ކައިޓް ސާފިންގެ އަހަރުގެ ފުރަތަމަ މުބާރާތް "ރާރާ ޕްރޯ" އަންނަ މަހު ދިއްފުށީގައި ފަށަނީ ކައިޓް ސާފިންގެ އަހަރުގެ ފުރަތަމަ މުބާރާތް "ރާރާ ޕްރޯ" އަންނަ މަހު ދިއްފުށީގައި ފަށަނީ

އައިކޮނިކް އިވެންޓްސް އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބާއްވާ ކައިޓް ސާފިންގް މުބާރާތް، "ރާރާ ޕްރޯ" އަންނަ މަހު ކ. ދިއްފުށީގައި ބޭއްވުމަށް ނިންމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މިއީ މި އަހަރު ރާއްޖޭގައި ބާއްވާ ކައިޓް ސާފިންގްގެ ފުރަތަމަ މުބާރާތެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެ ކުރިންވެސް ކައިޓް ސާފިންގް މުބާރާތްތަކެއް ރާޅު ގުޑި އަދި ރެޑްބުލް މޯލްޑިވްސް އިން ވަނީ ބާއްވާފަ އެވެ.
އައިކޮނިކް އިވެންޓްސްގެ ފައުންޑަރު، ހަސަން ރަޝީދު (ރަޝް) ވިދާޅުވީ، މޫދު ކުޅިވަރުތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭއްވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މޫދު ކުޅިވަރުގެ ނަފާ އެތުލީޓުންގެ އިތުރުން މުޅި ދިވެހި ރާއްޖޭގެ އިގުތިސާދައް ކުރާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
އައިކޮނިކް އިވެންޓްސް އިން މި ފަހަރު ރާރާ ޕްރޯ މުޅިން އަލަށް ފަށާއިރު، އައިކޮނިކް އިވެންޓްސްގެ އަމާޒަކީ މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިޔުން ކަމަށް ރަޝް ވިދާޅުވި އެވެ. އަދި މުބާރާތުގެ އިތުރުން ކްލިނިކްތައް ކުރިއަށް ގެންގޮސް ކައިޓް ސާފިން އަށް އިތުރު ކުދިން ވެއްދުން ވެސް އެއީ އައިކޮނިކް އިވެންޓްސްގެ އަމާޒެއް ކަމަށް ރަޝް ވިދާޅުވި އެވެ.
މި ފަހަރުގެ މުބާރާތް ދިއްފުށީގައި ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ 10 - 12 އަށެވެ. މި ފަހަރުގެ މުބާރާތުގެ އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ބ. ގޮއިދޫގެ ޒުވާން ކައިޓްސާފާ ރާއިފް ޝަނީޒް (ރާއިއްޕެ) އެވެ. ރާއިއްޕެ ވަނީ އެންމެ ފަހުން ބޭއްވި ރެޑްބުލް ވިންޑް ރައިޑާސް ޕޯޑިއަމް ފިނިޝިރެއްގެ ގޮތުގައި ނިންމާލައިފަ އެވެ.
ރާރާ ޕްރޯގެ މި އަހަރުގެ އެޑިޝަންގައި ކުރިއަށް ދާނީ ހަމައެކަނި ރޭސް އިވެންޓް އެވެ. އެކަމަކު ކުރިއަށް އޮތް އަހަރުތަކުގައި ފޮއިލިންގްގެ އިތުރުން ފްރީ ސްޓައިލް އިވެންޓް ކުރިއަށް ގެންދިޔުމަކީ ވެސް އައިކޮނިކް އިވެންޓްސްގެ އަމާޒެކެވެ.
ރަޝް ބުނީ މި ފަހަރުގެ މުބާރާތުގައި ބޭރު ގައުމުތަކުގެ އެތުލީޓުންނަށް ބައިވެރިވާން ފުރުސަތު އޮންނާނެ ކަމަށާއި އެގޮތުން ބައެއް އެތުލީޓުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
ރާރާ ޕްރޯގެ ފުރަތަމަ އިވެންޓްގެ ބްރޭންޑް އެމްބެސަޑަރު ރާއިއްޕެ - ފޮޓޯ އަތޫފް އާތިފް / އަދަދު ސްޕޯޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ