ކޯލޯ މުއާނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އަށް

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުންދިޔަ ފޯވަޑް ކޯލޯ މުއާނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.
ފްރާންސަށް އުފަން އުމުރުން 26 އަހަރުގެ ފޯވަޑް މި ސީޒަނުގެ ނިޔަލަށް ޔުވެންޓަސް އަށް ލޯނެއްގެ ދަށުން ބަދަލުވެފައިވާއިރު މިދިޔަ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހަށްފަހު އޭނާ ޕީއެސްޖީއަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި ސީޒަނުގައި އޭނާ ވަނީ ޕީއެސްޖީ އަށް 14 މެޗު ކުޅެދީފަ އެވެ.
ޔުވެންޓަސް އިން ހާމަކޮށްފައިވާ ގޮތުގައި މުއާނީ އެ ކްލަބާއި ގުޅިފައިވަނީ އެއް މިލިއަން ޔޫރޯގެ ފީއަކަށެވެ. އަދި އެޑްއޮންގެ ގޮތުގައި އޭނާއަށް 2.6 މިލިއަން ޔޫރޯ ލިބިގެންދާނެ އެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އިން 93.84 މިލިއަން ޑޮލަރުގެ ފީއަކަށް ޕިއެސްޖީ އާއި ކޯލޯ މުއާނީ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކިލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅުމާއެކު އޭނާ ނެތްތަން ފޫބައްދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކުޅުންތެރިއަކީ މުއާނީ އެވެ.
ކޯލޯ މުއާނީ އާއި ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއި ދެމެދު ގުޅުން ގޯސްވުމުގެ ވާހަކަތައް ދެކެވެން ފެށުމާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 27 މެޗުގައި އަށް ގޯލު ޖަހާފައިވާ މުއާނީ އަށް ވަނީ މި ސީޒަނުގައި އޭނާގެ އެންމެ ރަގަޅު ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ.
މުއާނީ ޔުވެންޓަސް އާއި ގުޅުމާއެކު އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތިއާގޯ މޮއްޓާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުވެންޓަސް އާއި މުއާނީ ގުޅުމަކީ އެ ޓީމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެ ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ