ތުރުކީގެ އެންމެ ބައިބޯ އެއް ސިޓީ ކަމަށް ވާ އިސްތަންބޫލު ކައިރިއަށް އައި ބިންހެލުމަކާއެކު އިމާރާތްތަކަށް ގުޑުން އަރައިފިއެވެ.
ތުރުކީއަށް ބިންހެލުމެއް އައިސް އެތައްހާސް ބަޔަކު މަރުވެ ތުރުކީއަށް ލިބުނު ސިހުމުން އަރައި ނުގަނެވި އުޅެނިކޮށް އައި މި ބިންހެލުމާއެކު އުސް އިމާރާތްތަކުން އެތައް ސަތޭކަ ބަޔަކު ވަނީ ބޭރަށް ފުންމާލާފައެވެ.
ރިކްޓާ މިންގަޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ލޮޅުން އަރަމުން ދިޔައިރު ބިރުން ފުންމަމުން ދިޔަ މީހުން އެކަން ކުރީ ހާސްކަމާއި ކަންބޮޑުވުން އެމީހުން ވަށާލާފައި ވާތީއެވެ. މިހާދިސާގައި 150 މީހަކަށް އަނިޔާވެގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ތުރުކީގެ މަރުމަރާ ކަނޑަށް އައި ބިންހެލުމުގެ ލޮޅުން އިސްތަންބޫލުގެ ދެކުނުން 550 ކިލޯމީޓަރު ދުރުގައި އޮތް އިޒްމީރަށް ވެސް އެރިއެވެ.
މާބޮޑު ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވި ނަމަވެސް ފަޅު ސަރަހައްދެއް ކަމަށް ވާ ފާތިހް ގައި ހުރި ހުސް އިމާރާތެއް ވެއްޓިފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
އިސްތަންބޫލަށް ހާސްކަން ވެރިވެފައި ވާ އިރު އިމާރާތްތަކުން ގިނަ ބަޔަކު ނިކުމެ މިހާރު ތިބީ މަގުމަތީގައެވެ. ހަބަރުތައް ބުނާގޮތުން އެމީހުންނަށް އިހުސާސް ކުރެވެނީ އިތުރު ލޮޅުންތަކެއް އަތުވެދާނެ ކަމަށެވެ.
އިސްތަންބޫލުގައި މިވަގުތު ހުރި ދިވެއްސަކު ބުނީ, އޭނާއަށް ވެސް ލޮޅުމުގެ އިހުސާސް ކުރެވުނު ކަމަށާއި ނަމަވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މި ބިންހެލުމާއެކު ކުޑަކުދިންނާއި އަންހެނުން އަދި އާންމު އެތައް ބަޔަކު ހާސްކަމުގައި ތިބި މި ވަގުތަކީ ސިޔާސީ މަޝްރަހު ހޫނުވެފައި ވާ އިސްތަންބޫލުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިނގަމުން ދިޔަ ވަގުތެކެވެ. އިސްތަންބޫލުގެ މޭޔަރު ސަރުކާރުން ހައްޔަރު ކުރުމާއެކު އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާތައް ކޮށްފައި ވާ އިރު މޭޔަރުގެ އިތުރުން އެތައްހާސް ބަޔަކު މިހާރުވެސް ތިބީ ހައްޔަރު ކޮށްފައެވެ.
މިހާދިސާ އާ ގުޅިގެން މޭޔަރު ބުނެފައި ވަނީ ރައްޔިތުންނަށް ދިމާވި މި ހިތާމަވެރި ވަގުތުގައި އެމީހުނާއެކު ނުހުރެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
2 ދުވަހަށް ސްކޫލުތައް ބަންދުކޮށް އާންމު ބައެއް ހިދުމަތްތައް ވެސް މަޑުޖައްސާލާފައި ވާ މި ދަނޑިވަޅުގައި ބިންހެލުމާއެކު އިތުރު ލޮޅުންތަކުގެ ގޮތުގައި 50 ކުދި ޝޮކް އައި ކަމަށް އެގައުމުގެ ދާހިލީ ވުޒާރާއިން ބުނެއެވެ.
މިހާދިސާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވިދާޅުވީ, ހާދިސާއާ ގުޅޭ މައުލޫމާތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި މީހުން ހޯދުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށެވެ. އަދި ލިބުނު ގެއްލުންތައް ދެނެގަނެ ވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ތުރުކީއަށ އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓި އެތައް ބަޔަކު މަރުވެ އަދި މަގުތަކާއި އެތަން މިތަން ހަލާކުވެ ބޮޑެތި ގެއްލުންތައ ލިބި އަރައިގަތުމަށް ވަގުތީ ހިޔާތަށް ހަދާ ނިނުމީ ދާދި އިހަށް ދުވަހުއެވެ.
ބިންހެލުމެއް އައިސް ތުރުކީގެ އިސްތަންބޫލް ގުޑުވާލައިފި, ބިރުން އިމާރާތްތަކުން ފުންމި އެތައް ބަޔަކު ޒަހްމްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ