ހުއްދަ ނެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ބޭސްތަކެއް އިންޑިއާގެ ކޮޗިން އެއާޕޯޓުން ހިފަހައްޓައިފި އެވެ.
ކޮޗިން ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން އެ ބޭސްތައް ހިފެހެއްޓީ އިއްޔެ އެވެ. އެ ބޭސްތަކާއެކު ރާއްޖެ އަށް ފުރަން މަސައްކަތް ކުރީ ދެ ދިވެއްސެއް ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި އޮތެވެ.
އިންޑިއާއިން ބަލްކުކޮށް ބޭސް އެކްސްޕޯޓު ކުރާ ނަމަ ޓެކްނިކަލް އޮފިސާ އޮފް ޑްރަގްސްގެ ސެޓްފިކެޓަކާއި އިމްޕޯޓް އެކްސްޕޯޓް ލައިސެންސެއް ބޭނުންވެ އެވެ. އެ ބޭސްތައް އިންޑިއާއިން ބޭރު ކުރަން އުޅުނީ އެ ދެ ކަންތައް ފުރިހަމަ ނުކޮށެވެ.
ބޭސްތައް ހިފެހެއްޓުމަށްފަހު، އެ ތަކެއްޗާއެކު ރާއްޖެއަށް އެތެރެވާން އުޅުނު ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އެމީހުން ފުރަން އޮތް ފްލައިޓުގައި ހަމަ އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. އެމީހުން ބޭސް ބޭރު ކުރަން މަސައްކަތް ކުރީ ހޭންޑް ލަގެޖުގަ އެވެ. އެ ތަކެތީގެ އަގު ގާތްގަނޑަކަށް ފަސް ލައްކަ އިންޑިއަން ރުޕީސްއަށް އަރާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ ކަސްޓަމްސް އިން އެ މައްސަލަ އިތުރަށް ބަލާނެ ކަމަށް ބުނެފައިވެ އެވެ. އެ ބޭސްތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ ގޮތުގައި ބޭނުން ކުރެވިދާނެ ފަދަ މަނާ ބޭސްތަކެއް ހުރިތޯ ވެސް ބަލާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
"އެ ބޭސްތައް ބޭރު ކުރަން މަސައްކަތް ކުރީ ކީއްކުރަން ކަމެއް އަދި ނޭނގޭ. އެކަން ކުރީ ބޭސްތައް ރީޓެއިލްކޮށް ވިއްކަން ކަމަށް ވެސް ވެދާނެ. ނޫނީ އެހެން ސަބަބެއް ވެސް އޮވެދާނެ. އެ މައްސަލަ އިތުރަށް ކަސްޓަމްސް އިން ބަލާނެ،" އިންޑިއާގެ ނޫހަށް ދިން ކޮމެންޓެއްގައި ކަސްޓަމްސްގެ އޮފިޝަލަކު ބުނެފައިވެ އެވެ.
އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސްތަކެއް އެތެރެ ކުރަން މަސައްކަތް ކޮށްފައި މި ވަނީ ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ބޭސް ލިބުން ދަތި ދުވަސްވަރެއްގަ އެވެ. ބޭހުގެ ދަތިކަން ބޮޑުވެ، އެ މައްސަލަ ހައްލު ކުރަން ސަރުކާރުން ވަނީ ދާދިފަހުން އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.
ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ބޭސްތަކެއް ކޮޗިން އެއާޕޯޓުން ހިފަހައްޓައިފި ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ބޭސްތަކެއް ކޮޗިން އެއާޕޯޓުން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ