ކަރަންޓު ބިލުތައް ރައްޔިތުން ކަންބޮޑުވާ މިންވަރަށް ބޮޑުވަމުން ދާތީ ބިލުތަކަށް ވާ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގައި ބުނީ، ސަރުކާރުގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ދެމުންދާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަޔާ ސްޓެލްކޯގެ ފަރާތުން ދެމުން ގެންދާ ކަރަންޓު ބިލުތައް ފާއިތުވި މަސްތަކުގައި އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާތީ މިކަންކަން ބަލައި ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ.
މެންބަރު ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ ކަރަންޓު ބިލު ލިބުމާއެކު ރައްޔިތުން ކަންބޮޑުވެ، ސްޓެލްކޯއަށް ޝަކުވާ ހުށަހަޅާ، ސޯޝަލް މީޑިއާގައި އެކި މަސްތަކުގެ ބިލުތަކުގެ ފަރަގު ފެންނަ ގޮތަށް ފޮޓޯލައި ސުވާލުތައް އާންމު ކުރަމުންދިޔަ ކަމަށެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ގިނަވެ، ސްޓެލްކޯއިން ވަނީ ބިލުތަކަށް ލުޔެއް ދީފަ ކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ވޭތުވެދިޔަ މަސްތަކުގައި ރީޑިންގް ނަގާފައިވާ ބިލުތައް އަދި އެއަށްވުރެ ބޮޑުކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް މައްސަލައިގައި ވެއެވެ.
މިހެން މިކަން ހިނގާއިރު ރައްޔިތުންނަށް ކަރަންޓު ބިލު ބޮޑުވި ގޮތުގެ ތަފްސީލު ލިބޭނެ ގޮތެއް އަދި ނުވޭ ތަފްސީލު ލިބުނު ބައެއް ބިލުތަކުގައި ބައެއް ބިލުތައް ހެދިފައި ވަނީ އެވްރެޖް ބިލެއްގެ ގޮތުގައިކަން ވަނީ ފާހަގަކުރެވިފަ. އެހެންކަމުން، ރައްޔިތުންނަށް ބިލުތަކަށް ވާ ގޮތް ސާފުކޮށްދިނުމަށް އަދި މިކަހަލަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫތަކުގައި ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ މި ކުއްލި މައްސަލަ ހުށަހަޅަން،
މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
ކަރަންޓު ބިލުތައް ބޮޑުވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ