މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް، އުސް އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އޭނާ ވެއްޓުނު ގޮތަކާއި އެ ރޭ އޭނާއާކު ހަރަކާތްތެރިވި ގްރޫޕަކާ ގުޅޭ ގިނަ ސުވާލުތަކަކަށް ޖަވާބު ބޭނުންވެ އެވެ.
ހާދިސާ ހިނގިތާ އެއް ހަފުތާ ފާއިތުވާން ކައިރިވެފައި އޮތް ނަމަވެސް ފުލުހުން މެދުވެރިކޮށް ސާފު ޖަވާބުތަކެއް އާންމުންނަކަށް ނުލިބެ އެވެ. އެހެންވެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ އެ މައްސަލައާ ގުޅުވައި، ތަފާތު ވާހަކަތައް ދައްކަމުންނެވެ. ގިނަ ތުހުމަތުތަކެއް އުފައްދަމުންނެވެ.
މައްސަލައިގެ ހަގީގަތް ފުލުހުން ފޮރުވަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ހާދިސާގެ ފަހަތުގައި ތިބި، ނުފޫޒުގަދަ ބައެއްގެ ދަރިން ހިމާޔަތް ކުރަން ފުލުހުން މަސައްކަތް ކުރާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އާންމުންގެ ސުވާލާއި ޝަކުވާ އިންތިހާއަށް އަމާޒުވުމުން، ފުލުހުންގެ އިދާރާއިން ރޭގެ ވަގުތެއްގައި ނޫސްވެރިންނާ ބައްދަލު ކުރި އެވެ. ރޭ 11:00 ޖެހިއިރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ވެއްދީ އެއްވެސް ސިފައެއްގައި ބައްދަލުވުން ރިކޯޑު ކުރުން މަނާކޮށް، ފޯނު ވެސް އަތުލުމަށްފަހެވެ.
އެ ބައްދަލުވުމުގައި ފުލުހުން ދިން މައުލޫމާތުތަކާއި ދެއްކި މަންޒަރުތަކުން އުފެދުނީ އިތުރު ސުވާލުތަކެކެވެ. ބުރާސްފަތި ދުވަހުގެ ރޭ އަދި ހުކުރު ދުވަހުގެ ފަތިހު ހިނގައިދިޔަ އެ ހާދިސާ ކޮންމެވެސް ވަރަކަށް ސިފަވި ނަމަވެސް، ފުލުހުން ހިންގި ތަހުގީގުން ޖަވާބު ލިބޭ ގިނަ ސުވާލުތަކެއް ހުރިކަން ހާމަވި އެވެ.
ހުކުރު ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ވެއްޓުނީ ހައްވާ ޔުމްނު ރަޝީދު، 21، އެވެ. ގެއެއްގެ ނުވަ ވަނަ ބުރިން، ޔުމްނު ވެއްޓުނު އިރު، އޭނާއާއެކު އިތުރު މީހަކު އުޅުނެވެ. އެއީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރައުދު އަހުމަދު ޒިލާލް، 21، އަށެވެ.
މި ލިޔުމުގައި މި ބަލައިލަނީ، ފުލުހުން އަދި ޔުމްނުގެ އާއިލާއިން މި ނޫހަށް ދިން މައުލޫމާތަށް ބެލުމަށްފަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދެވޭތޯ އެވެ.
ނޫސްވެރިން ގެންގޮސް ފުލުހުން ކިޔައިދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔުމްނުއާއެކު ބުރާސްފަތި ދުވަހުގެ ރޭ ހަތް މީހަކު ހަރަކާތްތެރިވި އެވެ. އެއީ ޔުމްނުގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ.
އެ ގްރޫޕު އެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެއިރު ގަނޑިން ހިނގާނީ 12:30 ކަމަށް ފުލުހުން ބުނެ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި އެއީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ އެވެ.
މާންދޫގޭދެކުނުގެއިން އެ ގްރޫޕު ނުކުތީ ފަތިހު 3:40 ހާއިރެވެ. އެ ހިސާބުން އެ ގްރޫޕުގައި ހިމެނޭ ހަތަރު މީހަކު ހެންވޭރުގައި ހުރި ގެއަކަށް ވަނެވެ. އޭގެ ތެރޭގައި ޔުމްނު ވެސް ހިމެނެ އެވެ. ނަމަވެސް 10 މިނެޓުކޮށްފައި އެ އެންމެން ވެސް އެ ގެއިން ނުކުތެވެ.
އޭގެ ފަހުން އެ ގްރޫޕު އަނެއްކާ ވެސް ބައިވި އެވެ. ޔުމްނުއާ އެއްކޮށް ހުރީ ރައުދު އެކަންޏެވެ. އަނެއް ދެ މީހުން ދިޔައީ އެއްކޮށް އެހެން ތަނަކަށެވެ. ޔުމްނު އާއި ރައުދު ދިޔައީ ހ. ފެންޓެނޯއީ ކިޔާ ގެއަކަށެވެ. އެއީ 4:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފެންޓެނޯއީއަކީ ޔުމްނު އަދި ރައުދުއާ ވެސް އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ. އެ ގެއަށް އެ ދެ މީހުން ދިޔަ ސަބަބެއް ސީދާ ނޭނގެ އެވެ.
ޔުމްނު އާއި ރައުދު ފެންޓެނޯއީ އަށް ވަންނަ ތަން ބުރުޒުމަގުގައި ހުންނަ ކެމެރާއަކަށް އަރާފައި ހުއްޓެވެ. އެ ދެ މީހުން އެ ހިސާބަށް ދިޔައީ ހިނގައިފަ އެވެ. ޔުމްނު ހުރީ ހުސް ފައިގަ އެވެ. ފުލުހުން ބުނީ އެއިރު އެ ދެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ. ނޫސްވެރިންނަށް ފުލުހުން ދެއްކި ވީޑިއޯގައި ވެސް އެ ދެމީހުންގެ ފަރާތުން އާދަޔާ ހިލާފު ހަރަކާތްތަކެއް ފެނުނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ޔުމްނުއަށް ރަނގަޅަށް ނުވެސް ހިނގެ އެވެ.
ރޭގެ ޕްރެސްގައި ފުލުހުން ދެން ދައްކަނީ ފެންޓެނޯއީ ގޭގެ އަށްވަނަ ފްލޯގައި ހުރި ކެމެރާއިން ރިކޯޑުކޮށްފައިވާ ވީޑިއޯތަކެކެވެ. ފުލުހުން ދެއްކި ތަންތަންކޮޅުން ފެންނަނީ ދެ މީހުން އެކަކު އަނެކަކު ނުފެނިގެން ހަރަކާތްތެރިވާ ތަނެވެ. ބޮޑަށް ހަރަކާތްތެރިވީ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގަ އެވެ.
ވަކި ހިސާބަކުން ފުލުހުން ދެއްކީ އެތައް މިނެޓެއް ކުރިއަށް އޮޅާލައި ވީޑިއޯގެ އެހެން ތަންކޮޅެކެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެން މީހާ ފިރިހެން މީހާގެ ޓީޝާޓު ލައިގެން ހުރި ތަނެވެ. ފިރިހެން މީހާ ހުރީ ހުސްގަޔާ އެވެ. ފުލުހުން ބުނީ އޭގެ ކުރިން އެ ދެ މީހުން "ބަދުއަހުލާގީ އަމަލުތަކެއް" ހިންގި ކަމަށާއި އެކަން ކުރީ ދެމީހުންގެ ވެސް ރުހުމުގައި ކަމަށް ބެލެވޭ ކަމަށެވެ.
ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ޔުމްނު ވެއްޓުނީ އޭގެ ފަހުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތި ކަމަށް މިހާތަނަށް ތަހުގީގަށް ހޯދި ހޯދުންތަކުން ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. ޔުމްނު ވެއްޓުނު ކަމަށް ބުނާ ނުވަ ވަނަ ފްލޯގައި ކެމެރާއެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
ވެއްޓުމުގެ ކުރިން އަށްވަނަ ފްލޯގެ އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖެހުމަށްފަހު ނުވަ ވަނަ ފްލޯއަށް ޔުމްނު އަރާ މަންޒަރު ފެނެ އެވެ. އޭގެ ފަހުން ފިރިހެން މިހާ ހަތްވަނަ ފްލޯ އިން އަށްވަނަ ފްލޯއަށް އަރަ އެވެ. ފިރިހެން މީހާ އަށްވަނަ ފްލޯއިން ނުވަ ވަނަ ފްލޯއަށް އަރަން ފަށާތަނުން ބާރު އަޑެއް އިވެ އެވެ. ފުލުހުން ބުނަނީ އެއީ އަންހެން މީހާ ވެއްޓުނު އަޑު ކަމަށެވެ. އެއީ ގަޑިން އެ ރޭ ފަތިހު 4:52 ގަ އެވެ.
ނަމަވެސް، އެ މަންޒަރެއް ނުފެނެ އެވެ. ފިރިހެން މީހާ ނުވަ ވަނަ ފްލޯއިން ތިރިއަށް ފައިބާ މަންޒަރެއް، އަދި ތިރިއަށް ފައިބާ މަގުމަތީގައި އުޅޭ މަންޒަރެއް ވެސް ފުލުހުން ނުދައްކަ އެވެ. ވެއްޓޭ އަޑު އިވޭ ކަމަށް ބުނާ ވީޑިއޯ ތިންވަނަ ފަހަރަށް ދެއްކުމަށް އެދުމުން ފުލުހުން އެކަމަށް ދެކޮޅު ހެދި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ޔުމްނުގެ ފުރިހަމަ ވަނަވަރު ހާމަކޮށްފަ އެވެ. ނަމަވެސް ޔުމްނުއާއެކު ހުރި ރައުދުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނޫސްވެރިން ސުވާލު ކުރުމުން ވެސް އެ މައުލޫމާތު ހާމަކުރަން ފުލުހުން ދެކޮޅު ހެދި އެވެ.
ފެންޓެނޯއީ ގޭގައި ޔުމްނު އާއި ރައުދު ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ ދެއްކި އިރު ހުރީ ރައުދުގެ މޫނު ނުފެންނާނެ ގޮތަށް ފުސްކޮށްފަ އެވެ. ޔުމްނު އާއި ރައުދުއާއެކު އެރޭ ކުރިން އުޅުނު މީހުންގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޔުމްނު ވެއްޓުނު ފެންޓެނޯއީ ގޭގެ ނަން ފުލުހުން ހާމަ ކުރި އެވެ. އެކަމަކު، އޭގެ ކުރިން އެ ގްރޫޕުން ދިޔަ ދެ ގޭގެ ނަން ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލާގެ ތަހުގީގަށް ފުލުހުން ބަލައިފާސްކޮށްފައިވަނީ ރައުދުގެ ގެ އާއި ޔުމްނު ވެއްޓުނު ގޭގެ ސިޑިގޮޅި އެވެ. އެ ގްރޫޕު އެންމެ ފުރަތަމަ ދިޔަ ގެ ފުލުހުން ފާހެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޔުމްނު އާއި ރައުދު މަސްތުވާއެއްޗެހި ބޭނުން ކުރީ ފުރަތަމަ ދިޔަ ގޭގަ އެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރުގެ ގެ އެވެ.
އެ މައްސަލައިގައި ފުލުހުން ނެގީ ޔުމްނު އާއި ރައުދުގެ ޔޫރީން ސާމްޕަލް އެކަންޏެވެ. އެ ދެ މީހުންނާއެކު އެންމެ ފަހުން ތިބި ދެ މީހުން ޔޫރީން ސާމްޕަލް ދޭން ދެކޮޅު ހަދާ ކަމަށް ފުލުހުން ބުންޏެވެ. ޔޫރީން ސާމްޕަލް ނުދިން ނަމަވެސް އެ މީހުން ބަންދުކޮށްފައެއްނުވެ އެވެ.
ސާމްޕަލް ނެގި ދެ މީހުންގެ ސާމްޕަލް ވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވް އެވެ. ފުލުހުން ބުނީ ރައުދު ޕޮސިޓިވް ވީ ކެނަބިސްއަށް ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ރައުދުއާ ސުވާލު ކުރި ނަމަވެސް އެއްވެސް އިރެއްގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
އެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި، ޔުމްނުއާއެކު ބުރާސްފަތި ދުވަހުގެ ރޭ ހަރަކާތްތެރިވި އަށް މީހުންގެ ތެރެއިން ސުވާލު ކުރީ ހަ މީހުންނާ އެވެ. އެ ގްރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން އެކަކު ވީނުވީ ތަނެއް ނޭނގޭތީ ސުވާލު ކުރުމުގެ ފުރުސަތު އަދި ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ރައުދު ހައްޔަރު ނުކުރާ ސަބަބާއި ފުލުހުންނަށް ޔޫރީން ސާމްޕަލް ދޭން ދެކޮޅު ހެދި ދެ މީހުންނާމެދު ފިޔަވަޅު ނާޅާ ސަބަބާއި ހޯދައި ނުފެނިގެން އުޅޭ މީހާ ހޯދުމަށް އިއުލާނު ނުކުރާ ސަބަބެއް ފުލުހުން ނުބުނެ އެވެ.
ޔުމްނުގެ އާއިލާ އިން އަދަދު ގެ ޓީމާ ބައްދަލުކުރީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ވަނީ ހުކުރު ދުވަހު ހެނދުނުން ފެށިގެން އާއިލާއަށް ކުރިމަތިވެފައިވާ ހާސްކަމާއި ފުލުހުން އަދި ހޮސްޕިޓަލުން ކަންތައް ކުރި ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޔުމްނު ވެއްޓިފައި އޮއްވައި އާންމުންގެ ބަޔަކަށް ފެނިގެން ރިޕޯޓުކުރީ އޭޕްރީލް 18، ގެ ހެދުނު 7:26 ގައި ކަމަށެވެ. އޭނާ ވެއްޓިފައި އޮތީ ފެންޓެނޯއީ އާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށެވެ. ޔުމްނު އެތަނުން ބާލާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އެހީތެރިކަމާއެކު 8:30 ގައި ކަމަށް އާއިލާއިން ބުނެ އެވެ.
ޔުމްނު ފެނުނުއިރު އެއީ ކާކުކަން ދެނެ ނުގަނެވޭ ކަމަށާއި ކާކުކަން އެނގުނީ 45 ވަރަކަށް މިނެޓު ފަހުން ކަމަށް ފުލުހުން ބުންޏެވެ. އާއިލާއަށް އެކަން އެންގީ ހަމަ އެހާއިރު ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.
ނަމަވެސް، އާއިލާއިން ބުނި ގޮތުގައި ފުލުހުންގެ ފުރަތަމަ ފޯން ކޯލެއް ލިބުނީ އެ ދުވަހު ހެދުނު 9:09 ގަ އެވެ. ޔުމްނު ވެއްޓިފައި އޮތް މަންޒަރު ފެނިގެން ފުލުހުންނަށް ބަޔަކު އެ މަންޒަރު ރިޕޯޓު ކުރީ 4:30 ގައި ކަމަށް އާއިލާ ކައިރީގައި ފުލުހުން ބުންޏެވެ.
އެކަމަކު، ފެންޓެނޯއީގައި ޔުމްނު ހަރަކާތްތެރިވާ މަންޒަރު ފުލުހުން ދެއްކި ވީޑިއޯގެ ގަޑިން 4:30 ގައި ވެސް ފެނެ އެވެ.
"ފުލުހުން ފުރަތަމަ ބުނީ ރިޕޯޓުކުރީ 4:30 ގަ އޭ. ދެން ފަހުން އަހަރުމެން ސުވާލު ކުރީ 4:30 ގަ ކުރި ރިޕޯޓެއްގެ ވިކްޓިމް 8:30 ގަ ހޮސްޕިޓަލަށް ގެންދެވުނީ ކީއްވެހޭ. ހަތަރު ގަޑިއިރު ހޭދަވީ ކީއްވެހޭ. މި ސުވާލަށް އެ މީހުން ފަހުން ދިން ޖަވާބަކީ މީހަކު ރިޕޯޓުކުރީ ގާތްގަނޑަކަށް 7:20 އާއި 7:25 އާ ދެމެދުގައި ކަމަށޭ،" އާއިލާއިން ބުންޏެވެ.
މީގެ އިތުރުން، ޔުމްނު ހޮސްޕިޓަލަށް ގެންދިޔައީ ކޮންތާކުން ކަމެއް، ކޮން ބައެއް ކަމެއް އޭރު ނޭނގޭ ކަމަށާއި އާއިލާ ހޮސްޕިޓަލަށް ދިޔައިރު ފުލުހުން އެތަނުގައި ނެތްކަން ވެސް އާއިލާއިން ފާހަގަކުރި އެވެ. ފުލުހުންގެ ތަހުގީގު ހިންގާ އޮފިސަރުންނާއި ސްޓޭޝަނުގެ މައުލޫމާތު ދޭން ވެސް ފުލުހުން ފުރަތަމަ ދެކޮޅު ހެދި ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.
އެ ތަފުސީލުތައް ލިބި ޔުމްނުގެ އާއިލާއަށް ފުލުހުންނާ ޝަކުވާތައް ހިއްސާކުރެވުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އެކަށީގެންވާ އެއްބާރުލުމެއް ފުލުހުން ނުދިން ކަމަށާއި ޔުމްނުގެ ހާލު ރަނގަޅު ނުވަނީސް އޭނާގެ ބަޔާނެއް ނަގަން ފުލުހުން މަސައްކަތް ކުރި ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"[ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު] ސާމިހު ގުޅާފަ ބުނަނީ ތިމަންމެނަށް އިންފޮމޭޝަން ލިބިއްޖޭ ޔުމްނު މިހާރު ހޭ އަރައިގެން އުޅޭ ވާހަކަ. އެހެންވީމަ ތިމަންނަމެންނަށް ސްޓޭޓްމަންޓެއް ނެގިދާނެތޯއޭ،" އޭނާ ބުންޏެވެ.
ސްޓޭޓްމަންޓު ނަގަން ދާކަން ފުލުހުން އެންގީ ލޯޔަރަކު ނެތި އެކަން ކުރަން ބޭނުންނުވާ ކަމަށް އާއިލާއިން ބުނުމުންނެވެ. އެގޮތަށް ޑިމާންޑުކުރީ މައްސަލައިގައި ހިމެނެހޭ އެހެން މީހުންނަށް ލޯޔަރުން ގެންދިޔުމުގެ ފުރުސަތު ދިނުމުން ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.
ހ. ފެންޓެނޯއީ ގެ އަށްވަނަ ފަންގިފިލާގައި ހުރި ކެމެރާއިން ފެންނަ މަންޒަރުގެ ކުރެހުމެއް : މިއީ ރޭގަ ދެއްކި ފުޓޭޖުން ފެނުނު ގޮތް އެ ވަގުތު ކުރެހުމަށް ކުރި މަސައްކަތަށް ބަލާ ކުރާހާފައިވާ ކުރެހުމެއް ---
ފުލުހުން ޔުމްނުގެ ބަޔާން ނަގަން މަސައްކަތްކުރީ އާދިއްތަ ދުވަހު އެވެ. އެއިރު ޔުމްނުގެ ލޯ ހުޅުވުނު ނަމަވެސް ހުރިހާ ކަމަކަށް ރެސްޕޮންޑު ނުކުރާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ދިޔައީ ބުނަމުންނެވެ. އެ މައުލޫމާތު ހިއްސާކުރުމުން ވެސް ފުލުހުން ބޭނުންވީ އެ ހާލަތުގައި ބަޔާން ނަގަން މަސައްކަތް ކުރުމަށް ކަމަށް އާއިލާއިން ބުންޏެވެ.
"ހަމަ އެ ކޯލްގަ، [ޔުމްނު] ހަރަކާތެއް ކޮށްފިއޭ، ރެސްޕޮންޑެއް ކުރިއޭ ބުނީމަ ބުނަނީ ތިމަންނަމެން ވަރަށް މަދު ސުވާލޭ ކުރާނީ. ދެން އެ ހަރަކާތްތަކުން ޖަވާބެއް ދެވުނަސް އޯކޭއޭ. އަހަރެން ބުނިން ކިހާ ބޮޑު އަނިޔާއެއް ނޫންހޭ ތި ދެވެނީ. ދެން ބުނީ އަސްލު ޕްރޮޓޮކޯލް އިންނަ ގޮތުން ތިމަންނަމެން ނުޖެހެޔޯ ބަޔާން ނަގާއިރު ވަކީލެއްގެ ފުރުސަތު ދޭކަށް ވެސް،" އާއިލާއިން ބުންޏެވެ.
އެހިސާބުން، ޔުމްނުގެ އާއިލާއިން ތަހުގީގަށް އެއްބާރުލުން ނުދޭން އުޅޭހެން ހީވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް ފުލުހުން ބުނި ސަބަބު ސާފުކުރަން އެދުމުން ޖަވާބެއް ދީފައެއް ނުވެ އެވެ.
އެ ދުވަހު ރުންކުރުކޮށް ވާހަކަ ދެއްކުމަށްފަހު ފުލުހުންގެ ރާގު ބަދަލުވީ އެ ރޭ އަދި ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ޕޯސްޓުތަކެއް ދައުރުވާން ފެށުމުން ކަމަށް އާއިލާއިން ބުނެ އެވެ. ޖެހިގެން އައި ދުވަހު އެހެން ފުލުހަކު އާއިލާއަށް ގުޅައި ތަހުގީގުގެ މައުލޫމަތު ދޭން މަސައްކަތް ކުރި ކަމަށް އާއިލާއިން ބުނެ އެވެ.
ޔުމްނުގެ އާއިލާއިން ގަބޫލު ކުރަނީ އޭނާ ވެއްޓުނު ފްލޯގައި ވެސް ކެމެރާ ހުރި ކަމަށެވެ. ނަމަވެސް ފުލުހުން ބުނަނީ އެތަނުގައި ކެމެރާއެއް ނެތް ކަމަށެވެ.
ހާދިސާއަށްފަހު އެ އިމާރާތަށް ދިޔަ ޔުމްނުގެ އާއިލާގެ ބައެއް މީހުންނަށް، އެތަނުގައި ކެމެރާ ހުރިތަން ފެނުނު ކަމަށް އާއިލާއިން ބުނެ އެވެ.
ޔުމްނު ވެއްޓުނު ފެންޓެނޯއީގެ ޓެރަސް އަށް އޭނާ ވެސް އަދި ރައުދު ވެސް އަރާފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. ޓެރަސްއަކީ އާންމުކޮށް ތަޅުލާފައި ހުންނަ ތަނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އާއިލާއިން ބުނަނީ އެ ދެ މީހުން ވެސް އެ ގޭގެ ޓެރަސްއަށް އަރާފައިވާ ކަމަށެވެ. އާއިލާއިން އެގޮތަށް ބުނާ ސަބަބަކީ، އެ ޓެރަސްއަކީ އާންމުކޮށް ހުޅުވާފައި ހުންނަ ތަނެއް ކަމަށް ގޭގެ ވެރި ފަރާތުން އާއިލާ ކައިރީގައި ބުނެފައިވާތީ އެވެ.
މީގެއިތުރުން، އާއިލާއިން ބުނާ ގޮތުން މިކަމުގައި ހިމެނޭ އަށް މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ޔުމްނުގެ އާއިލާ ކައިރި ބުނެފަ އެވެ. ނަމަވެސް ފުލުހުން ރޭ ބުނީ މިހާތަނަށް މަސްތުވާތަކެއްޗަށް ޓެސްޓުކުރީ ރައުދު އަދި ޔުމްނު އެކަނި ކަމަށެވެ.
ފުލުހުން މީޑިއާތަކަށް ދެއްކި ކެމެރާ ފުޓޭޖާއި، އާއިލާއަށް ދެއްކި ފުޓޭޖު ވެސް ތަފާތެވެ. އާއިލާއަށް ދެއްކި ފުޓޭޖުގައި އެއްވެސް އަޑެއް ނެތެވެ. ނަމަވެސް ޔުމްނު ވެއްޓޭ ވަގުތު ފުލުހުން ކަށަވަރުކުރަނީ އަޑުންނެވެ. އާއިލާއަށް ދެއްކި ފުޓޭޖުގައި ވަގުތު ހިނގާ ތަން ވެސް ނުދައްކަ އެވެ.
ފުލުހުންގެ ތަހުގީގާމެދު އާއިލާއިން ސުވާލު އުފައްދަނީ މި ސަބަބުތަކާ ހެދި އެވެ. ސިއްރުކުރާ ކަމަށް ވެސް ބުނަނީ މިހެން ކަން ހިނގާފައިވާތީ އެވެ.
ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް އާއިލާއިން ހޮސްޕިޓަލުގައި އެދުނެވެ. ނަމަވެސް ޔުމްނު ހޮސްޕިޓަލަށް ގެންދިޔަ ދުވަހު އަދި އެއާ ޖެހިގެން އައި ދުވަހު ވެސް އެފަދަ ޓެސްޓެއް ނުކުރެ އެވެ.
ޔުމްނުއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ޓެސްޓު ކުރިތޯ އާއިލާއިން ފުލުހުން ކައިރީ އެހުމުން ފުލުހުން ބުނީ އެފަދަ މައްސަލަތަކުގައި ފުރަތަމަ ބަލަނީ ފުރާނަ ސަލާމަތް ކުރެވޭތޯ ކަމަށެވެ.
"އެ ޓެސްޓު ކުރެވިދާނެތޯ އަހަރުމެން އެހިން. މިއީ ބަލަން ޖެހޭ ކަމެއް ނޫންހޭ. ކޮންމެ ފަދަ ގޮތަކަށް ވެސް މި ހާދިސާ ހިނގާފާނެއެއް ނޫންހޭ ބުނިން،" އާއިލާއިން ބުންޏެވެ.
މިގޮތަށް ފުލުހުން ގާތު އެ ޓެސްޓު ހެދުމަށް އާއިލާއިން ދެ ފަހަރަކު އެދުނެވެ. އާދިއްތަ ދުވަހު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ގާތު ވެސް އެހި އެވެ.
ޔުމްނު ހޮސްޕިޓަލަށް ގެންދިޔަ ވަގުތުން ފެށިގެން ހެދި ޓެސްޓުތަކުގެ ނަތީޖާ އާއިލާއާ ހިއްސާކުރަން އައިޖީއެމްއެޗުން ގެންދިޔައީ ދެކޮޅު ހަދަމުން ކަމަށް އާއިލާއިން ބުނެ އެވެ.
"މިއަދު [އަންގާރަ ދުވަހު] އަހަރެން ޕޭޝަންޓު ސީޓީ ސްކޭން ހަދަން ގެންދިޔަ ގަޑީގަ ފައިލް ނެގީ. ނެގީމަ ޑޮކްޓަރުންނާއި ނަރުހުން ބުނީ ފައިލް ބާއްވާށޭ. މިއެއް ނުބެލޭނެއޯ. ތި އެއްޗިއްސަކީ މިތަނުގެ އެއްޗިއްސޯ. އަހަރެން ބުނިން އަހަރުމެންނަކީ އާއިލާއޭ. ބެލޭނެއޭ. ބުނީމަ ބުނީ ފުލުހުންނަށޭ ގުޅާނީ ބަލަންޏާ،" އާއިލާއިން ކިޔައިދިނެވެ.
އައިޖީއެމްއެޗުގެ ނުރުހުމާއެކު ނަމަވެސް ބެލި ބެލުމުން އާއިލާގެ މެންބަރުންނަށް ފެނުނީ ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން ހަދާ ޓެސްޓު ހެދުމަށް ޑޮކްޓަރުން އެދިފައިވާ ލިޔުމެވެ. އެ ލިޔުމުން އެނގުނު ގޮތުގައި، އެ ޓެސްޓު އާދީއްތަ ދުވަހު ހެދުމަށް ޑޮކްޓަރުން ވަނީ އެދިފަ އެވެ. އެކަމަކު، ފެމިލީ ޕްރޮޓެކްޝަން ޔުނިޓުގެ ބައެއް ނުލިބިގެން ކަމަށް ބުނެ އާދީއްތަ ދުވަހު އެ ޓެސްޓު ހަދާފައެއް ނުވެ އެވެ.
ޓެސްޓު ހެދުމަށް ޑޮކްޓަރުން އެދުނު ކަމާއި އެފްޕީޔޫ އިން ޖަވާބެއް ނުލިބޭކަން އެނގޭ ލިޔުން ---
ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން ހަދަންޖެހޭ ޓެސްޓު ހަދަން ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން ޔުނިޓުން އާއިލާއަށް ގުޅީ އަންގާރަ ދުވަހެވެ. އެއީ އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހެވެ. އާއިލާއިން ބުނަނީ ފުލުހުންގެ ސްޓޭންޑު ބަދަލުވެ ޓެސްޓު ހަދަން އެދުނީ ޖިންސީ ގޯނާ އަދި ރޭޕުގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވުމުންނެވެ.
ނަމަވެސް އޭރު އައިޖީއެމްއެޗްގެ ގައިނީ ޓީމަކުން ވަނީ 72 ގަޑިއިރު ފަހުން މި ޓެސްޓު ހެދި ނަމަވެސް މާބޮޑު ބޭނުމެއް ނެތް ކަމަށް އާއިލާ ކައިރި ބުނެފަ އެވެ.
"އައިޖީއެމްއެޗްގެ ގައިނީ ޓީމެއް އައިމަ އަހަރުމެން ބުނީ 72 ގަޑިއިރު ވެއްޖޭ. އެވަރުން ޓެސްޓު ކްރެޑިބަލް ވާނެހޭ. ބުނީމަ ބުނީ އެ މީހުން ހޯދަނީ ސީމަން [މަނި] ކަމަށް ވަންޏާ އެ ނުފެންނާނެއޭ 72 ގަޑިއިރު ފަހުން. އެ ހިސާބުން އަހަރުމެން ބުނެފިން މިކަމުގެ ބޭނުމެއް ކޮބާހޭ، އެންމެ ޑޮކްޓަރެއް ނޫން މެޑިކަލް ޓީމަކުން މިބުނީ،" އާއިލާއިން ބުންޏެވެ.
އެ ހިސާބުން ފެށިގެން އާއިލާއިން އަންނަނީ އެ ޓެސްޓު ހެދުމުގެ ހުއްދަ ދޭން އިންކާރު ކުރަމުންނެވެ. ސަަބަކަކީ ހޮސްޕިޓަލުގެ އިހުމާލުން އެކަން ކުރަން ޖެހޭ ވަގުތު ނުކުރެވުމެވެ. މިކަމާ ގުޅިގެން، އާއިލާއިން ސަބަބެއް ނެތި ޓެސްޓު ހަދަން އިންކާރުކުރާ ކަމަށް ފުލުހުންގެ ބަޔާނެއްގައި ލިޔުނު ކަމަށް ވެސް އާއިލާއިން ބުންޏެވެ.
ފުލުހުންގެ ވާހަކަތަކާއި އާއިލާގެ ތުހުމަތުތަކާ ގުޅިގެން މި ނޫހުގެ ޓީމަކުން ވާނީ ފެންޓެނޯއީ އަށް ވަންނަން މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް، ހާދިސާގެ ފަހުން އެ ގޭގެ މައި ދޮރުގައި އޮޓޮމެޓިކް ލޮކް ސިސްޓަމެއް ހަރުކޮށްފައިވާކަން ފާހަގަވި އެވެ. އެ ސިސްޓަމް ހަރުކުރަން ފާރު ތޮރުފުމުން ފޭބި ކުނޑި، ބިންމަތިން އަދި ފާރުގައި އިން ނަން ބޯޑަކުން ފެންނަން ހުއްޓެވެ.
ހ. ފެންޓެނޯއީ ގައި އަލަށް ތަޅެއް ހަރުކޮށް ފިންގަޕްރިންޓް މެޝިނެއް ބަހައްޓާފައި : މިފަހުން ކުރި ކަމެއް ކަމުން ފާރު ކުނޑިތައް އަދިވެސް އެތަނުގައި އެބަހުރި ---
މިއީ މި ފަހުން ހަރުކުރި ތަޅެއްކަން އެނގެނީ ރޭ ފުލުހުން، އެ ގޭގެ މައި ދޮރު އާންމުކޮށް ހުޅުވާފައި ހުންނަ ކަމަށް ބުނުމުންނެވެ.
ގެއަށް ވަދެ ނުކުމެ އުޅޭ މީހުންނާ ވާހަކަ ދެއްކުމުން، އެ ގޭގެ ވެރިން ކަމަށް ބެލެވޭ ބަޔަކު އަދި ދިރިއުޅޭ މީހުން ވެސް ވަނީ ނޫސްވެރިން އެ ގެއަށް ވަނުމަށް ހުރަސްއަޅައިފަ އެވެ. ސަބަބެއް ބުނެ ނުދެ އެވެ. ރޭ ދަންވަރު، މިއަދު ހެދުނު، އަދި މިއަދު މެންދުރު ވެސް މި ނޫހުގެ ޓީމުން އެ ގެއަށް ވަނުމަށް މަސައްކަތް ކޮށްފައިވާނެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ: ތަހުގީގުން ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އަދި ހޮސްޕިޓަލުގެ ބޮޑެތި މައްސަލަތަކެއް ޔުމްނު ވެއްޓުނު ހާދިސާ: ތަހުގީގުން ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އަދި ހޮސްޕިޓަލުގެ ބޮޑެތި މައްސަލަތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ