ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރަނީ

މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މި ދައުރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރާނެ ކަމަށާއި އެކަމުގައި ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމަކީ ފުލީ ޑިޖިޓަލައިޒް ސާވިސްތަކެއް ލިބޭ، ހަމަ މުހިއްމު ހުރިހާ ޕަބްލިކް ސާވިސް ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްދެވޭ ގައުމަކަށް ހެދުން އިރާދަކުރެވިއްޔާ ހާސިލުކުރެވިގެންދާނެ ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާ އެކީގައި ކުރިއަށް އޮތް މި ދައުރުގެ ބާކީ އޮތް އަހަރުތަކުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔެ އަށް އަންނަ ތަރައްގީތައް ބަލައިގަންނަން ޖެހޭ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތަނުގައި އާޓިފިޝަލް އިންޓެލިޖެންސަކީ (އޭއައި) ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ. ރާއްޖެ ތަރައްގީ ކުރުމުގައި ވެސް އޭއައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށާއި އެސްޓޯނިއާގައި އެކަން ރޭވިފައި އޮތް ގޮތްތައް މި ދަތުރުފުޅުން އެނގިގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެސްޓޯނިއާ އަކީ މި ދާއިރާ އިން އެންމެ ކުރިއަރާފައިވާ ގައުމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްޓޯނިއާ އިން ބުނުމަކީ ރާއްޖެ ގެންދަން ބޭނުންވާ މިސްރާބަށް ގެންދިޔުމުގައި ލިބޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ