ގިލްގެ ވިސްނުމުގައި އޮތީ 18 އަހަރުވީ ތާރީހެއް ބަދަލުކުރުން ގިލްގެ ވިސްނުމުގައި އޮތީ 18 އަހަރުވީ ތާރީހެއް ބަދަލުކުރުން

ލަންޑަން (ޖޫން 20) - އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވާ ޝުބްމަން ގިލް، އިންގްލެންޑްގައި ކުރިއަށްދާ ޓެސްޓް ސީރީސް ކާމިޔާބުކޮށް، 18 އަހަރުވީ ތާރީހެއް ބަދަލުކުރުމުގެ ވިސްނުން އިސްކޮށްފި އެވެ.
އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުރި ރޯހިތު ޝަރްމާ ރިޓަޔާ ކުރުމުންނެވެ. ރޯހިތުގެ އިތުރުން، އޭގެ ކުރިން، ކެޕްޓަނަކަށް ހުރި ވިރާތު ކޯލީ ވެސް ވަނީ އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ރިޓަޔާކޮށްފަ އެވެ. ގިލް، 25، އާ ކެޕްޓަނަކަށް ހަމަޖެއްސީ، ރިޝަބް ޕާންޓް އާއި ޖަސްޕްރީތު ބުމްރާއާ ވެސް ވާހަކަ ދައްކައިފަ އެވެ.
ގިލް ކެޕްޓަނަކަށް ހަމަޖެއްސީ، މިިއަދު އިންގްލެންޑްގައި ފަށާ ފައިވް ޓެސްޓް ސީރީސް އަށެވެ. އިންގްލެންޑުގައި ކުޅޭ މި މެޗު ގިލް އަށް ވަރަށް ހާއްސަވާއިރު، އޭނާ ހުރީ ތަފާތު ކަމެއް ހާސިލްކުރުމުގެ އަމާޒުގަ އެވެ. އިންޑިއާ އިން އެންމެ ފަހުން، އިންގްލެންޑްގައި ޓެސްޓް ސީރީސް އަކުން މޮޅުވީ، 2007 ވަނަ އަހަރު އެެވެ.
ސީރީސްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިލް ބުނީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކާމިޔާބު ކުރުމަށް ވުރެން އިންޑިއާއާ އެކު މޮޅުވުން އޭނާ އަށް ހާއްސަ ކަމަށެެވެ.
"ޓެސްޓް ސީރީސްއެއްގައި އިންޑިއާގެ ކެޕްޓަނެއްގެ ގޮތުގައި، އިންގްލެންޑާ އެކު ކުޅެން މާ ގިނަ ފުރުސަތެއް ނުލިބޭނެ ދެ ފަހަރު ނޫނީ ތިން ފަހަރު ލިބޭނީ ވެސް އެ ކުޅުންތެރިއަކީ އެ އޮތް ޖީލެއްގެ މޮޅު ކުޅުންތެރިއަކަށްވާނަމަ، ކާމިޔާބު ހޯދުން ވަރަށް ހާއްސަވާނެ،" އިންޑިއާ އަށް 32 ޓެސްޓް މެޗުގައި ކުޅެދީފައިވާ ގިލް ބުންޏެވެ.
އައިޕީއެލްގައި ގުޖުރާތު ޓައިޓަންސް އަށް އުމުރުން 18 އަހަރުގައި ކުޅެން ފެށި ގިލް އަކީ މިހާރު އެ ޓީމުގެ ކެޕްޓަނެވެ. އެ ޓީމުން، 2023 ވަނަ އަހަރު އައިޕީއެލް ކާމިޔާބު ކުރިއިރު ގިލް މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު، އައިޕީއެލް އަށް ވުރެ އިންޑިއާއާ އެކު، ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދަން ގިލް ހުރީ އަމާޒުހިފައިގެންނެވެ.
"އައިޕީއެލް އަކީ ކޮންމެ އަހަރަކު އޮންނަ ކަމެއް، ރަނގަޅު ކުރަން ކޮންމެ އަހަރަކު ފުރުސަތު ލިބޭނެ. އެކަމަކު، އަހަރެންގެ ނަޒަރުގައި ޓެސްޓް ސީރީސް އަކުން، އިންގްލެންޑް، އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި ސައުތު އެފްރިކާ އަތުން މޮޅުވުމަކީ، ވަރަށް ބޮޑު ކަމަކަށްވާނީ،" ގިލް ބުންޏެވެ.
ގިލް ވަނީ މިހާތަނަށް އިންޑިއާ އަށް ކުޅުނު ޓެސްޓް ސީރީސް މެޗުތަކުގައި، 1893 ލަނޑު ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ