ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދުއާ ދޭތެރޭ އެފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ އެހެން މީހުންނާ ތަފާތުކޮށް އަމަލު ކުރަމުންދަނީ ކީއްވެތޯ އޭނާގެ ގާނޫނީ ވަކީލުން ސުވާލު އުފައްްދަވައިފި އެވެ.
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް ދާއޫދު އިއްޔެ ހައި ކޯޓުގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން މިއަދާ ހަމައަށް އަމަލު ކުރަމުން އައީ، އެފަދަ ތުހުމަތެއް ކުރެވޭ މީހާއަކީ މުޖުތުމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތް ކަމަށް ބަލައި ހައްޔަރު ކޮށްގެން ނޫން ކަމަށެވެ.
މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު މީގެ ކުރިން ކުރެވިފައިވާ މީހުންނާއި މިހާރު ވެސް އެފަދަ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތުން މިސާލު ނަންގަވައި ނޫރުއްސަލާމް ވިދާޅުވީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކުރާ ނަމަ ކުރަނީ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ފަދަ ހާލަތެއް އޮތް ނަމަ ކަމަށެވެ.
ނަމަވެސް ޝަމްއާން ހައްޔަރު ކޮށްފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ހުރީ މަނީ ލޯންޑަރިންގެ ހަތް ދައުވާ، ހިނގަމުން ދަނީ ކްރިމިނަލް ކޯޓުގައި، ބަންދަކު ނޫން ހުރީ، މަނީ ލޯންޑަރިންގެ ދެ ދައުވާ އަނެއް ބޭފުޅެއްގެ މައްޗަށް، ހިނގަމުން ދަނީ، ބަންދަކު ނޫން ހުރީ،" ނޫރުއްސަލާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހުން ހައްޔަރު ނުކޮށް ޝަރީއަތް ހިންގަމުން ދަނީ ރަނގަޅަށް ކަމަށާއި އެއީ އެކަން ކުރަންޖެހޭ ގޮތް ކަމަށެވެ.
ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލަތަކަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮންނަ ބާވަތުގެ މައްސަލަތަކެއް ކަމަށް މީގެ ކުރިން ދައުލަތުން ގަބޫލު ކުރަމުން އައިސްފައި ނުވާކަން މީގެ ކުރީގެ މައްސަލަތަކަށް ބަލައިލުމުން ސާފުކޮށް އެނގޭ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.
އެހެންވީމާ ޝަމްއާން ތަފާތުވާ ގޮތަކީ ކޮބައިތޯ ސުވާލު އުފައްދަވައި ނޫރުއްސަލާމް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަނީ ވަކި ކަމެއް އޮތީ ވަކި ގޮތަކަށްކަން އާންމުކޮށް އެނގޭ ކަމެއްގައި އެ ނޫން ގޮތަކަށް އެކަން ކުރީ ނުވަތަ ނުކޮށް ދޫކޮށްލީ ކީއްވެކަން ސާބިތު ކޮށްދިނުމަކީ އެކަން ކުރި މީހެއްގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން މީގެ ކުރިން އަމަލު ކުރަމުން އައި ގޮތާ ހިލާފަށް ޝަމްއާންގެ މައްސަލައިގައި ދައުލަތުން އަމަލު ކުރަމުން ދަނީ ކީއްވެކަން ދައުލަތުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.
"އެހެންވީމާ ދައުލަތުގެ ޒިންމާއެއް ކޮރަޕްޝަން މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ހައްޔަރު ކުރާ ނުވަތަ ބަންދުކޮށްގެން ޝަރީއަތް ހިންގާ މީހުން ބަންދު ނުކުރުމުގެ އުސޫލާ ހިލާފަށް ޝަމްއާން ވަހީދަށް އެކަނި ތަފާތުކޮށް އަމަލު ކުރާ ސަބަބު ސާފުކޮށްދިނުން، ކިޔައިދިނުން، ދައުލަތުގެ ޒިންމާއެއް،" ނޫރުއްސަލާމް ވިދާޅުވި އެވެ.
އޭގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބެލޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުގެ ބައިވެރިވުން އޮވެގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮއްވައި ޝަމްއާންއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަ ފުލުހުން އެކަނި ތަހުގީގު ކުރަނީ ކީއްވެތޯ ވެސް ނޫރުއްސަލާމް ސުވާލު އުފެއްދެވި އެވެ.
އިއްޔެގެ އަޑުއެހުން ހައިކޯޓުން ނިންމައިލީ މިއަދު މެންދުރުފަހަށް އިތުރު އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ބުނުމަށް ފަހު އެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެހެން މީހުންނާއި ޝަމްއާން ތަފާތު ކުރަނީ ކީއްވެތޯ ވަކީލުން ސުވާލު އުފައްދައިފި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެހެން މީހުންނާއި ޝަމްއާން ތަފާތު ކުރަނީ ކީއްވެތޯ ވަކީލުން ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ