ޖަޒީރާ އެމްޕީއަަކީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ދާއިރާއަށް އެންމެ ގިނައިން ޒިޔާރަތްކުރި މެންބަރަށް "ޖަޒީރާ ނިއުސް"ގެ ފަރާތުން, "ޖަޒީރާ އެމްޕީ"ގެ ނަމުގައި ދޭ ހާއްސަ އެވޯޑް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ(އައިބީ)އަށް ލިބިވަޑައިގަންނަވައިފިއެވެ.
މިރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ދިޔަ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އިބްރާހިމް ދީދީއަށް އެވޯޑް ހަވާލުކޮށްދެއްވީ، ޖަޒީރާ ނިއުސްގެ ޗީފް އެޑިޓަރ، އަހުމަދު ފައިރޫޒްއެވެ.
މި އެވޯޑް އިބްރާހިމް ދީދީއަށް ލިބިފައިވަނީ "ޖަޒީރާ އެމްޕީ" އެވޯޑަށް ކުރިމަތިލުމަށް "ޖަޒީރާ ނިއުސް"އިން ހުޅުވާލި މުއްދަތުގައި, އެވޯޑަށް ކުރިމަތިލެއްވި މެންބަރުންގެ ތެރެއިން އެންމެ ގިނައިން ދާއިރާއަށް ޒިޔާރަތް ކުރެއްވި މެންބަރަކީ، އިބްރާހިމް ދީދީ ކަމަށް، "ޖަޒީރާ ނިއުސް"އަށް ލިބުނު ލިޔެކިޔުންތަކުން ސާބިތުވެފައިވާތީއެވެ.
އެގޮތުން އިބްރާހިމް ދީދީ ވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 107 ފަހަރު ދާއިރާއަށް ޒިޔާރަތް ކުރައްވައިފައެވެ.
އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޒީރާ އެމްޕީ، އިބްރާހިމް ދީދީ ވިދާޅުވީ، ޖަޒީރާ އެމްޕީ އެވޯޑް އޭނާއަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރު ބަޔަކަށް ވާން ޖެހޭ ކަމަށާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ރައްޔިތުންގެ އަޑު އަހާ ފަރާތްތަކަށް ކަމަށެވެ.
މިރޭ ބޭއްވުނު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވަނީ "ޖަޒީރާ އެމްޕީ"ގެ ނަން ދިމާކުރައްވައިގެން އައިފޯނު އެކްސް ހޯއްދެވި ނަސީބުވެރިޔާގެ ނަންވެސް އިއުލާންކޮށްފައެވެ. އެގޮތުން "ޖަޒީރާ އެމްޕީ"ގެ ނަން ދިމާކުރެއްވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުމުގެ ނަސީބު ވެރި ފަރާތަކީ ޖައުޝަން ޝަރީފެވެ.
"ޖަޒީރާ އެމްޕީ" އެވޯޑަކީ، 18 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން، ދާއިރާއަށް އެންމެ ގިނައިން ޒިޔާރަތްކޮށް، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރައްވާފައިވާ މެންބަރު ހޮވާ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން "ޖަޒީރާ ނިއުސް"އިން ދިން ހާއްސަ އަދި ޝަރަފުވެރި އެވޯޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ