ޑެމިނޯ ބަލިކޮށް ސިނާ ސެމީ ފައިނަލަށް

މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ހޯދައިފި އެވެ.
އިޓަލީ އަށް އުފަން އެންމެ ފަހުގެ ޗެމްޕިއަން ޔަނިކް ސިނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގައި އަށް ވަނައަށް ސީޑުކޮށްފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑެމިނޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހައެއް ތިނެއް, ހައެއް ދޭއް އަދި ހައެއް އެކެއްގެ ނަތީޖާއަކުންނެވެ.
މި މެޗުން ޑެމިނޯ ބަލިވުމާއެކު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފާއިތުވެދިޔަ 49 އަހަރުގެ ތެރޭގައި ކާމިޔާބު ކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށް އޭނާ ދެކެމުން އައި ހުވަފެނަށް ވަނީ ނިމުމެއް އައިސްފަ އެވެ. އެންމެ ފަހުން އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ އޮސްޓްރޭލިއާގެ ކުޅުންތެރިޔަކީ މީގެ 20 އަހަރު ކުރިން ލޭޓަން ހެވިޓް އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނާނީ މި މުބާރާތުގައި 21 ވަނަ އަށް ސީޑުކޮށްފައިވާ އެމެރިކާގެ ބެން ޝެލްޑަން އެވެ.
އޭނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި އިޓަލީގެ ލޮރެންޒޯ ސޮނޭގޯ އާއި ދެކޮޅަށް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓް ހައެއް ހަތަރެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން ޝެލްޑަން ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން ލޮރެންޒޯ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު ހަތެއް ހައެއްގެ ނަތީޖާއަކުން ޝެލްޑަން ވަނީ ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މިއީ 2009 ވަނަ އަހަރު އެންޑީ ރޮޑިކް އާއި ސެރީނާ ވިލިއަމްސް އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި ކުޅުނު ފަހުން މި މުބާރާތުގެ ސެމީ ފައިނަލުގައި އެމެރިކާގެ ކުޅުންތެރިއަކު ކުޅޭ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ