ހަނި މޮޅަކުން ޕޯޗުގަލްއަށް ތިންވަނަ ތަށި؛ 40 އަހަރުގެ ރޮނާލްޑޯއަށް އުފަލުން ރޮވިއްޖެ

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ރޭ ޕޯޗުގަލްއިން ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް މުބާރާތުގެ ތަށި އުފުލައިލުމާ އެކު ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އުފަލުން ރޮވިއްޖެއެވެ. ޕޯޗުގަލްއިން މެޗު ކާމިޔާބުކުރީ 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-3 އިން މޮޅުވެގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ ސްޕެއިނުންނެވެ. އެ ލަނޑު ޖަހައިދިނީ މާޓިން ޒުބިމެންޑީއެވެ. މާ ގިނައިރުތަކެއްނުވެ، ނޫނޯ މެންޑޭޒް ވަނީ ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެކަމަކު، ހާފު ނިމުމުގެ ކުރިން މިކެލް އޮޔަރްޒަބަލް ވަނީ ސްޕެއިނަށް ލީޑެއް ނަގައިދީފައެވެ. ދެވަނަ ހާފުގައި ޕޯޗުގަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 40 އަހަރުގެ ރޮނާލްޑޯއެވެ. އެއީ، އޭނާ ގައުމީ ޓީމަށް ޖަހައިދިން 138 ވަނަ ލަނޑެވެ. އެއީ ޕޯޗުގަލްގެ ރިކޯޑެކެވެ. ރޮނާލްޑޯ ތަށި ހިފައިގެން: މިއީ އޭނާ ޕޯޗުގަލްއަށް ހޯދައިދިން ތިންވަނަ ތަށި -- ފޮޓޯ/ ގެޓީ އެކަމަކު، މާ ގިނައިރުތަކެއްނުވެ، 88ވަނަ މިނެޓުގައި ރޮނާލްޑޯއަށް ޖެހުނީ އަނިޔާގެ ސަބަބުން ފައިބާށެވެ. އޭގެ ފަހުން ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވެސް އިތުރު ވަގުތުގައި ބޭލިއެވެ. ފުރިހަމަ ވަގުތުގައި ނަތީޖާ ނުނެރެވި ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖެހިތަން ބަލަން ރޮނާލްޑޯއަށް އުނދަގޫވިއެވެ. އެހެންވެ، އެ ތަން ނުބަލަން އޭނާ މަސައްކަތްކުރިއެވެ. ޕެނަލްޓީގައި ޕޯޗުގަލްއިން މޮޅުވީ 5-3 އިންނެވެ. މިއީ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ހޯދި ތިންވަނަ ތައްޓެވެ. ކުރިން ޔޫރޯއާއި ނޭޝަންސް ލީގު ޕޯޗުގަލްއިން އުފުލައިލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ