު ކަންތައްތަކާ މެދު މުޅި އުމުރަށް ހިތާމަކުރާނެއެވެ. އަދި އޭނާގެ މި ހާދިސާއަކީ އެހެން މީހުންނަށް ލިބޭ އިބުރަތަކަށް ވުމަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ޕެރީގެ އާއިލާއިން ވަނީ އިވަމާސާއަށް އެއްވެސް ހަމްދަރުދީއެއް ނެތްކަން ހާމަކޮށްފައެވެ. ޕެރީގެ މަންމަ އާއި އާއިލާގެ މެންބަރުން ކޯޓަށް ފޮނުވި ސިޓީތަކުގައި ބުނެފައިވަނީ އިވަމާސާއަކީ ޕެރީގެ ރައްކާތެރިކަން ބަލަހައްޓަން ހުރި މީހާ ކަމަށާއި ނަމަވެސް އޭނާ ވަނީ އެ އިތުބާރު ނަގާލާފައި ކަމަށެވެ.
މި މައްސަލައިގައި އިވަމާސާގެ އިތުރުން އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.
އޭގެ ތެރޭގައި ކެޓަމިން ކުއީންގެ ނަމުން މަޝްހޫރު ޖަސްވީން ސަންގާ ހިމެނެއެވެ. ސަންގާ ވަނީ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި ޕެރީއަށް ކެޓަމިން ފޯރުކޮށްދިން ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ސަލްވަޑޯ ޕްލެސެންސިއާ އާއި ޑރ. މާކް ޗާވޭޒްގެ މައްޗަށް ވެސް ވަނީ ޖަލު ހުކުމާއި ގޭބަންދުގެ ހުކުމްތައް އިއްވާފައެވެ.
މެތިއު ޕެރީގެ މަރުގެ ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރުވީ ކެޓަމިންގެ ސަބަބުންނެވެ. އަދި ހޮޓް ޓަބަށް ގެނބުމަކީ ވެސް މަރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ރިޕޯޓުގައިވެއެވެ. އިވަމާސާގެ ވަކީލު ކޯޓުގައި ބުނީ އޭނާގެ މުވައްކިލު އަމަލުކުރީ ޕެރީގެ އެދުމުގެ މަތިން ކަމަށާއި ޕެރީއަށް ނޫނެކޭ ބުނުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތީ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ އިވަމާސާގެ އަމަލުތަކަކީ ފަރުވާކުޑަ އަދި ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ