ދިރިހުރިހާ ހިނދަކު ގާސިމް އިންތިހާބުގައި ވާދަކުރާނެ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ދިރިހުރިހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގާސިމަށް ރަސްމީކޮށް، ރިޔާސީ ޓިކެޓް ދިނުމަށް މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ޖޭޕީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ޖަލްސާގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ވަނީ މިއަދު މެންދުރު ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމްގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ، ކިތަންމެ ޖެއްސުމެއް ކުރިޔަސް ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ގާސިމް އިންތިހާބުގައި ވާދަނުކުރައްވާނޭ ހަމައެކަނި ގޮތަކީ ދިރިހުންނެވިކަން ކަށަވަރުނުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
 "މިސާލަކަށް އިންސާނާ ދުނިޔޭގައި ދިރިހުރިކަން ކަށަވަރުވާހާ ހިނދަކު އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބު 2023ގައި ވާދަކުރާނެ، ﷲގެ ވާގިފުޅާ އެކު. ގަބޫލުކުރައްވާ ދަތިކުރިޔަސް، އުނދަގޫ ކުރިޔަސް، ޖެއްސުން ކުރިޔަސް، ހިތަށް ދަތިކުރާ ކިތަންމެ ކަމެއް ކުރިޔަސް، އޮންރަބަލް ގާސިމް އިބްރާހިމް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ،" ގާސިމްގެ ވިލާ ކުންފުންޏަށް ދިން ވާވެއްދިފަޅު ވިއްކުން ހުއްޓުވުމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ގާސިމަށް ވާދަނުކުރެއްވޭނެ ކަމަށް އުފައްދާ ސުވާލުތައް ނޫސްވެރިން ވެސް، ސިޔާސީ ވެރިން ވެސް ކުރުން މިހާރު ހުއްޓާލަން ޖެހޭ ކަމަށެވެ. އެކަމާ ޝައްކު ނުކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް ވާދަކުރޭތޯ ނޫންތޯ މިއީ ވަރަށް ގިނައިން އުފެދޭ ސުވާލެއް. މާދަމާ ރޭ ޓިކެޓް ދީނީމަ ވެސް ވިދާޅުވާނެ ވާދަކުރޭ ހެއްޔޭ؟ ރިޔާސީ އިންތިހާބަށް އިލެކްޝަނަށް ފޯމު ލީމަ ވެސް ވިދާޅުވާނެ ވާދަކުރައްވާހެއްޔޭ؟،" އިލްހާމް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން: ވިލާގެ ވާވެއްދި ފަޅު ވިއްކުން އޭސީސީ އިން ހުއްޓުވައިފި
ފަޅު ވިއްކުން ހުއްޓުވާލީ ސަރުކާރުގެ ނުފޫޒުންތޯ ކުރި ސުވާލަށް އޭނާ ވިދާޅުވީ، އެއީ 'އިދާރީ އޮޅުމަކުން' އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މުއާމަލާތަކީ ގާސިމްގެ ވިޔަފާރި ކުންފުންޏަކާ ގުޅޭ މުއާމަލާތެއް ކަމަށް ވުމުން، އެކަމަށް އެއްޗެއް ވިދާޅުވާން ބޭނުންނުވާކަން ފާހަގަ ކުރައްވައި އެ ނިންމުން ނިންމާފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ދޭހަވާ މޭރުމަކުން ވެސް އިލްހާމް ވާހަކަ ދެއްކެވި އެވެ.
"ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ ހިލާފުވާ ކޮންމެ ނިންމުމަކީ، މީގެ ތެރެއިން ބާރު ފޯރުވަންޏާ އެއީ ސަރުކާރުން ބާރު ފޯރުން ކަމަށް ވާނީ. އަޅުގަނޑަކަށް ނޭނގެ ތިކަހަލަ ކަމެއް ހިނގާ ކަމެއް ރަސްމީކޮށް ދަންނަވަން. ހިނގާކަމަށް ވާ ނަމަ، ސަރުކާރު ކަމަކަށް ވާނީ،" އިލްހާމް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން: ވިލާ ކުންފުނީގެ ފަޅު ވިއްކުން އޭސީސީއަކަށް ނުހުއްޓުވޭނެ: ވަކީލުން
އޭސީސީގެ މެންބަރުން ގޯހެއް ނަހައްދަވާނޭކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ، އެ މެންބަރުންގެ މަގާމު ވެސް ވަގުތު ޖެހުމުން ދާނެކަން ހަނދާން ބަަހައްޓަން ޖެހޭ ކަމަށެވެ. މާޒީން ވެސް 'ރިއަލިޓީ' ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއްކާ ޖަވާބުދާރީ ވެސް ވާން ޖެހޭނެ. ދެން ޖޭޕީގައި ތިބި މީހުން މަޑުން ތިބޭނެ؟. ނުތިބޭނެ މަޑުން ވެސް ދެއްތޯ؟ ތިކަހަލަ ކަމެއް ހިނގަންޏާ އެއަށް ޖަވާބުދާރީވާން ޖެހޭނެ. ޖެއްސުން ކުރަންޏާ ޖެއްސުމަށް ޖަވާބު ވެސް ދޭނެ. މިތާގައި ތިބޭނެ އެވަރުގެ ފަހުލަވާނުން،" އިލްހާމް ވިދާޅުވި އެވެ.
ގާސިމަށް ޓިކެޓް ހަވާލުކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި:
ރަށްތަކުން މީހުން ނުގެންނާނެ؛ އެކަމަކު މިއީ ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު، ކުލަ ގަދަ ޖަލްސާއަށް ވާނެ
ޖަލްސާއަކީ ކޯލިޝަނަކާ ނުލައި ބާއްވާ ޖަލްސާއެއް؛ އެކަމަކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން އަދިވެސް އޮތްކަމަށް ބުނި
ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން'އާ އެކު ޖޭޕީން މަޝްވަރާތަކެއް މީގެ ކުރިން ފެށި އެވެ. ނަމަވެސް ނަޝީދުގެ ފަރާތުން ވެރިކަމުގެ ނިޒާމް ބަދަލުކުރަން ހުށަހެޅި ހުށަހެޅުމަށް ގާސިމް ދެކޮޅުހެއްދެވި ހިސާބުން އެ މަޝްވަރާތައް އޮތީ މަޑުޖެހިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިލްހާމް ވިދާޅުވީ އެއްބަސް ނުވެވުނީ ނިޒާމްގެ މައްސަލައަށް ކަމަށާއި އަދިވެސް ނަޝީދާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން، އެހެން ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރައީސް ނަޝީދާއި އަޅުގަނޑުމެންނާ މައްސަލަތަކެއް ޖެހި، ވާހަކަ ނުދެކެވޭ ހިސާބަށް އެއްވެސް ކަމެއް ނުދޭ. ރައީސް ނަޝީދާ އެކު އަދިވެސް އޯޕަންކޮށް ވާހަކަ ދެއްކުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ... އަދިވެސް އެ ގުޅުން ދާނީ ކުރިއަށް،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 'ރައީސް ނަޝީދާ އެކު ކޯލިޝަން ހަދަން ޖެހޭ ހާލަތަކަށް މި ޕާޓީ ތައްޔާރުވާނެ' ކަމަށެވެ. އެއީ އޭނާގެ އެކަނި ނިންމުމަކަށް ނުވާނެ ކަމަށާއި ޕާޓީގެ 'ވިސްނުން ހުރީ އެގޮތަށް' ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދު އަޅުގަނޑުމެންނާ ދުރެއް ނޫން، ގާތް އަހެއް. މިއަދު ވެސް ވާހަކަ ދެކެވޭ...ރައީސް ނަޝީދަކީ، ޖޭޕީގެ ވަރަށް ގާތް ރައްޓެއްސެއް މިއަދު ވެސް. އެމަނިކުފާނު މިި ގައުމަށް ކުރެއްވި ހިިދުމަތް ވެސް އަޅުގަނޑުމެން ބަލައިގަންނަން،" އިލްހާމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަޝީދަށް އިލްހާމް މިއަދު ތައުރީފް ކުރެއްވިއިރު، މިދިޔަ ހުކުރު ދުވަހު ގާސިމް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ ނަޝީދު ނޫން ބޭފުޅަކު ވެރިކަމަށް އައުމަށް ނަޝީދު އެދިވަޑައިނުގަންނަވާ ކަމަށެވެ.
އިތުރަށް ކިޔާލަން: ނަޝީދު ބޭނުންވަނީ ވެރިކަމަށް އަންނަން؛ އެ ގޮތް ބޭނުމެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ