2024ގެ ބަޖެޓަކީ ވިސްނުންތެރިކަމެއް ނެތި އެކުލަވާލާ ފާސްކުރި ބަޖެޓެއް: މެމްބަރު ނަސީރު

2024ގެ ބަޖެޓަކީ އެއްވެސް ވަރަކަށް ވިސްނާ ފިކުރު ކުރުމެއް ނެތި އެކުލަވާލާފައިވާ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
އައު ސަރުކާރު ވެރިކަމުގެ ހުވާކުރުމުގެ ކުރިން، 19 ވަނަ މަޖިލީހުން ބަޖެޓު ފާސްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ބައެއް ކަންކަން އުނި ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ހިމެނޭއިރު، ސަރުކާރުން ބުނެފައި ވަނީ ބައެއް މަޝްރޫއުތަކަށް ހުށަހެޅި ބަޖެޓުގެ އަދަދުތައް ވެސް އުނިކޮށްފައިވާކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ބަޖެޓަށް، ރައީސް މުއިއްޒު ވެސް ފާޑުވިދާޅުވެފައި ވެއެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ މިންވަރަށް ބަޖެޓުގައި އަދަދުތަކެއް ނެތްކަމަށް ފާހަގަކުރައްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ނަސީރު ވިދާޅުވީ އޭނާ ވެސް ބަޖެޓު ދިރާސާ ކުރިކަމަށާއި، އެއީ އާންމުކޮށް ގޭގޭގައި ބަޖެޓުކުރުމުގައި ވެސް ބޭނުން ނުކުރާނެ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއްކަމަށެވެ.
ނަސީރު ވިދާޅުވީ، ރާއްޖެ ފަދަ ތައުލީމީ ގައުމެއްގައި އެފަދަ ގޮތަކަށް ބަޖެޓެއް އެކުލަވާލާފައި އޮތުމުން ހައިރާންވިކަމަަށާއި ބަޖެޓުގައި ހުރިހާ ދާއިރާއަކަށް ނިސްބަތްކޮށްވެސް ހިސާބު އަކުރުތަކެއް ޖަހާފައި ހުރިކަމަށްވީނަމަވެސް އެ ބަޖެޓަަށް ބަލާލުމުން އެއީ އެއްވެސް ހިޔާލެއް ފިކުރެއް ކުރުމެއް ނެތި އެއްވެސް ތަރުތީބެއްގެ މަތިން ކުރެވިފައިވާ މަސައްކަތެއްވެސް ނޫންކަން ސާފުވެގެންދާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2024ގެ ބަޖެޓަކީ ގައުމު އޮތް ހާލަތާއިމެދު ވިސްނާ ފިކުރު ކުރުމަށްފަހު ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ ބަޖެޓެއް ނޫންކަން ތަފްސީލުތަކަށް ބަލާލުމުން ފެނިގެންދާނެކަމަށެވެ. އަދި އެމްޑީޕީއިން އޮތީ ބަޖެޓެއް ހެދުމުގެ ނަމުގައި ބަޖެޓެއް ހަދައި ފާސްކޮށްލާފައިކަމަށްވެސް ނަސީރު ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ބަޖެޓު އެކުލަވާލާއިރު ދެން ސަރުކާރާއި ހަވާލުވާ ޕާޓީއަށް ޖެއްސުންވާހެން ބަޖެޓެއް އެކުލަވާލައި ފާސްކުރުމުން ހަގީގަތުގައި މަސައްކަތުގެ ދުވެލި މަޑުޖެހި އެއް އަހަރު ދުވަސް ފަހަތަށް ސޮއްސާލާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ