ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ކުޅުންތެރިންގެ އަނގަ ބަންދު ކުރަން ގެގް އޯޑަރެއް ނުނެރޭނެ ކަމަށާއި ނަމަވެސް ކުޅުންތެރިން ސިޔާސީ ވާހަކަ ނުދައްކާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޖަރުމަނު ގައުމީ ޓީމުން ބުނެފި އެވެ.
ސްޕޯޓިން ޑައިރެކްޓަރު ރޫޑީ ވޮލާ މިހެން ބުނީ ކުޅުންތެރިން ސިޔާސީ ވާހަކަ ނުދައްކައި މުބާރާތް ތެރޭގައި ތިބުމުގެ މުހިންމުކަން ބުނެދެމުންނެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕަށް ދިޔަ ޖަރުމަނު ކުޅުންތެރިންނަށް ސިޔާސީ ވާހަކަ ދެއްކުން މަނާ ކުރި އެވެ. މިހެންވެ ކުޅުންތެރިން ފުރަތަމަ މެޗަށް ނުކުމެ، ގައުމީ ސަލާމް ކިޔަމުންދިޔައިރު އަނގަ ބަންދު ކޮށްގެން ތިބުމަށްފަހު މެޗު ނިންމާފައި ވެސް ވާހަކަ ދައްކަން ދެކޮޅު ހެދި އެވެ. މިކަމާ ގުޅުވައި ވޮލާ ބުނީ ގަތަރު ވޯލްޑް ކަޕުގައި ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރުގެ ޓީމުގައި ވެސް ހިމެނޭ ކަމަށެވެ.
"އެހެންވީމާ އަހަރުމެން އެއްވެސް ކަމެއް މަނާ ނުކުރާނަން. އެކަމަކު އަހަރެން އުއްމީދު ކުރަން ކުޅުންތެރިންނަށް އަހަރުމެން ވޯލްޑް ކަޕަށް ދާ މަގްސަދު އެނގޭނެ ކަމަށް. އުއްމީދު ކުރަނީ ކުޅުންތެރިން ސިޔާސީ ވާހަކަ ނުދައްކައި ތިބޭނެ ކަމަށް. އެކަމަކު އެކަން ކުރަން ބޭނުންވާ ކުޅުންތެރިންނަށް އެކަން މަނަލެއް ނޫން. އެކަމަކު ކުރިން ވެފައިވާ ކަންކަން ތަކުރާރު ވާކަށް އަހަރުމެން ބޭނުމެއް ނޫން. ކުޅުންތެރިން ނުދެއްކިޔަސް މީޑިއާއިން އެ މީހުން ބޭނުން ކޮންމެ ވާހަކަ ދެއްކޭނެ،" ވޮލާ ބުންޏެވެ.
އުމުރުން 66 އަހަރުގެ ވޮލާ އަކީ 1990 ވަނަ ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަނު ޓީމުގެ ކުޅުންތެރިއެކެވެ. ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ބައެއް ސިޔާސީ ސުވާލުތަކަށް އިޝާރާތްކޮށް އޭނާ ބުނީ އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތައް ކުޅިގެން 1980 ވަނަ އަހަރުގެ އޮލިމްޕިކްސް ގޭމްސްގެ މެޗުތައް ނުކުޅުމަކީ ގޯސް ނިންމުމެއް ކަމަށެވެ.
"އަހަރުމެން ވޯލްޑް ކަޕަށް މި ދަނީ ވަކި މަގްސަދެއްގައި. އެކަން ކުޅުންތެރިން ދެނެގަންނަންވީ. ޓީމުގައި ކުރާ ކަމަކުން އަހަރުމެން މި އުޅެނީ އާއްމުންނަށް ހިތްހަމަ ޖެހުން ހޯދައިދޭން. މިއީ ކޮންމެ ދުވަހަކު އެ މީހުން ތަހައްމަލް ކުރާ އުނދަގޫތަކުގެ ވާހަކަތަކާ މެދު ބަހުސް ކުރާ މައިދާނެއް ނޫން. ކުޅުންތެރިން މިކަންކަން ވިސްނުމަކީ މުހިންމު ކަމެއް،" ވޮލާ ބުންޏެވެ.
ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ޖަރުމަނުން ފިންލެންޑާއެކު އާދިއްތަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅެނެ އެވެ.
ޖަރުމަނު ކުޅުންތެރިންނަށް ގެގް އޯޑަރެއް ނެރެފާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ