ފުނަދޫގެ 36 އަހަރުވީ ރައްޔިތުންގެ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

ށ. ފުނަދޫގައި 36 އަހަރު ވަންދެން ރައްޔިތުން ހިންގި އިންޖީނުގެ މިއަދު ފެނަކައާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިންޖީނުގެ ފެނަކައާ ހަވާލުކުރީ އިއްޔެ ފުނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެއާ އެކު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނަކައިން މިހާރު އަންނަނީ އިންޖީނުގެ ހިންގަމުންނެވެ.
ތަފްސީލް - ފެނަކައިން ބުނީ ފުނަދުއަށް ބޭނުންވާ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޖެނެރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ދިނުމަށް ކަމަށެވެ.
ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފައްދައި ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ ޔުޓިލިޓީ ކުންފުނިތަކާ މަތިކުރީ އެ ބޭނުމުގައި ކަމަށް ޝައުނާ ވިދާޅުވި އެވެ.
"މީހުން ދިރިއުޅޭ ދެތިން ހަތަރު ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި އަސާސީ ހިދުމަތް މިހާރު ފޯރޮށްދެނީ ޔުޓިލިޓީ ކުންފުނިތަކުން،" އޭނާ ވިދާޅުވި އެވެ.
އެގޮތުން، ފެނަކައިން މިހާރު ވެސް 153 ރަށެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަކަން ޝައުނާ ފާހަގަކުރެއްވި އެވެ.
ހަކަތަ އުފެއްދުމަށް ރާއްޖޭން ބަރޯސާވާން ޖެހެނީ ބޭރުން އެތެރެކުރާ ތެލަށް ކަމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާތީ، އެކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
އެހެންކަމުން، ރާއްޖޭން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި އެ ވަސީލަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް ޝައުނާ ވިދާޅުވި އެވެ. އެގޮތުން، 51 މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ:
ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި އިންސްޓޯލް ކޮށްފައި ހުރީ 16 މެގަވޮޓުގެ ސޯލާ ކަމަށް 
މިވީ ތިން އަހަރުގެ ތެރޭގައި އިތުރު 20 މެގަވޮޓުގެ ސޯލާ ހަރުކޮށްފައިވާ ކަމަށް
އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތައް ނިމުމުން 120 މެގަވޮޓްގެ ސޯލާ ޕީވީ ރާއްޖޭގައި ހުންނާނެ ކަމަށް
"މިހާރުގެ އަގުން ނަމަ މިއީ 900 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގެ ޖާގައިގެ ދަތިކަން ހުރުމުން މިހާރު ފަޅުތެރޭގައި ސޯލާ ހަރުކުރުމުގެ މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އޭގެ އިތުރުން، ކަނޑުގެ އެކި ވަސީލަތްތަކުން ވެސް ކަރަންޓު އުފެއްދޭނެ ޓެކްނޮލޮޖީ ތައާރަފްވަމުން އަންނަ ކަމަށާއި، ނ. މަނަދޫގައި 300 ކިލޯވޮޓުގެ ވިންޑް އެނާޖީ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
ހަމަ އެއާ އެކު، ފުނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމު، ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ސިސްޓަމަކަށް ބަދަލުކުރުމަށްޓަކާ މިނިސްޓްރީން ހިންގާ 'އެރައިޒް' ޕްރޮޖެކްޓުގެ ދަށުން 1 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމަކާއި 1 މެގަވޮޓްއަވާގެ ބެޓެރީ ސިސްޓަމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ އެ ކަމާ ގުޅޭ މަސައްކަތްތައް މިހާރު ހުރީ ޓެންޑަރިންގެ މަރުހަލާގައި ކަމަށެވެ.
ގުޅުންހުރި ކަމެއް - ހއ. އުލިގަމުގައި 26 އަހަރު ވަންދެން ރައްޔިތުން ހިންގި އިންޖީނުގެ އާއި ގދ. ނަޑެއްލާގެ 27 އަހަރުވީ ރައްޔިތުންގެ އިންޖީނުގެ ވެސް ނިއްވާލައި މި މަހުގެ ތެރޭގައި އެ ދެ ރަށުގައި ފެނަކައިން ވަނީ ކަރަންޓުގެ ހިދުމަތް ދޭން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ