ކ. ދިއްފުށީ ފަޅުގެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރެއް ހައި ކޯޓުން ހާމިދަށް ނުދިން!

ކ. ދިއްފުށީފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ދިއްފުށީ ފަޅުގައި ރިސޯޓު ހެދުމަށް ހާމިދަށް ސަރުކާރުން 2015 ވަނަ އަހަރު ކުއްޔަށް ދިނުމަށް ފަހު 2017 ގައި އަތުލުމުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެތުލީ ރަނގަޅަށް ކަމަށެވެ. އެހެންވެ މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު، މައްސަލަ ނިމެން ދެން އެތަނުގައި އެހެން ފަރާތަކުން ކުރާ މަސައްކަތްތައް ހުއްޓާލުމަށާއި، އަދި އިތުރު ބަޔަކަށް ކުއްޔަށް ނުދިނުމުގެ އަމުރަކަށް އެދުނީ އެވެ.
މައްސަލައިގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅައި ހާމިދުގެ ފަރާތުން ފާހަގަކޮށްފައި ވަނީ ސިވިލް ކޯޓުން ހުކުމް ކުރުމުގެ ކުރިން ކ. ދިއްފުށި ފަޅު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އެ ތަނުގައި އެއްވެސް މަސައްކަތެއް ކުރަމުން ދާނަމަ ހުއްޓާލުމުގެ އަމުރުކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށް އެދުމުން ސިވިލް ކޯޓުން އެ އަމުރު ނެރެދީފައިވާ ކަމަށެވެ. އަދި ހައިކޯޓުން އެ ގަޒިއްޔާގެ އަމުރު ސައްހަކަމަށް ކަނޑައަޅާފައިވާކަމަށް ވަނީ ބުނެފަ އެވެ.
މައްސަލައިގައި ހާމިދު ބުނެފައި ވަނީ، ހިއްކާފައިވާ ބިން އެހެން މީހަކަށް ކުއްޔަށް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އިސްތިއުނާފުކޮށްފައިވާ މައްސަލަ ނިމުމުގެ ކުރިން ވަގުތީ އަމުރު ނެރެނުދީފި ނަމަ ހުކުމް ކުރާއިރު ހުކުމުގެ ބޭނުން ނެތި ހާމިދަށް އެނާ ހިއްކާފައިވާ ބިން ގެއްލި ނުވަތަ ތަން އަނބުރާ ހޯދުމަށް ކޯޓުގެ އިތުރު މަރުހަލާތަކެއް ކަޑަތުކޮށް އިތުރު ހަރަދުކޮށްގެން ތަން ލިބޭއިރު ތަނަށް ގެނެސްފައި ހުރި ބަދަލުތަކެއްގެ ސަބަބުން، ކުރިޔަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓު ކުރިޔަށް ނުގެންދެވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ވެސް މައްސަލައިގައި ވެއެވެ.
އެހެންވެ ހާމިދުގެ ފަރާތުން މައްސަލަ ހުށަހަޅައި އެދިފައި ވަނީ ކ. ދިއްފުށި ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ދިވެހި ދައުލަތާއި އޭނާ ދެމެދު 19 ފެބްރުއަރީ 2015 ގައި ސޮއިކޮށްފައިވާ އެއްބަސްވުން، ދައުލަތުގެ ފަރާތުން ބާތިލުކޮށްފައި ވަނީ ރަނގަޅަށްކަމަށް ކަނޑައަޅާފައިވާ ސިވިލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފަށް ހުށަހަޅާފައިވާތީ، މައްސަލައިގެ ނިހާއީ ހުކުމަކަށް ވާސިލުވަން ދެން ދިއްފުށި ފަޅު އެއްވެސް މީހެއް ނުވަތަ ބަޔަކަށް ކުއްޔަށް ނުދިނުމަށާއި އެ ފަޅުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ހުއްދަ އެއްވެސް މީހަކަށް ނުދީ މަޑުކޮށްލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަގުތީ އަމުރު ނެރުމުގައި ބަލަން ޖެހޭ ޝަރުތުތަކެއް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާކަން ފާހަގަކޮށް ބުނެފައި ވަނީ ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް، އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމުވެގެން ވުން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމަކާއި ނުލައި، އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި ވަގުތީ އަމުރަށް އެދޭ މީހަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ މީހެއްކަމުގައިވާން ޖެހޭ ކަމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހާމިދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާއަށް ދައުވާ ކާމިޔާބު ކުރެވިފައި ނުވާކަންމ އެ ގަޒިއްޔާގެ ހުކުމުން އެނގެން އެބައޮތް ކަމަށެވެ. އަދި އެދިފައިވާ ވަގުތީ އަމުރަކީ އެއީ އެ ކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާގައި ހުކުމް ކުރުމުގެ ކުރިން ދިއްފުށި ފަޅު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އެ ފަޅުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ހުއްދަ އެއްވެސް މީހަކަށް ނުދީ މަޑުކޮށްލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް، އެދި ހުށަހެޅި ހުށަހެޅުމެއްކަން އެނގެން އެބައޮތް ކަމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ އާއްމު އުސޫލުން ވަގުތީ އަމުރު ނެރެދެވޭނީ ބަދަލު ދީގެން ވެސް ގެއްލުން އިޔާދަ ނުކުރެވޭ ފަދަ ހާލަތްތަކުގައި އެކަނި ކަމަށެވެ. ހުކުމުގައި ވަނީ މައްސަލައިގައި، ކަން ހިނގާފައިވާ ގޮތަށާއި، ދައުވާއަށާއި، އެ ދައުވާގައި ހޯދުމަށް އެދިފައިވާ ފަރުވާއަށާއި، އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، ވަގުތީ އަމުރެއް ނެރެ ނުދޭ ހާލަތުގައި، އިސްތިއުނާފީ ދައުވާ ހާމިދަށް ކާމިޔާބު ވެއްޖެނަ މަ، ކޯޓުން ކުރެވޭ ހުކުމްގެ މަގްސަދު ހާސިލު ނުވެދާނެކަން ހާމިދަށް ބުނެދެވިފައި ނުވާ ކަމަށެވެ. ައެހެންކަމުން ވަގުތީ އަމުރަށް އެދުނު ފަރާތަށް، ލިބޭނެ ގެއްލުމަކީ، މި ހާލަތުގައި ތަދާރުކު ނުކުރެވޭނެ ގެއްލުމެއްކަން އެނގެން ނެތުމާއި އެކު، އެދިފައިވާ ގޮތަށް އަމުރު ނެރެދެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.
މި މައްސަލަ ހައިކޯޓުގައި ބައްލަވާފައި ވަނީ، ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ