ކުޅުދުއްފުށީގައި ކުލަގަދަ ރަސްމިއްޔާތަކާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފަށައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.
ކުޅުދުއްފުށި ސިޓީގައި މިއަދު މި މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މުބާރާތް ރަސްމީކޮށް ފެށުމަށް ދަންމަރު ރޯކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ.
މި ދަންމަރު ހަވާލުކޮށްފައިވަނީ  ކުޅުދުއްފުއްޓަށް ނިސްބަތްވާ ޤައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓެއް ކަމަށްވާ އަހުނާ ނިޒާރެވެ.
މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެމްބަރުންނާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ ވެރިންނާއި، މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ އެތުލީޓުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން އަދި ސްކޫލްތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވައި މޭޔަރ އާޠިފް ވަނީ މި މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް ހިއްވަރު ލައިދީ ގިނަ ކަންތައްތައް ތަކެއް ހާޞިލް ވުމަށާއި، އެކި ސްކޫލްތަކުގެ ދަރިވަރުންނާއި ގުޅުން ބަދަހިވުމަށް ލިބޭ ފުރުޞަތެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު އެދެނީ މިފަދަ ބޮޑު ހަރަކާތެއްގެ ތެރެއިން ތިކުދިން ގިނަ ކަންތައްތަކެއް ހާޞިލް ވުމަށް. މީގެ ތެރެއިން އަޅުގަނޑުމެންގެ އަވަށްޓެރި ރަށްރަށާއި ކުޅުދުއްފުއްޓާއި އޮންނަ ގުޅުން ބަދަހިވެ، ދަރިވަރުންނާއި ދަރިވަރުންގެ އާންމު ދިރިއުޅުމަށް މީގެ ސަބަބުން ފައްސި އަސަރުތަކެއް ކޮށްގެންދިއުން." މޭޔަރ ވިދާޅުވެފައިވެއެވެ.
މި ޖޫން މަހުގެ 26 ގެ ނިޔަލަށް ދެ ދަނފަޅިއަށް ބަހާލައިގެން ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ޤައުމީ ފެންވަރުގައި ބާއްވާ 6 ދުވަހުގެ މި މުބާރާތުގައި އުތުރުގެ ސަރަހައްދަކުން 19 ސްކޫޫލަކުން 18 އުމުރުފުރާއެއް 108 އިވެންޓުގައި ވާދަކުރާ ގޮތަށް 725 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
 
 
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ