މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ، ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ އިސްލާހުކުރުމަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިިދިޔަ ޑިސެމްބަރު މަހު އިއްވި 11 އަހަރުގެ ޖަލު ހުކުމް، އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރީ މިދިޔަ މަހު 21ގަ އެވެ.
ތަފްސީލް - ހައި ކޯޓުގެ ތަރުޖަމާނު އަމީން ފައިސަލް ވިދާޅުވީ ޔާމީންގެ މައްސަލައިގެ އިސްތިއުނާފީ ފޯމު އިސްލާހުކުރުމަށް އެ ކޯޓުން އެ މަނިކުފާނުގެ ވަކީލުންނަށް މިއަދު އަންގާފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރަން ހުށަހެޅިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވީއިރު މިހާތަނަށް ހައި ކޯޓުން އިސްތިއުނާފީ މައްސަލަ ބަލައިގެންފައި ނުވާތީ، އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ކޮންމެ ދުވަހަކު ހައި ކޯޓަށް ވަޑައިގަންނަވަ އެވެ.
ފަސްމަންޒަރު - ޔާމީނަށް ދައުވާ އުފުލި އާރަށުގެ 1 މިލިއަން ޑޮލަރުގެ މުއަމަލާތާ ގުޅިގެން އެ މަނިކުފާނު ދިފާއުގައި ވިދާޅުވެފައި ވަނީ، އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ކުރެއްވި ހުކުމްގައި ވިދާޅުވެފައި ވަނީ، ޔާމީން ޑޮލަރު މާރުކުރި ކަމަށް ބުނެ ދިފާއުވުމަށް ހުށަހަޅާފައިވާ ބައެއް ހެކިތައް ސައްހަ ނޫން ކަމަށާއި އެއީ ނުހިނގާ ކަމެއް ހިނގި ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ. އަދި މަނީ ލޯންޑާކުރުމަށް ގެންގުޅޭ ބައެއް އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޔާމީން އިސްކޮށް ހުންނަވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މި ހުކުމް ގަބޫލެއް ނުކުރެ އެވެ. އެ ކޯލިޝަނުން ބުނެފައިވަނީ، އެއީ ސިޔާސީ ނުފޫޒުން ދައުވާ އުފުލައި ކޮށްފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ.
ޔާމީންގެ އިސްތިއުނާފް މައްސަލަ އިސްލާހުކުރަން ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ