ހަލުވިކަމާއެކު ރޯގާ، ފެތުރޭތީ ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހިގެން ނޫނީ ނާންނަން އެދިއްޖެ
މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު ރޯގާ ފެތުރެމުންދާތީ، ކޮންމެހެން އެ ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ޒިޔާރަތްނުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އައިޖީއެމްއެޗުން އެދެފިއެވެ. އެ ހޮސްޕިޓަލުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ރޯގާ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން، ރައްކާތެރިފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެދޭކަމަށެވެ. https://sun.mv/221924 ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އައިޖީއެމްއެޗުން ވަނީ ބުނެދީފައެވެ. އެގޮތުން ކޮންމެހެން ދާންޖެހޭ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން ސަމާލުކަން ދިނުމަށް އެދިފައިވާ ކަންކަމަކީ ހުންއައިސް ގައިގައި ބިހި ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން. އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ސަމާލުކަން ދިނުން. ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދިނުން. ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަ ކުރުން. ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އަނގަޔާއި ނޭތްފަތް ރަނގަޅަށް ނިވާކުރުން. މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، މާސްކު އެޅުން. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުން މަދިރި އާލާވާ ތަންތަން ބަލައި، ގޯތިތެރެއާއި ވަށާއިގެންވާ މާހައުލު ސާފުކުރުން. މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ދުވަސްވަރެއްކަމުން ތަފާތު ރޯގާތަކުގެ ބަލިމަޑުކަން އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި މީގެ ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބައްޔެއްކަމަށް ވާ ހިމަބިއްސަ މި ހަފްތާގެ ތެރޭގައި ދެ މީހަކު ވަނީ ޕޮޒިޓީވް ވެސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ