ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ބަންޑާރަ ނައިބު މުހައްމަދު އުޝާމް ލައިގެން ނުހޯދޭނެ ކަމަށާއި އެމަސައްކަތް ޑރ. މުހައްމަދު މުނައްވަރުއާ ހަވާލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޗާގޯސް މައްސަލާގައި މި ސަރުކާރުން ކަންކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.
އެ މަސައްކަތް، ކުރީގެ ބަންޑާރަ ނައިބުގެ މަގާމުވެސް ފުރުއްވާފައިވާ މުނައްވަރާ ހަވާލުކުރެއްވުމަށް ސަރުކާރަށް ޔާމީން ގޮވާލެއްވީ، ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި މުނައްވަރު އިސްކޮށް ހުންނަވާ ރިޔާސީ ކޮމިޝަނުން ކުރެއްވި މަސައްކަތަށް ތައުރީފު ކުރައްވަމުންނެވެ.
"މިހާރު އެހެރަ [ބަންޑާރަ ނައިބު]އުޝާމާ ހަވާލުކޮށްގެން މިކަމެއް ނުހިނގާނެ. މީގަ އަޅުގަނޑު ހަމަ އެންމެ އިތުބާރު ކުރައްވާ ބޭފުޅަކީ ޑރ. މުނައްވަރު. މުނައްވަރުގެ ބެލުމުގެ ދަށުން މިކަން ދާންވީ. އުޝާމާ ހަވާލުކޮށްގެން މިކަމެއް ނުހިނގާނެ. ދެން ހަމަ މީގެ ތެރެއަށް އަންނަންވީ ވަރުގަދަ ލީގަލް ޓީމެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ރޭ ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ސަރުކާރަށް ގޮތް ކިޔާދޭން ބޭނުންވަނީ އެ ކަނޑުގެ ސަރަހައްދު ކޮންމެހެން ވެސް ހޯދަން ބޭނުންވާތީ ކަމަށެވެ. އިނގިރޭސި ޕާލިމަންޓުގައި އެތަނުގެ ބަހުސްތައް ކުރިއަށް އޮތްތާ ހިނގާނެކަން ފާހަގަކުރައްވާ އެހާ ހިސާބުން އެތަން ހޯދުމަށް ކަންކުރަންޖެހޭނެ ގޮތް ވެސް ޔާމީން ރޭ ވިދާޅުވެދެއްވި އެވެ.
އެގޮތުން ވިދާޅުވީ:
އެންމެ ފުރަތަމަ ކަމަކަށް އެ މަސައްކަތް މުނައްވަރާ ހަވާލުކޮށް ވަރުގަދަ ގާނޫނީ ޓީމެއް ނަގަންޖެހޭ
ދެވަނަ ކަމަކަށް ޗާގޯސްއަކީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތްއިރު ދިވެހީންގެ އަތުން ފޭރިގެންފައި އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ
ތިންވަނަ ކަމަކަށް މިދިޔަ ސަރުކާރުގައި ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ނިންމި ނިންމުމަކީ މަޖިލީހުގެ ހުއްދަ ނުހޯދާ ގާނޫނާ ހިލާފަށް ނިންމާފަ އޮތް ނިންމުމެއް ކަަމަށް ކަނޑައަޅަންޖެހޭ
އޭރުން އިނގިރޭސި ޕާލިމަންޓުގައި އެކަމާ ބަހުސް ކުރާއިރު އެކަމަށް ބާރުލިބޭ ގާނޫނީ ބަހުސްތަކެއް ރާއްޖެއަށް އޮންނާނީ ލިބިފައި
"ގުދުރަތީގޮތުން އަޅުގަނޑުމެންގެ ރަށްތައް އުފެދިފަ މިއޮތް އަށިމަތީގައި އޮތް ތަނެއް ފޯޅަވައްސަކީ. ދެން ޒަމާންވީ ލިޔެކިއުންތަކުން އެބަ އެނގޭ ސޯލާހު ތިތަަނުގައި ހުންނަވައިގެން އެބޭފުޅުންނަކީ އެންމެ ވަރުގަދައަށް މީގެ ދިރާސާ ކުރައްވާ ބޭފުޅުން. އަޅުގަނޑު ސުވާލުކުރެއްވީމާ ވިދާޅުވި ތެދެކޭ. ރައީސް ނާސިރު އިނގިރޭސިން ގަމުން ބާލުވަން ކުރެއްވި މަސައްކަތްޕުޅުގަ ތި ޑިސްކަޝަން އޮތީ އައިސްފައޭ." ޔާމީން ވިދާޅުވި އެވެ.
"އޭރު އިނގިރޭސި ސިފައިން ގަމުން ފައިބަން އެއްބަސްވެފަ އޭރު އިނގިރޭސި ސިފައިން ރައީސް ނާސިރު އަރިހުގައި އެއްސޭ ޗާގޯސްއާ ދޭތެރޭގައި ހަދަނީ ކިހިނެއްހޭ. އެ ހިސާބުން އެބަ އިނގޭ އިނގިރޭސީން ވެސް ގަބޫލުކުރާކަން ޗާގޯސްއަކީ އެމީހުންގެ ގާނޫނީ ބާރު އޮތްތަނެއް ނޫންކަން. ވަދެގަނެ އެމީހުން ބާރުގައި ހިފިތަނެއް އެއީ،"
ފާހަގަކޮށްލެވޭ ކަމެއް - ޗާގޯސްގެ މައްސަލަ މުނައްވަރާ ހަވާލުކުރެއްވުމަށް ރައީސް ޔާމީން ގޮވާލެއްވިއިރު، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މި ސަރުކާރުން ފުރަތަމަ ފެށި މަސައްކަތުގައި، ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ލަފާ ދިނުމަށް މުނައްވަރު އިސްކުރެއްވި އެވެ.
ބަންޑާރަ ނައިބު އޮފީހުން އޭރު ބުނެފައިވާގޮތުގައި މުނައްވަރަކީ:
ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑުތަކާ ބެހޭ ގާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކުރައްވާފައިވާ، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާފައިވާ މި ދާއިރާގެ ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާނޫނީ މާހިރެއް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އެކުލަވާލުމާއި ބައިނަލްއަގްވާމީ ކަނޑާ ބެހޭ މުއާހަދާ އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ގިނަ ގާނޫނީ މަސައްކަތްތަކެއް ކުރެއްވި
ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން 2010 ވަނަ އަހަރު ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ރާއްޖެއިން މައްސަލަ ހުށަހަޅާފައިވަނީ މުނައްވަރުގެ ބެއްލެވުމުގެ ދަށުން
އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި އެ މައްސަލާގައި އޭރުގެ ސަރުކާރުން އަމަލުކޮށް ފައިވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހިންނަށް ހާމަކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ އެއް ބޭފުޅަކީ މުނައްވަރު
އެނގުން މުހިންމު - ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
ގެއްލުނު ކަނޑު އުޝާމަށް ނުހޯދޭނެ؛ މުނައްވަރާ ހަވާލުކުރޭ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ