ކެނދިކުޅުދޫގެ ހޮސްޕިޓަލާއި އާ ސްކޫލް އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

މި އަތޮޅު ކެނދިކުޅުދޫގައި އަލަށް އިމާރަތް ކުރާ ޓާޝަރީ ހޮސްޕިޓަލާއި ތިން ބުރީގެ ސުކޫލް އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އަޅަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހަޅަން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު ފަހުން އެ އިއުލާން ބާތިލްކޮށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ވަނީ ހޮސްޕިޓަލަށް ބީލަން ހުށައެޅުމަށް ހުޅުވާލައިފަ އެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ބައިވެރިވެގެން މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކެނދިކުޅުދޫގެ ހޮސްޕިޓަލާއި އެކޮމަޑޭޝަން އިމާރާތް އަދި ސާވިސް އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ސާސް-އީ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނިން އެ މަސައްކަތް އެއް އަހަރާއި ފަސް މަސް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ. މި ޕްރޮޖެކްޓުގެ އަގަކީ 193.9 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއަށް ލޯނު ދެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކަމަށް ހެލްތް މިނިސްޓްރީއިން ބުންޏެވެ.  
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އަދި ސާސް-އީ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ސަވާދު އެވެ.
ކެނދިކުޅުދޫ ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން ލަސްވީ އެ މަޝްރޫއަށް ހުށަހެޅި އަގުތައް ބޮޑުވެގެން ކަމަށް ވެސް ހެލްތް މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކެނދިކުޅުދޫގެ ސްކޫލުގެ ތިން ބުރީގެ އައު އިމާރަތް އެޅުމަށް ވެސް ބަޔަކާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަވާ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނިން އެއް އަހަރު ތެރޭގައި ނިންމަން އެއްބަސްވި އިރު، މި ޕްރޮޖެކްޓުގެ އަގަކީ 11 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ